އަހަރެންގެ ފިރިމީހާ އަހުމަދު އަހަރެންނާއި 3 އަހަރުގެ ފިރިހެން ދަރިފުޅު ގެއިން ނެރެ އެއްލާލީ ހިފަފޮދުވާރޭވެސް ވެހެމުން ދިޔަ ވަގުތެއްގައެވެ.
”މިގޭގަ ސާރާ އިނުމުގެ ވަގުތު ހަމަވީއެވެ.ހަމަ މިހާރު ގެއިން ނިކުމެގެންދާށެވެ.“ މިހެން ބުނެ އަހަރެންގެ އަތުގައި ހިފައި ގެއިން ނެރެލުމުން އަހަރެން ނުއެއް ރޮމެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ދަރިފުޅުޅުގެ ކުޑަކުޑަ އަތުގައި ހިފައިގެން ވެހެމުން ދިޔަ ވާރޭތެރޭގައި އަހަރެން ހިނގައިގަތީމެވެ.
ދަރިފުޅު އޭރު ހުރީ މިވާނުވާއެއްނޭނގި ކަންބޮޑުވެގެން ވަށައިގެން ހޯދަހޯދައެވެ.މިގެޔަކީ އަމިއްލަގޭގެ ގޮތުގައި އޭނަޔަށް މިހާތަނަށް ފެނުނު ހަމައެކަނި ގެޔެވެ. ނިދާގަޑީގައި ވާހަކަ ކިއުމާއި މީރު ކެއުންތައް ކެއުމާއި އަދި އުފާވެރި ވަގުތުތައް ހޭދަ ކޮށްފައިވަނީ ހަމައެކަނި މިގޭގައެވެ. މިހާރު މިގެ މިވީ ދުރުހިލޭ މީހެއްގެ ގެޔަކަށެވެ. މިގެ ދޫކޮށް ދާން ޖެހުނީމަ އޭނަހާސްވާނެ ވަރު އިހުސާސް ކުރެވެއެވެ.
ކުޑަދުވަސް ކޮޅެއް ކުރިޔަށް ޖެހިލާއިރު ފިރިމީހާ އަހުމަދުގެ ގައިގައި އެލުވިގެން ޒުވާން ރީތި އަންހެނަކު އަބަދުހެން ހުރެއެވެ. މީހުން ތިބި ތަނަކަށް ވަންނަ އިރަށް އެންމެގެ ލޯ އޭނާޔާ ދިމާލަށް އެނބުރޭ ޒާތުގެ އަންހެނެކެވެ. އަގުބޮޑު ހެދުންލާ އަގުބޮޑު ސެންޓުޖަހައިގެންހުންނަ ރީތި އޮފުގަދަ އަންހެނެކެވެ.
އެހާހަމައިން ފިރިމީހާ އަހަރެންނަށް އަޅާލުން ކުޑަވާން ފެށިއެވެ. ގެއިން ކެއުން މުޅިން ހުއްޓާލިއެވެ. ގެޔަށް ނިދަން އައުންވެސް މެދުކަނޑާ ލުމަށްފަހު އެންމެ ފަހުން ގޭގަ ހުންނަ ގެސްޓްރޫމް އަށް އޭނަގެ ވަގު އަނބި އިޝާނީ ގެނައެވެ.އަދި އަހަރެންގެ ލޯކުރިމަތީގައި އެމީހުންގެ ލޯބީގެ ކުޅިގަނޑު ކުރިޔަށް ގެންދިޔައެވެ. އެންމެ ފަހުން އަހަރެން ގެއިން ބޭރަށްވެސް ލީއެވެ.
