ޣައްްޒާއަށް ހަމަލާދޭން ޖަރުމަނުން ހަތިޔާރު ނުވިއްކާނެކަމަށް ބުނުމުން ނަތަންޔާހޫ ރަތަށް

Loading

Facebook
Twitter
WhatsApp

ސީ ބީ އެސް ޝިކާގޯ ޚަބަރު ދީފައިވާ ގޮތުގައި ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް އަކީ މުޅިއުމުރުގައިވެސް އިސްރާއީލަށް ތާއީދުކުރުމުގައި ދެމިހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި އިސްރާއީލަށްވެސް އެ ގައުމު ދިފާއުކުރުމުގެ ހައްގު ލިބިފައި ވެއެވެ. އެކަމަކު މި ވަގުތު އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްވުރެން އިސްކަން ދޭންޖެހޭ އެހެން ކަމެއް އޮތްކަމަށް ގަބޫލެއް ނުކުރައްވައެވެ.

މީގެ ކުރިން ބަރލިންގެ ވިސްނުންހުރީ ޔޫރަޕްގެ ބައެއް އެހެންގައުމުތަކުގައި ސަފުގައި އިސްރާއީލް އިތުރަށް އެކަހެރިކުރަން ތައްޔާރަކަށް ނޫނެވެ. އަދި ފަރަންސޭސި ރައީސް އިމަނުއަލް މެކްރޯން އިނގިރޭސި ބޮޑުވަޒީރު ސަރ ކީރް ސްޓާރމަރ އާއެކު މިއަންނަ ސެޕްޓެމްބަރ މަހު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފް ވުމުގެ ވިސްނުމުގައެއްވެސް ނުމެ ނޫނެވެ.
އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކޮށް އެގައުމު ދުނިޔޭގެ ސަފުން ބާކީވެގެން ހިނގައިދާނެކަން ވަޒަންކުރެވުމުން ޗާންސެލަރ މާރޒްއަށް އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރަން މިވަނީ މަޖުބޫރު ވެފައެވެ. އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށާއި އަދި ބައިނަލް އަގްވާމީ ގޮތުން ގައްޒާއަށް ފޯރުކޮށްދޭން ބޭނުންވާ އެހީއަށް ހުރަސް އެޅިދާނެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ޔޫރަޕިއަން ކޮމިޝަނުން ހުރުދުވަހު ނެރެފައިވާ ބަޔާނެއްގައި އެ ޖަމާއަތުން އިސްރާއީލަށް އަންގާފައި ވެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރުގެ ވިސްނުންހުރީ މިހާރު އިސްރާއީލުގެ ބާރުން ބޭރުގައި އޮތް ގައްޒާގެ %25 ވެސް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުން ނޫންގޮތެއް ނެތްކަމަށެވެ. އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާރުތިބި ރަހީނުންގެ ތެރެއިން ހަމައެކަކުވެސް ސަލާމަތުން ނުގެންދެވޭނެކަމަށް ހަމާސްއިން ގެންދަނީ އިސްރާއީލަށް އިންޒާރު ދެމުންނެވެ.
ގައްޒާއަކީ އިސްރާއީލުގެ ބައެއްކަމަށް މިދިޔަ ބުރާސްފަތިދުވަހު އިސްރާއީލުގެ ކެބިނެޓުން ނިންމުމާ ހަމަޔަށްވެސް ޔޫރަޕްގެ ގައުމުތަކަކީ އިސްރާއީލާއެކު ގުޅުން އެންމެ ރަނގަޅު ގައުމުތައް ކަމުގައި އޮތީ ބެލެވިފައެވެ. މުޅި ދުނިޔެ އިސްރާއީލާ ދެކޮޅަށް އެނބުރެމުންދާ ދުވަސްވަރެއްގައި އިސްރާއީލުގެ މި ނިންމުމާގުޅިގެން ޗާންސެލަރ މާރޒް ވިދާޅުވެފައިވަނީ އިސްރާއީލުން ހާސިލުކުރަން މި ބޭނުންވާ ލަނޑުދަނޑިއެއް ވިސްނި ވަޑައި ނުގަންނަވާކަމަށެވެ. އަދި މިހާލަތުގައި ޖަރުމަނުގެ މިލިޓްރީ އެއްވެސް އެހީއެއް އިސްރާއީލަށް ނުދެއްވަން ނިންމަވާފައިވާ ކަމަށެވެ. ޖަރުމަނުގެ މި ނިންމުމާގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ފޯނުކޮށްފައި ހިޓްލަރގެ ޒަމާނުގެ ހޮލޯކާސްޓްގެ ފަހުން އިސްރާއީލަށް އެންމެ ބޮޑެތި ގެއްލުން ދެމުން ގެންދާ ހަމާސްއާއި އެއްބައިވީކަމަށް ބުނެ ޗާންސެލަރ މާރޒްއަށް އޭނާގެ ރުޅިގަނޑު ވަނީ އޮއްސާލާފައެވެ. ނަތަންޔާހޫގެ ކޯލަށް ދެއްވިޖަވާބުގައި ޗާންސެލަރ މާރޒް ވިދާޅުވިކަމަށްވަނީ އިސްރާއީލުން ގައްޒާގައި ހިނަގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާހުރެ ޖަރުމަނުން މިގޮތަށް އަމަލުކުރަން ޖެހިފައިވަނީ ކަމަށެވެ. ގައްޒާގެ ކުދިބޮޑު އެންމެންނަށް އިސްރާއީލުން ކުރިމަތި ކުރުވަމުންގެންދާ އަނިޔާއާއި ބަނޑުހައި ހޫނުކަން ހައްދުފަހަނަޅާ ހިނގައްޖެކަމަށް ޖަރުމަނުންވެސް މިހާރު ގަބޫލުކުރާ ކަމަށާއި ޔުނައިޓެޑް ނޭޝަންސްއާއި އިންސާނިއްޔަތަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ ގޮވުންތަކަށްވެސް އިސްރާއީލުން ފުރަގަސްދެމުންގެންދިއުން ޖަރުމަނަށްވެސް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައި ވެއެވެ.
އިސްރާއީލުން ބޭނުންވަނީ ހަމާސްގެ ކިބައިން ގައްޒާ މިނިވަންކުރުމަށްފަހު އަރަބިންގެ ބާރުތަކަށް ހަވާލުކުރަން ކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބުނަމުންގެންދާ ވާހަކަތަކަށް ޖޯރޑްންއިން ދީފައިވާ ރައްދު ރޮއިޓާރސްއަށް ވަނީ ފެނިފައެވެ. ޖޯރޑްންއިން ބުނެފައިވަނީ އަރަބިންނަކީ އިސްރާއީލުން ގައްޒާގައި ހިންގާފައިވާ ޖަރީމާތައް ސާފުކުރަން ތިބި ބައެއް ނޫން ކަމަށާއި އަރަބިން ގަބޫލުކުރާނީ ފަލަސްތީނުގެ ރައްޔިތުން އިޚްތިޔާރު ކުރާގޮތެއް ކަމަށެވެ. ގައްޒާގެ ސެކިއުރިޓީއާއި ގައްޒާގެ ރައްޔިތުން ބޭނުންވާގޮތް ނަތަންޔާހޫއަށް ކިޔާދޭކަށް ނޭންގޭނެ ކަމަށާއި އެއީ ފަލަސްތިނުގެ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އަރަބިންނަކީ ނަތަންޔާހޫ ބުނާ ކަމެއް ކުރަން ތިބި ބައެއް ނޫން ކަމަށްވެސް ޖޯޑަންގެ އޮފިޝަލުން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް