ސަންދާނުގެ ކިއުންތެރިންނާއެކު މިއަދު އަނެއްކާވެސް މި ފީނާލަނީ މީގެ 80 ވަރަކަށް އަހަރު ކުރީގެ ތާރީޚެއްގެ ތެރެއަށެވެ.
އިއްތިފާގުން ދިމާވިގޮތުން މިއަދަކީ ( 9 އޯގަސްޓް 2025 ) އެ ނުރައްކާތެރި ތާރީޚަށް 80 އަހަރު ފުރުނު ދުވަހެވެ. 1945 ވަނައަހަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހަކީ އެމެރިކާގެ ބީ-29 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުން ޖަޕާނުގެ ނާގަސާކީއަށް ފެޓްމޭންގެ ނަންދީފައިވާ ޑިމޮކްރެސީގެ ފުރަތަމަ ޕުލޫޓޯނިއަމް އެޓޮމިކް ބޮން ވައްޓާލި ދުވަހެވެ.
ނަތީޖާއަކަށްވީ ހަތްދިހަ ހާހަށްވުރެން ގިނަ އިސްނާނުންގެ ކައްޓާ މަހާއެކު ވަގުތުން ވިރިގެން ބިންމައްޗަށް އޮހިގެން ދިއުމެވެ. އެމެރިކާއިން ޖަޕާނަށް ދިން އެ ނުރައްކާތެރި ހަމަލާގެ ވާހަކަ ދުނިޔެއަށް ކިޔާދޭން ވަރަށް މަދު މީހަކަށް މެނުވީ އެ ޝަހަރުން ދިރިހުރުމުގެ ފުރުސަތެއް ނުލިބުނެވެ.
އޯގަސްޓް މަހަކީ ދުނިޔޭގެ ތާރީޚުގައި ހަނދާންނެތިގެން ނުދާނެ ނުރައްކާތެރި ހަނގުރާމަވެރި ހަމަލާތަކެއް އިންސާނުންނާ ކުރިމަތި ކުރުވާފައިވާ މައްސަރެކެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރު ނިއުކްލިއަރ ބޮމަކުން ހަމަލާ ދީފައި ވަނީ 1945 ވަނައަހަރުގެ އޯގަސްޓްމަހު 6 ވަނަ ދުވަހު ޖަޕާނުގެ ހީރޯޝީމާއަށެވެ. އެމެރިކާއިން ލިޓްލްބޯއިގެ ނަންދީފައިވާ ނިއުކްލިއަރ ބޮން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓާލި އެދުވަހުގެ ބިރުވެރި ހަމަލާގައި ދޮޅު ލައްކައެއްހާ އިންސާނުން ވަގުތުން އަނދާއަޅިއަށްވެގެންދިޔަކަމަށް ވެއެވެ. އޭގެ 3 ދުވަސްފަހުން އޯގަސްޓް 9 ވަނަ ދުވަހު ދުނިޔޭގައި އެންމެބޮޑަށް އިންސާނުންގެ ހަމަހަމަކަމާއި އިންސާނީ ކަރާމާތަށް ވަކާލާތު ކުރަމުންގެންދާ އެމެރިކާގެ ބަސް ނޭހުމުން ޑިމޮކްރެސީ ކަށަވަރު ކުރުމަށްޓަކައި ޖަޕާނުގެ ނާގަސާކީއަށް އެމެރިކާއިން ފެޓްމޭންގެ ނަންދީފައިވާ ޕުލޫޓޯނިއަމް އެޓްމިކްބޮން ވައްޓާލުމުން ހަތްދިހަހާސް އިންސާނުންނަށް ވީގޮތެއް ކިޔާދެވޭނެ އިންސާނަކު ބާކީއެއް ނުވިއެވެ.
މި ހިނގާ އޯގަސްޓް މަހަކީ އެމެރިކާއިން ހިންގި އެ ނުރައްކާތެރި ކާރިސާއަށް 80 އަހަރު ފުރުން ފާހަގަ ކުރެވޭ މައްސަރެވެ. އެއީ ދުނިޔޭގެ ތާރީޚުގައިވެސް އެޓޮމިކް ބޮމަކުން ހަމަލާދިން ބިރުވެރި ކާރިސާއެވެ. އޭގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެނި ހާމަވެގެންދާއިރު މިއަދު އެޓޮމިކް ބޮމުން ހަމަލާދިނުމުގެ ވާހައަކީ ބާރުގަދަ ގައުމުތަކުން ސިއްރުން ދައްކާ ވާހަކައަކަށް ނުވެއެވެ.
އެ އަނިޔާވެރިކަން ތަހަންމަލް ކުރަން ޖެހުނު ބަދުނަސީބު ވެރިންގެ ތެރޭގައި އެދުވަހު އުމުރުން އެންމެ 16 ވަރަކަށް އަހަރުގެ ސުމިޓެރޫ ތަނިގޫޗީ ހިމެނެއެވެ. އެ ދުވަހު ލިބުނު ޒަޚަމްތަކުގެ ވޭނުގައި 2017 ވަނަ އަހަރު އުމުރުން 86 އަހަރުގައި އޭނާ މަރުވެ ދިއުމުގެ ކުރިން ކޮންމެ ދުވަހަކު އެތައްފަހަރަކު އަވަހަށް މަރުވޭތޯ ދުއާކުރަމުން ގެންދިޔަކަމަށް 2015 ވަނަ އަހަރު އެ އަނިޔާވެރި ކާރިސާއަށް 70 އަހަރުފުރުން ފާހަގަކުރި މުނާސަބަތުގައި އޭނާގެ ބަލިކަށި އަޑުން ކިޔާދީފައިވެއެވެ.
