މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެއިން ވިޔަފާރިކުރުމާއި، އަދި ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ވިއްކައި، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޑްރަގް އެންފޯރސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި، ފައިވްސްޓަރ، ޢަލީ ޝާމް (29އ)އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އޮގަސްޓު 6 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ.
އެ މީހުން ދުއްވި ސައިކަލު ޓޯވކޮށްފައި ވާކަމަށާއި، އަދި އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 17.06 ގުރާމުގެ ތަކެއްޗާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށާއި، މި މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.