އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރާމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ޚާއްސަ ބައްދަލް ވުމަކަށް ދެ ލީޑަރުންވެސް އެލަސްކާ އަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު އެޖެންޑާއަކަށް ވާނީ ޔޫކްރެއިން ހަނގުރާމައާއި ބެހޭ ގޮތުން މަޝްވަރާކޮށް އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ނުވަތަ ރަޝިޔާގެ ހަމަލާތައް ހުއްޓާލަން އެއްބަސްވާނެ ޝަރުތު ތަކަކަށް އެއްބަސްވެވޭތޯ ބެލުން ކަމަށް ޚަބަރު ލިބެއެވެ.
ބައްދަލުވުން އިއުލާން ކުރެވުމާއި އެކު ޓަރަމްޕް ވިދާޅުވެފައި ވަނީ ޕޫޓިން އޭނާއަށް މަކަރު ނުހައްދަވާނެ ކަމުގައެވެ. އޭނާއަކީ ރައީސްނޫން ނަމަވެސް ޕޫޓިން ތަފާތު ގޮތަކަށް ކަންތައް ކުރައްވަފާނެ ކަމަށާ ނަމަވެސް އޭނާއަކީ ރައީސްކަމުން އޭނާގާތުގައި ޕޫޓިން ”ކުޅިކުޅިވަރު“ ނުކުޅުއްވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިބޭއްވެނީ ޔޫކްރޭންގެ މުސްތަގްބަލްބެހޭ މަޝްވަރާތަކެއްނަމަވެސް މިބައްދަލް ވުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އަށް ދައުވަތު އެރުވިފައެއް ނުވެއެވެ. މިއާއި އެކު ޒެލެންސްކީ ވިދާޅުވެފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި ނިންމޭ ނިންމުމަކީ މާނައެއްނެތް ނިންމުމަކަށް ވާނެ ކަމުގައިއެވެ.
ޕޫޓިން އާއި ޓްރަމްޕް ގެ ބައްދަލްވުން ބޭވުމަށް ހަމަޖެހިފައިވަނީ އެލަސްކާގައި އެތާ ގަޑިން ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރުއެވެ. ދެބޭފުޅުންބައްދަލް ކުރައްވާނީ ހަމައެކަނި ޓްރާންލޭޓަރުންނާއެކުއެވެ. މިއީ 6 އަހަރު ދުވަހަށް ފަހު ދެބޭފުޅުން މިގޮތަށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
މިބައްދަލު ވުމުން ދެބޭފުޅުން ހާސިލް ކުރައްވަން ބޭނުންވަނީ ކޮންނަތީޖާއެއްތޯ ސުވާލު އުފެދެއެވެ.ޕޫޓިން ހަނގުރާމަ ކުރަމުންގެންދަނީ ޔޫކްރޭންގެ އިތުރު ސަރަހައްދުތައް ހިފުމަށް ކަމަށްވާއިރު، ޓްރަމްޕް ގެ ބޭނުމަކަށްވާނީ ”ގްލޯބަލް ޕީސްމޭކަރ“ ނުވަތަ ދުނިޔޭގައި ހަނގުރާމަތައް ހުއްޓުވާ، ސުލްހަ ގާއިމް ކުރާ ފަރާތެއްގެ ނަން ހޯއްދެވުމެވެ.
ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެއްދުވަސްތެރޭ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވަމުންނެވެ.
ރަޝިޔާ އިން އިސްވެ ޔޫކްރޭން އަށް ހަމަލާދޭންފެށީ 2022ވަނަ އަހަރުއެވެ. އެދުވަހުން ފެށިގެން ދެފަރާތުންވެސް ވަނީ އެތައްހާސް ސިފައިން މަރުވެގެންގޮސް، ބޮޑެތި ގެއްލުންތައް ލިބިފައެވެ.
![]()
