އިންޑިއާ، ބަންގްލަދޭޝް ނުވަތަ ޝްރީލަންކާ މީހުންނާ އަޅުގަނޑުމެން ވަކިކޮށްދޭ ސިފައަކީ އަޅުގަނޑުމެންގެ ދިވެހި ބަސް ކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އަޝްރަފް މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ރ. ކިނޮޅަހުގައި ބޭއްވި ”ސަރުނަވެރިންގެ ޙަފުލާ“ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އެކި ރޮނގުރޮނގުން ކިނޮޅަހަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ފަރާތްތަކަށާއި، ރަށަށް ރީތި ނަން ހޯދައިދޭ ދަރިވަރުންގެ އަގު ވަޒަންކުރުމަށް ކިނޮޅަހު ކައުންސިލުން ބާއްވާ އެވޯޑު ޙަފުލާއެކެވެ.
މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން އަޝްރަފް ވަނީ، އަޅުގަނޑުމެން އަމިއްލަ ބަހާއި އަކުރު ދޫކޮށްލުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމިއްޔަތާއި އަމިއްލަވަންތަކަން ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ.
އަޝްރަފް ވިދާޅުވީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ ހިތްގައިމު، އެންމެ އަސަރުގަދަ، އެންމެ ވަރުގަދަ އަސާސަކީ، އަދި އަޅުގަނޑަކީ ކާކުކަން އަންގައިދޭ އެންމެ ރީތި އެއްޗަކީ އަޅުގަނޑުމެންގެ ދިވެހި ބަސް ކަމަށެވެ.
”އަޅުގަނޑުމެންގެ ދިވެހި ބަސް އަޅުގަނޑުމެންނަށް ނޭނގި، މީން ރީތިކޮށް ވާހަކަދައްކަން ނޭނގި، މިއާމެދުގަ އިހުމާލުވެވޭކަމުގަ ވަނީނަމަ އަޅުގަނޑާ ބަންގާޅިއާ ކޮބައިތޯ ތަފާތެއް؟ އަޅުގަނޑާ އިންޑިއާ މީހާއާ ކޮބައިތޯ ތަފާތެއް؟ ނެތެއްނޫންތޯ! ހަމަ އެއްކަލަ ކުލަ. ހަމަ އެއްކަލަ ސިފަ. މިއަދު މިހިރީ ކޯޓުފަޓުލޫނު ލާފަ.“ އަޝްރަފް ވިދާޅުވީ ކޯޓުފަޓުލޫނު ލީނަމަވެސް އަޅުގަނޑުމެންގެ ގައިގައި ވަކި ޔޫރަޕު މީހުންގެ ސިފައެއްވެސް ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ދިވެހި ބަހާނުލައި މީހާގެ ސިފައަށް އެކަނި ބަލާނަމަ އަޅުގަނޑުމެންނާ އިންޑިއާ ނުވަތަ ޝްރީލަންކާ މީހުންނާ އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.
އަޝްރަފް ވިދާޅުވީ، އަޅުގަނޑުމެން ތަރައްޤީއާއެކު އަމިއްލަ ބަސް ”ކަޓު“ އެއްޗަކަށް ހަދައި ދޫކޮށްލާއިރު، ދުނިޔޭގެ ތަރައްޤީ ޤައުމުތަކުގައި އެކަން އޮންނަނީ އެހެން ނޫންކަމަށެވެ. މީގެ މިސާލަކަށް ޖަޕާނާއި ޗައިނާއާއި އިންޑިއާ ނަންގަވަމުން އަޝްރަފް ވިދާޅުވީ އެފަދަ ޤައުމުތައް ތަރައްޤީވަމުން ދިޔަނަމަވެސް އެމީހުން އަމިއްލަ ބަސް ދަމަހައްޓާ ކަމަށެވެ.
އަޝްރަފް ވަނީ މިގޮތުން ވަރަށް ގިނަ މިސާލުތައް ނަންގަވައި، ބަހުގެ ފޮނިކަމާއި ރީތިކަން އޭގައި އެކުލެވޭ ގޮތުގެ ކުޑަކުޑަ މިންވަރެއް ބުނެދެއްވާފައެވެ.
