ސްކޫލުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ނުވަތަ ވޭޕް ކުރަމުންދާ ޓީޗަރުން 10،000 ރިންގިޓްއިން ޖޫރިމަނާކުރެވޭނެކަމަށާއި، ނުވަތަ ދެ އަހަރަށް ޖަލަށްލުމުގެ ފުރުސަތު އާންމު ސިއްހަތަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލްކުރާ 2024ގެ ގާނޫނުގެ ދަށުން ލިބިގެންވާކަމަށް މެޅޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މި ފިޔަވަޅަކީ ސްކޫލްތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ސިޔާސަތުތައް ވަރުގަދަކުރުމަށާއި، ދަރިވަރުންގެ މެދުގައި ވޭޕިން ސަގާފަތް އިތުރުވަމުންދާތީ އުފެދޭ ކަންބޮޑުވުންތައް ހައްލުކުރުމަށް އެޅުނު ފިޔަވަޅެކެވެ.
އެޑިއުކޭޝަން މިނިސްޓަރު ފަދްލީނާ ސިޑެކް ވިދާޅުވީ ސްކޫލް ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ކުރުން ސާފުކޮށް މަނާކުރުމަށް އެޑިއުކޭޝަން (ސްޓޫޑެންޓް ޑިސިޕްލިން) ގަވާއިދަށް މިނިސްޓްރީން އިސްލާހު ގެންނަމުންދާ ކަމަށެވެ. މީގެތެރޭގައި، އާންމުކޮށް ބޭނުންކުރާ ސިނގިރޭޓާއި، އިލެކްޓްރޯނިކް ދުންފަތުގެ އިސްތިއުމާލުކުރާ އާލާތްތަކާއި، ވެޕިން ލިކުއިޑްސް ހިމެނޭއިރު، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށާފައިވާ 2024 ވަނަ އަހަރުގެ ގާނޫނުގައިވާ މާއްދާތަކާ ސްކޫލްގެ ގަވާއިދުތަށް ވަނީ އެއްގޮތްކޮށްފައިވެއެވެ.
މިގޮތުން، 18 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި ވިއްކުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވާއިރު، ސްކޫލް ބައުންޑަރީގެ 40 މީޓަރުގެ އެތެރޭގައި އެފަދަ ތަކެތި ވިއްކުން މިނިސްޓްރީއިން މަނާކޮށްފައިވެ އެވެ. ފަދްލީނާ ވިދާޅުވާ ގޮތުގައި މި އުސޫލުތަކަކީ ނިކޮޓީންގެ ގެއްލުންތަކުން ޒުވާނުން ރައްކާތެރިކުރުމަށާއި ތައުލީމީ މުއައްސަސާތަކުގައި ދުޅަހެޔޮ މާހައުލެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ޓީޗަރުންނަކީ ދަރިވަރުންނަށް ނަމޫނާއެއްގެ ގޮތުގައި ތިބޭނެ ބައެއް ކަމަށާއި، ސްކޫލްތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ވޭޕް ކުރުމަކީ ގޯސް މެސެޖެއް ކަމަށެވެ.
”މިއީ ޑިސިޕްލިން ދެމެހެއްޓުމާއި، ރަނގަޅު ނަމޫނާ ދެއްކުމުގެ ގޮތުން ކުރާ ކަމެއް،“ މިފަދަ އަދަބެއް ކަނޑައެޅުމަކީ ސިއްހީ ހާލަތުގެ އިތުރުން، ޓީޗިން ޕްރޮފެޝަންގެ ނަޒާހަތްތެރިކަން ވެސް ރައްކާތެރި ކުރުމަށް މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
![]()