އެދުވަހު އަހަރެން ދަރިފުޅުގެ އަތުގައި ހިފައިގެން ތަންކޮޅަކަށް ހިނގުނުތަނާ ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވުނެވެ.ކަށި ފައިވާނެއްގައި އަންހެނަކު ބާރަށް ހިނގާފައި އަންނަ އަޑެވެ.އިރުކޮޅަކުން އަހަރެންގެ ނަމުން ގޮވާލިއެވެ.“ސާރާ މަޑުކޮށްބަލާށެވެ.“ ދެންވެސް ޖެހޭނީ ކޮންފަދަ ކަމެއް ކަންނޭނގި ކަންތައްބޮޑުވި ނަމަވެސް އަހަރެން ހިނގުން މަޑު ކޮށްލީމެވެ.އެވަގުތު އިޝާނީ އައިސް އަހަރެންނާ އަރާހަމަކޮށް އަހަރެންގެ އަތަށް ސިޓީ އުރައެއް ދިނުމަށް ފަހު ބުންޏެވެ. ތިންރޭ ތިބޭނެ ތަނަކަށާ ދެމައިންގެ ކެމަށް ފުދޭވަރަށް މީގައި ފައިސާ ހުންނާނެއެވެ. ތިންދުވަސް ފަހުން އެނބުރި ގެޔަށް އަންނާށެވެ. ސާރާއަށް ސަޕްރައިޒް އެއް ލިބޭނެއެވެ.“ މިހެން ބުނުމަށްފަހު އަނބުރާފަ ހިނގައްޖެއެވެ.
އަހަރެން މިފައިސާގައި ހިފާކަށް ބޭނުމެއް ނޫނެވެ.ޚާއްސަކޮން އޭނަގެ އަތުން ދޭ އެއްޗެއްބޭނުމެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ އަތުގައި އެވަގުތު އެހެން އެއްވެސް ފައިސާއެއް ނެތެވެ. ކާނެ ފައިސާއެއްވެސް ނެތެވެ.ދާނެ ތަނެއްވެސް ނެތެވެ. އެހެން ކަމުން ސިޓީ އުރައިގައި ހިފީއެވެ.
އެފައިސާޔަށް އަހަރެން އާދައިގެ އަގުހެޔޮ ކޮޓަރިއެއް ހިފީމެވެ. އަދި ދަރިފުޅަށް މީރުވާނެ ކެއުމަކަށް އޯޑަރު ދިނީމެވެ. އެއަށްފަހު ދަރިފުޅު ހޫނު ފެނުން ފެންވަރުވާލައިގެން ނެރެ ހޮޓަލުގެ ސާފު ތުވާލިތަކުން ފެންހިއްކާ ހޮޓަލުގެރޯބް ގައި ބައިންދައިގެން ކާން ދިނުމަށްފަހު ނިދަން ބޭއްވީމެވެ. އަދި ދަރިފުޅާ އަހަރެންގެ ހެދުން ހިއްކާލުމަށް ރޫމްބޯއީއާ ހަވާލު ކުރުމަށްފަހު މިވަގުތު އަރާމުކޮށް ނިދާފައޮތް ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ. ރޭގަނޑު ހަތަރު ދަމުއެވެ. އެއްޗެއް ކާންވެސް ހަނދާން ނެތިފަ ހަމަ ވިސްނަން އިނދެވުނީއެވެ.
އަހަރެން ވިސްނީ ފިރިމީހާ ގެއްލުނީތީއެއް ނޫނެވެ. ނޫންނަމަ އިޝާނީ ދެކެ ނަފްރަތު ކުރާތީއެއްވެސް ނޫނެވެ. އަހަރެން ދެރަވަނީ އެކުގައި ދެމީހުން ދެކެމުން އައި ހުވަފެންތައް ގެއްލުނީތީއެވެ. ލިބިފައި އޮތް ކަމަށް ހީކުރި ފުރިހަމަ ދިރިއުޅުން ގެއްލުނީތީއެވެ. ޚާއްސަކޮށް ދަރިފުޅުގެ ހަޔާތުން ބައްޕަ އުނިވީތީއެވެ. ކުރިޔަށް އޮތް ހުރިހާ ދުވަހެއްގައިވެސް ދެން އޭނާގާތުގައި ބައްޕަ ނުހުންނާނެތީއެވެ.
ތިންދުވަސް އަހަރެން ކަނޑައްތު ކުރީ ތިން އަހަރު ހެންނެވެ. އެގެޔަށް އެނބުރި ދިއުމުން ވަކި އިތުރު އެއްޗެއް ލިބިދާނެ ކަމަކަށް ނުބަލަމެވެ. ނަމަވެސް ހިތް އެދި ބުނަމުން ދިޔައީ ގޮސްލުމަށެވެ. އުންމީދެއް އޮވެގެނެއް ނޫނެވެ. ވާނެ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަމުގައެވެ.
