ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ކޯޅުން ހައްލުކުރުމުގައި އިސް ދައުރެއް އަދާކޮށް، އާސިއަން ސަރަހައްދުގައި މެލޭޝިއާގެ ޑިޕްލޮމެޓިކް ބާރު ވަރުގަދަކޮށްފި އެވެ.
މިގޮތުން ޖުލައި މަހުގެ ފަހުކޮޅު ފެށި ފަސްދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި މަދުވެގެން 43 މީހުން މަރުވެ އެތައް ހާސް އާންމުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މިހާރު އާސިއަންގެ ޗެއާމަންކަމުގެ މަގާމު އަދާކުރާ މެލޭޝިޔާއިން ވަނީ ޖުލައި 28 ވަނަ ދުވަހު ޕުޓްރަޖަޔާގައި ކުއްލި މަޝްވަރާތަކެއް ބާއްވާފައެވެ. ތައިލެންޑުގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗަޗައި އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް އާއި އެކުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ލީޑަރުން އެއްބަސްވެވަޑައިގަތީ ވަގުތުން ވަގުތައް ހަނގުރާމަ ހުއްޓާލުމަށެވެ.
މިގޮތުން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން 9 އަށް ކުއަލަލަމްޕޫރުގައި ބޭއްވި ފޮލޯއަޕް ބައްދަލުވުމެއްގައި ދެ ގައުމުން ވެސް ވަނީ ހަނގުރާމަ ހުއްޓާލުން މޮނިޓަރކޮށް އިތުރު އަނިޔާވެރިކަން ހުއްޓުވުމަށް އާސިއަންގެ އޮބްޒާވަރު ޓީމުތައް އެގައުމުތަކުގައި ބޭތިއްބުމަށް އެއްބަސްވެފަ އެވެ. އަދި މި ޓީމުތައް ކޯޑިނޭޓް ކުރާނީ މެލޭޝިޔާއިން ކަމަށާއި، އާސިއަންގެ އެހެން މެމްބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އެއްބަސްވެފައިވެއެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ ބޭރުގެ ތަދައްޚުލުވުމެއް ނެތި ސަރަހައްދީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އާސިއަންއަށް ލިބުނު މަދުން ނޫނީ ނުލިބޭ ބޮޑު ކާމިޔާބީއެކެވެ.
ސުލްހައިގެ މަސައްކަތްތަކަށް ސަރަޙައްދުން ބޭރުގެ ފަރާތްތަކުންވެސް ވަނީ އެއްބާރުލުން ދީފައެވެ. މިގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމާއި މިހާރު ހިނގަމުންދާ ވިޔަފާރީގެ މަޝްވަރާތަކާ ގުޅުވައިގެން ދެފަރާތުންވެސް ހަނގުރާމަ ހުއްޓާލުމުގެ މައްސަލަތައް ނިމުމަކަށް ގެނައުމަށް ޕްރެޝަރު ކުރައްވާފައެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ފަހުން ވަނީ ސުލްހައިގެ މަރުހަލާގައި ޓްރަމްޕް އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ނޮބެލް ސުލްހައިގެ އިނާމަށް ޓްރަމްޕް ނަންގަވާފައިވާކަން އިއުލާން ކުރައްވާފައެވެ.
މި ޑިޕްލޮމެޓިކް ކާމިޔާބީގެ ސަބަބުން އިރުދެކުނު އޭޝިއާގެ މުހިންމު ސުލްހަ ގާއިމްކުރާ ގައުމެއްގެ ގޮތުގައި މެލޭޝިއާގެ މަގާމު ވަނީ ވަރުގަދަވެފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ކުރިއަށް އޮތްތަނުގައި އާސިއަންއިން އިސްވެ އޮވެ މައްސަލަތައް ހައްލުކުރުމަށް މޮޑެލްއެއްގެ ގޮތުގައި ހިދުމަތްކުރުމަށާއި، މަޝްވަރާއާއި އެއްބާރުލުން ދިނުމުގެ ތެރެއިން ސަރަހައްދީ މުސީބާތްތައް މެނޭޖްކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭ ކަމެކެވެ.