އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކަށް ޓެރިފް ބޮޑުކުރުމާ ގުޅިގެން އިންޑިއާއަށް އެތެރެކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ އުފެއްދުންތައް މަނާކުރަން ބާރު އަޅުއްވައި އިހްތިޖާޖު ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއީދު ކުރައްވާ ބިޒްނަސް އެގްޒެކެޓިވް އަކު ގޮވާލައްވައިފިއެވެ. އިންޑިއާގައި ބޭނުންކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ ބޮޑެތި އުފެއްދުންތަކުގެ ތެރޭގައި މެކް ޑޮނާލްޑް އާއި ކޮކާ ކޯލާއާއި އެމޭޒަން އަދި އެޕަލްގެ އުފެއްދުންތައްވެސް ހިމެނެއެވެ.
އިންޑިއާގެ ވޯވް ސްކިން ސައެންސްގެ ކޯ-ފައުންޑަރ މަނިޝް ޗައުދަރީގެ ވީޑިއޯ މެސެޖުގައި އިންޑިއާގެ ދަނޑުވެރިންނަށް ހިތްވަރު ދިނުމަށާއި ދެކުނު ކޮރެއާއިން ފިލާވަޅު ލިބިގަނެގެން ކާބޯތަކެތި އުފެއްދުމުގައި “ މޭޑް އިން އިންޑިއާ “ އަށް ދުނިޔޭގެ ބާޒާރުން ބިޔަ ޖާގައެއް ހޯދުމަށް ގޮވާލައްވާފައި ވެއެވެ.
އަހަރެމެންގެ އުފެއްދުންތަކަށް އެމެރިކާއިން ޝަރުތު ކަނޑައަޅަމުންގެންދާއިރު އެމީހުންގެ އުފެއްދުންތަކަށް އެއްވެސް ހިފޭއްޓުމެއްނެތި އަހަރެމެން ހޭދަކުރަން ތައްޔާރަށް ތިބުމަކީ ބުއްދިވެރިގޮތެއް ނޫންކަން ވިސްނާ ދިނުމަށް ޗައުދަރީގެ މެސެޖުގައި ބާރު އަޅުއްވާފައި ވެއެވެ.
ޗައިނާއެކޭ އެއްފަދައިން އިންޑިއާގެ އަމިއްލަ ޓްވިޓަރ އާއި ގޫގްލް އަދި ޔޫޓިއުބާއި ވަޓްއެޕް އާއި ފޭސްބޫކް އުފެއްދުމަކާ ނުލައި އަދި އިންޑިއާގެ ރީޓެއިލް ކުންފުނިތަކުންވެސް އިންޑިއާގެ އުފެއްދުންތައް އެއްފަރާތް ކޮށްފައި ސްޓާރބަކްސް ކަހަލަ ބްރޭންޑްތައް ވިއްކަން އުޅުމަކީ ބުއްދިވެރިގޮތެއް ނޫންކަން ވިސްނައިދޭން ޑްރައިވްޔޫ ގެ ސީ އީ އޯ ރާމް ސާސްތުރީވެސް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
މީގެ އަހަރުތަކެއްކުރިން ދުނިޔޭގައި މިލިޓްރީ ހަތިޔާރު އުފެއްދުމުގެ މޮނޮޕޮލީ އޮތީ އެމެރިކާގައެވެ، އަދި ގައުމުތަކުގެ ދިފާއަށްޓަކައި ކަމަށްބުނެ އެމެރިކާގެ ހަތިޔާރުގަތުން އޮތީ ޒާތަކަށް މަޖުބޫރު ވެފައެވެ. އެހެންނަމަވެސް މިއަދުގެ ހާލަތުގައި އަޅުގަނޑުމެންގެ ބަހުން ބުނާނަމަ އިސްލާހިއްޔާއިން ނިކުންނަ ދަރިވަރުވެސް އެޓޮމިކް ބޮމެއް އުފައްދާފާނެއެވެ. ޓެކްނޯލޮޖީ އޮތީ ބާޒާރުގައި ގަންނާނެބާ ގަންނާނެބާ ގޮވަގޮވައެވެ.
އެމެރިކާއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އުފެއްދުމުގެ އިސް ސަފުން ފެންނަ ގައުމެއް ނޫނެވެ. އެއާ ޚިލާފަށް އިންޑިއާއަކީ އިންސާނުން ދިރިއުޅުމަށްޓަކައި ބޭނުންވާ ހުރިހާއެއްޗެއް ހެޔޮ އަގުގައި އުފައްދަމުން ގެންދާ ގައުމެކެވެ. މި ކަހަލަ އެތައް ސަބަބަކަށްޓަކައި އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކަށް ޓެރިފް ބޮޑުކުރުމުން އޭގެ ތަކްލީފު އުފުލަން ޖެހޭނީ އެމެރިކާގެ ރައްޔިތުންނެވެ. މި ކަން ދެނެގަތުމަށް ވިޔަފާރީގެ ދާއިރާއިން ޕީއެޗްޑީ އޮންނާކަށް ނުޖެހެއެވެ.
އިންޑިއާގެ ބޮޑުވަޒީރަށް މިކަންތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވައެވެ. އިންޑިއާގެ އިންފޮމޭޝަން ޓެކްނޯލޮޖީ ބައިނަލް އަގްވާމީ ބާޒާރުން ބިޔަ ޖާފައެއް ހޯދާފައިވާ އިރު އެކަމުގައިވެސް އެންމެ ފުރަތަމަ އިންޑިއާ އިސްކުރަން ކުއްލިއަކަށް އެމަނިކުފާނު ބާރުއަޅުއްވަން ފައްޓަވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު ބެންގަލޯރުގައި އެމަނިކުފާނު ވަނީ އެކަމަށް އެދިވަޑައިގެންފައެވެ.
ބައިނަލް އަގްވާމީ ބާޒާރުގައި އިންޑިއާގެ އުފެއްދުންތަކަށް އޮތީ ބަލަބަލައެވެ. ދާދިއަވަހަށް ހެޔޮ ނަތީޖާއަކާ ހަމަޔަށް ދެވޭނެކަމަށް ސްވަދޭޝީ ޖަރްގަން މާންޗްގެ އަސްވާނީ މަހާޖަން އުންމީދު ކުރައްވައެވެ. އޭނާ ދެކިވަޑައިގަންނަވާގޮތުގައި އެމެރިކާގެ އުފެއްދުންތަކާ ދުރަށް ދާން ގޮވުމަކީ ގައުމިއްޔަތުގެ ސިފައެކެވެ. އަދި ވަކި ގައުމަކާ ޖައްސާލުމެއްވެސް ނުމެ ނޫނެވެ.
އެމެރިކާގެ ބައެއް އުފެއްދުންތަކުގެ އެންމެ ބޮޑު މާރކެޓަކީ އިންޑިއާއެވެ. މެކް ޑޮނާލްޑް ކޮކާ ކޯލާ ޕެޕްސީ އަދި ޑޮމިނޯގެ އުފެއްދުންތައް އެކަނި އިންޑިއާގައި ބޭނުންކުރުން މަދުކޮށްލިއަސް ގެއްލުން ކުރިމަތިވާނީ އެމެރިކާގެ ކުންފުނި ތަކަށެވެ. ބަދަލުގައި ބޭނުންކުރާނެ ތަފާތު އިންޑިއާގެ އުފެއްދުންތައް އިންޑިއާގައި ގުނާ އަދަދު ނުކުރެވޭނެއެވެ.