އަހަރެން ގޮސް ގޭގެ ބޭރު ދޮރުގައި ޓަކި އަދި ނުޖަހަނީސް ދޮރު ހުރީ ތަޅުނުލާކަން އަހަރެންނަށް ފެނުނެވެ. އަހަރެން މަޑުމަޑުން ދޮރުހުޅުވާލުމަށް ފަހު އެތެރެއަށް ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ގޭތެރެޔަށް ހީވަނީ ރަގަޅު ތޫފާނެއް އަރާފައިވާ ހެންނެވެ. ފަރުނީޗަރުތައް ހުރީ އެފުށް މިފުށަށް ޖަހާފައެވެ. ފޮޓޯ ފްރޭމް ތަކާ ބައެއް ތަށިފަދަ ތަކެތި ތަޅާ، މުޅިތަނުގައިވަނީ ފުޅި ތޮއްތާއި ކުނިބުނިންވެސްފުރިފައެވެ. މުޅިގޭތެރޭން ދުވަނީ ވެސް ނުބައި ވަހެވެ.
އަހަރެން އިތުރަށް ގޭތެރެޔަށް ބަލާލިއިރު ކަނެއްގަ ހުރި ގޮޑިއެއްގައި އަހްމަދު އިންދާފެނުނެވެ. ބޯވަނީ ހޭވިފައެވެ.ދެލޯވަނީ ވަޅު ވަދެފައެވެ. އޭރުވެސް މޫނުގައި ދެއަތް އަޅައިގެން އިނީ ރޯށެވެ.
އިޝާނީ އެއްވެސް ތަނަކުން ފެންނާކަށް ނެތެވެ. އަހަރެން ފެނުމުން އަހްމަދު ގެ ރުއިން އިތުރަށް ބާރުވިއެވެ. އަދި ބުންޏެވެ. ”އިޝާނީ ފިލައިފިއެވެ. ހުރިހާ ފައިސާއަކާ ކްރެޑިޓް ކާޑުތަކާއި އަދި އަހަރުންގެ ކާރުވެސް ހިފައިގެންނެވެ. މިގެވެސް އަތުލަން ބޭންކުން ވަރަށް އަވަހަށް އަންނާނެއެވެ. އަހަރެންނަށް ހުރިހާއެއްޗެއް ގެއްލުނީއެވެ.“
އަހަރެން އެސްފިޔަވެސް ޖަހާނުލާ ފިރިމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. އޭނަވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަހަރެންގެ ފެމިލީ ގެއިން ނެރެ އެއްލާލަން ކެރޭތޯ ބަލާލަން ބޭނުންކަމަށް އިޝާނީ ބުންޏެވެ. އޭނަހީކުރީ އަހަރެން އެކަމަށް ފަސްޖެހޭނެ ކަމަށެވެ. ނަމަވެސް އަހަރެން ފަސްނުޖެހި އެކަން ކުރީއެވެ. ހަމަ އެވަގުތު އޭނަވެސް އަހަރެން ދޫކޮށް ދިޔައެވެ.އޭހާފަސޭހައިން އަމިއްލަ ފެމިލީ ދޫކޮށްލާ މީހަކާ އެކީ އުޅެން ބޭނުން ނޫންކަމަށް ބުންޏެވެ. އެއީ އޭނަރާވައިގެން ޖެއްސި ގޭމް އެކެވެ. އޭނަ އަހަރެންނާއެކީ އުޅޭކަށް އެއްއިރަކުވެސް ގަސްތެއް ނުކުރެއެވެ. ހަމައެކަނި ބޭނުންވީ ފައިސާއާއި މުދާ ފޭރޭށެވެ.އެކަން އޭނާ ކިތަންމެ ރަނގަޅަކަށްވެސް ކާމިޔާބް ކޮށްފިއެވެ. އަހަރެންނަށް ނުވިސްނުނު ކަމުންނެވެ. ސާރާ އަހަރެންނަށް މައާފް ކުރާށެވެ. ޕްލީޒް އެވެ.“
އަހަރެން އިރެއްގައި ވަރަށް ލޯބިވި، އަހަރެންގެ ހަޔާތުގެ ނަގިލީގެ ގޮތުގައި ދެކެމުން އައި ފިރިހެނާ އާއި ދިމާލަށް އަހަރެން ބަލަހައްޓައިގެން ހުރީމެވެ.މިއަދު އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް އެއްވެސް ރަހުމެއް ހަމްދަރުދީ އެއް، އަމުދުން ލޯތްބެއް ނެތެވެ. އޭނަގެނބެމުން އެދަނީ އޭނާ އަމިއްލައަށް އުފެއްދި ތޫފާނެއްގެ ތެރެއަށެވެ.