މީގެ އިތުރުން، މި ޖަލްސާގައި އަޝްރަފް ވަނީ މިއަދުގެ ކުދިންގައި ނެތެމުންދާ އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
”ކޮންކަހަލަ އަޚުލާޤެއް؟ ގަޑިއަށް ސަމާލުވުން. ފަރުވާތެރިވުން. މައިންބަފައިންނަށް ކަމޭހިތުން. ވެރިންނަށް ކަމޭހިތުން. އިންސާނާ އެއީ އަނެއް އިންސާނާކަން ދަނެ، އަނެއް އިންސާނާއަށް ކަމޭހިތުން.“ މިއަދު ކުދިންގެ ކިބައިން ނެތެމުންދާ އަޚުލާޤީ ސިފަތަކާ ގުޅޭގޮތުން އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ބޮޑެތިވަމުން އަންނަ ކުދިންގެ އަޚުލާޤީ ފެންވަރު މިހާރު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައިގައި ކަމަށެވެ. އެގޮތުން ހެދިފައިވާ ގަވައިދުތަކަށް ބޯނުލެނބުމުގެ ސަބަބުން އެތައް ކުއްޖެއްގެ ފުރާނަ ގެއްލިފައިވާކަން އަޝްރަފް ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.
ހަމަ އެފަދައިން އެކަކު އަނެކަކާ ޖެހޭ ކުދިކުދި މައްސަލަތަކުގައި އަނެކާގެ ފުރާނަ ދުއްވައިލުމަކީ މިހާރު އާދައިގެ ކަންކަމަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، އިންސާނާގެ އެތެރެފުށުގައި ހުންނަންވީ ރީތި އަޚްލާޤީ ސިފަތައް ހުރިނަމަ އެފަދަ ކަންކަމާ ދިމާއަށް އިންސާނާ ނުދާނެ ކަމަށެވެ.
ހަމަ އެފަދައިން، ދަރިންގެ އަޚްލާޤަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުން މައިންބަފައިންގެ ލޮލަށް ހަމަނިދި ނުލިބޭކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކުރީގައި އަންހެން ދަރިންނާމެދު ކަންބޮޑުވިނަމަވެސް މިހާރު ވަކި ޖިންސަކަށް މިކަން ޚާއްޞަ ނުވާކަމަށާއި، ފިރިހެން ދަރިންނަށްވެސް ދިމާވެދާނެ ގޮތަކާމެދު މައިންބަފައިން އިންތިހާއަށް ކަންބޮޑުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން އަޝްރަފް ވަނީ، ކައުންސިލުން މިފަދަ އެވޯޑުތައް ދެއްވުމުގައި މިފަދަ ކަންކަމަށް އިސްކަންދެއްވުމަށް ގޮވާލައްވާފައެވެ.
ހަމަ އެއާއެކު އަޝްރަފް ވަނީ، ކުދިންގެ އަޚުލާޤު ގޯސްވެއްޖެނަމަ، ކިޔަވާ ކިޔެވުމާއި ހޯދާ މެޑަލްތަކުގެ އެއްވެސް އަގެއް ނޯންނާނެކަންވެސް ކުދިންނަށް ހަނދާންކޮށްދެއްވާފައެވެ.
ކިނޮޅަހު ކައުންސިލުން ދެ އަހަރުން އެއްއަހަރު ބާއްވާ ސަރުނަވެރިންގެ ޙަފުލާފައި މި އަހަރު ދީފައިވާ އެވޯޑުތައް:
*ރިހި ސަރުނަ:*
20 އަހަރާ 35 އަހަރާ ދެމެދުގެ މުއްދަތެއްގައި ރަށަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް ދޭ އެވޯޑު
*ރަން ސަރުނަ:*
35 އަހަރަށްވުރެ ގިނަ ދުވަހު ރަށަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި އެކި ގޮތްގޮތުން ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ދޭ އެވޯޑު
*ޝަރަފުވެރި ރަން ސަރުނަ:*
40 އަހަރަށްވުރެ ގިނަ ދުވަހު ރަށަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ގައުމަށް ރީތި ނަން ހޯދައިދީފައިވާ ކިނޮޅަހު ރައްޔިތުންނަށް ދޭ އެވޯޑު
One Response
ތީ ޙަމަ ޚިރުތުނބުން ޏުފިލާ ޚުދިންނަށް ޥެސް ޢެނގޭވަރު