ފަހަކަށްއައިސް މާލެ ސިޓީން ތަކުރާރުކޮށް ކަރަންޓު ކެނޑެމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ޢާޒިމް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ މައްސަލައަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ.
މި ކަމުގެ ސަބަބުން، ގޭބިސީތަކުގެ ސާމާނުތަކަށް ގެއްލުންވެ، ވިޔަފާރިތަކަށް ހުރަސްއެޅި، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމާއެކު، މި ނާޒުކު މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވައި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ޢާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