މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ)އާއި، ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޡިމް (40އ) އަދި މ. މޯނިންގވިޔު / މާލެ، ޢަލީ ނާވީ ނިޔާޒު (23އ) ކަމަށް ފުލުހުން ބުނެފައިވާއިރު، އަނެއް މީހާގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އޮގަސްޓު މަހުގެ 4ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި 5 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައި ކަމަށާއި، އަދި މ. އާރު / މާލެ، މުޙައްމަދު ލަޔާން އަޙްމަދު (21އ)އާއި ކޮކާހަނދުވަރު / މ. މުލައް، ޢަލީ ނާޡިމް (40އ) 7 ދުވަހަށް، އަދި މ. މޯނިންގވިޔު / މާލެ، ޢަލީ ނާވީ ނިޔާޒު (23އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.