އަހަރެން ބުނީމެވެ. ”އަހަރެންގެ ކިބައިން މައާފަށް ނޭދޭށެވެ. ކަލޭގެ އެހެރަ މައުސޫމް ކުށެއްނުކުރާ ކުޑަކުޑަ ދަރިފުޅުގެ ކިބައިން މައާފަށް އެދޭށެވެ.އަހަރުމެން ބިނާކުރަމުން އައި އުފާވެރި ދުނިޔެ ފުނޑުފުނޑު ކޮށްލަން ކަލޭ އިޚްތިޔާރު ކުރިރޭ، ބައްޕަ އަކުން މަހްރޫމްވީ އެކުއްޖާފުޅެވެ.“
އެވަގުތުވެސް އަހްމަދު އިތުރަށް ބާރަށް ރޯން ފެށިއެވެ.
އަހަރެންގެ ހިތްވަނީ ގާގަނޑަކަށް ވެފައެވެ. އޭނަރޯތަން ފެނި އަހަރެންގެ ހިތަށް އަސަރެއްވެސް ނުކުރިއެވެ. ހުރިފިޔަވަޅު މަތިން އަނބުރާލުމަށްފަހު ދުރުގައި ބެހެއްޓި ދަރިފުޅުކައިރިޔަށްގޮސް ނަގާއުރާލީމެވެ. އަދި ނިއްކުރިޔަށް ބޮސްދެމުން ގެއިން ނިކުންނަށް ހިނގައިގަތީމެވެ. އެންމެ ފަހު ފަހަރަށް އެނބުރި ބަލާލަމުން އަހަރެން ބުނީމެވެ. އަހަރެން އެއްވެސް ވަރަކަށް އަހުމަދަށް ނަފްރަތެއް ނުކުރަމެވެ. ނަމަވެސް މިއީ އަހަރެންގެ ގެ ކަމުގެ އިހުސާސެއް މިހާރަކު ނުކުރެވެއެވެ. އަހަރެން މިދަނީ އެހެން ވެގެންނެވެ.“
އެދުވަހަށްފަހު އެއްބަޔަކު އަހްމަދު އަށް ހަމްދަރުދީވިއިރު އެއްބަޔަކު އިޝާނީ ކުށްވެރި ކުރިއެވެ.ގިނަ މީހުން އަހަރެންނަށް ތައުރީފް ކުރިއެވެ. ހިއްވަރުގަދަ ކަމަށް ބުނެއެވެ.
މިފަހަރު އަހަރެން ގެއިން ނިކުތީ އަމިއްލަ އިޚްތިޔާރުގައެވެ.މީހަކު ނެރެލައިގެންނެއް ނޫނެވެ. އިތުރު ހިއްވަރެއް ލިބި ހުރެއެވެ. އަހަރެން ހުރީ ކިޔަވައިގެންނެވެ. އަހަރެންނަށް އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅަށް ރަނގަޅަށް ކިޔަވާދީ، ބަލާ ބޮޑުކޮށް ރަގަޅު މީހަކަށް ހެދޭނެއެވެ.
އަހަރެންނަށް އިޝާނީ ސިފަކުރެވުނީ މޫނުބަލާ ލޯގަނޑެއްގެ ސިފައިގައެވެ. ތިމާގެ ހުރިހާކަމެއް ގުރުބާން ކުރި މީހާ އަށް ޚިޔާނާތް ތެރިވާހަމައިން އޭނަގެއްލޭ ވަގުތު، ތިމާއަށް ތިމާވެސް ގެއްލިއްޖެކަން އަހުމަދަށް ދައްކާ ދިން މޫނުބަލާލޯގަނޑެއްގެ ސިފައިގައެވެ.