ސުމިޓެރޫ ތަނިގޫޗީ ކިޔާދީފައިވާގޮތުގައި ހޮސްޕިޓަލް އެނދުގައި އޭނާގެ ބުރިކަށްޓަށް ބޭސް ފަރުވާކުރަން 21 މަސްދުވަސް ހޭދަކުރަން ޖެހުނެވެ. ބުރިކަށީގެ މަސްތައް ފާރުވެ ކުނިވަމުންދިޔައިރު ބުރިކަށީގެ ކަށިތައް އޮތީ ފީ އިލޮށިތަކެއްފަދައިން އެއްވެސް ހަކަތައެއްނެތި ބޭރަށް ފެންނާށެވެ. ގިނަ ވަގުތު ހޭނެތިފައި އޮތުމާއެކު ހޭއަރާ ވަގުތެއްގައި އަހަރެން މަރާލަދޭށޭ ބުނަމުން ގެންދިޔައެވެ. ޒުވާން އުމުރުގައި އެގޮތަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދިއުމުގެ ސަބަބުން އެއް އަތުގެ މުލައްދަނޑި އުޅަބޮއްޓާހަމަޔަށް ދިގުވެ އެ އަތް އޮތީ ނުލެނބޭގޮތް ވެފައެވެ.
ސުމިޓެރޫ ތަނިގޫޗީ ކިޔާދީފައިވާ ގޮތުގައި އެ ދުވަހު ކަންދިމާވިގޮތުން އޭނާ ބައިސްކަލް ދުއްވަމުންގެންދިޔައީ އޭނާގެ ވަޒީފާ އަދާކުރުމަށް ސިޓީ ބެހުމުގެ މަސައްކަތުގައެވެ. އެ ވަގުތު އޭނާއަށް ހުރެވުނީ އެ ބާރުގަދަ ބޮން ގޮވި އެޕިސެންޓަރުން ގާތަގަނޑަކަށް 1.8 ކިލޯ މީޓަރ ދުރުގައެވެ.
“ އަހަރެންނަށް ލިބުނު ޒަޚަމްތަކުގެ ފުންމިން ފުރަތަމަ 3 ދުވަހު އަހަރެންނަކަށް ނޭނގުނެވެ. ހަމައެކަނި ބުރިކަށި ފަރާތު ކޮނޑުހުޅުންފެށިގެން ބާ ގޯނިގަނޑެއް އެލިފާ ހުރިކަހަލަ އިހްސާސެއް ކުރެވުނެވެ. އެއީ އަހަރެންގެ ބުރިކަށީގެ ހަންގަނޑުކަމެއް އޭރަކު ނޭގުނެވެ. “ އޭނާ ބުނެފައި ވެއެވެ.
އެ ބާރުގަދަ ގޮވުމުގެ ސަބަބުން އޭނާގެ ބުރިކަށީގެ މަސްގަނޑު ވިރިގެން ގޮސް އުފެދިފައިވާ ފުން ލަކުނު އެއީ އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާގެ ދިރިހުރި މިސާލެކެވެ. އަދި ނިއުކްލިއަރ ހަނގުރާމައެއްގައި މުސްތަގްބަލަށްޓަކައި ހުޅުވާލެވިފައިވާ ނުރައްކާތެރި އިންޒާރެކެވެ.
2024 ވަނައަހަރު ނޯބެލް ޕްރައިޒް ލިނިވަޑައިގެންނެވި އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއާއި ނާގަސާކީއަށް އެޓޮމިކްބޮން އެޅުމުން މަރުނުވެ ޒަޚަމްތަކުވޭން އުފުލަން ޖެހުނު މީހުން ތަމްސީލު ކޮށްދޭ ޖަމްއިއްޔާގެ ކޯ-ޗެއާރޕަރސަން ނިހާން ހިދަންކްޔޯގެ ވާހަކައިގާ ސުމިތެރޫ ތަނިގޫޗީގެ ކެރުމާއި ހިތްވަރަށް ތައުރީފް ކޮށްފައި ވެއެވެ. ހިދަންކްޔޯ ބުނެފައިވަނީ ތަނިގޫޗީއަށް ލިބިފައިވާ ޒަޚަމްތަކުގެ ލަކުނު ދުނިޔެއަށް ސިއްރުކުރަން އޭނާ ބޭނުންނުވާކަމަށެވެ.
ސުމިޓެރޫ ތަނިގޫޗީގެ ފޮޓޯ އަށް ބަލާލުމުން އޭނާއަށް ލިބިފައިވާ ޒަޚަމްތަކާއި ހަތްދިހަ ވަރަކަށް އަހަރު އެ ޒަޚަމްތަކުގެ ވޭން އުފުލަންޖެހިފައިވާނެ މިންވަރު ބަލާމީހުންނަށް އިހްސާސް ނުކުރެވުނު ކަމުގައި ވިޔަސް އިތުރަށް ކިޔާދޭކަށް ނުޖެހޭނެއެވެ. ތަނިގޫޗީގެ އެންމެ ފަހު އެދުމަކީވެސް އެޓޮމިކް ބޮމުގެ މި ނުރައްކާތެރި ކަމާއި ރިހުން އެހެން އިންސާނުން އުފުލަން ނުޖެހުމެވެ.