މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޗައިނާގައި ބާރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި އެކަނިވެސް ނިމުނު ޖުލައިމަހު ހަތްހާހަށް ވުރެގިނަ ޗިކަންގުންޔާ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މިއާއެކު ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޅިފަދަ ހަރުކަށި ފިޔަވަޅު ތައް އަޅަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ފޮޝާން ސިޓީގައި ބަލިޖެހޭ މީހުން ދަނީ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވެމުންނެވެ.އަދި މި އެންމެންގެ އެދުގައިވެސް މަދިރިގެ ޖަހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާކަމަށް ވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ މީހުން ދޫކޮށްލަނީ ބައްޔަށް ހެދޭ ޓެސްޓް ނެގެޓިވް ވުމުންނެވެ. ނުވަތަ އެއްހަފްތާގެ ފަރުވާއަށް ފަހު ދޫކޮށްލާ ކަމަށް ވެއެވެ.
ބަލީގެ ވައިރަސް އެކަކު ގައިން އަނެކަކުގެ ގަޔަށް އުފުލަނީ މަދިރިއެވެ.ޗިކުންގުންޔާ ޖެހުމުން ފެންނަ އަލާމާތްތަކުގެތެރޭގައި ހުން އައުން ހުޅުތަކުގައި ރިއްސުން އަދި ގައިން ރަތް ފިއްތަކެއް ނެގުން ހިމެނެއެވެ. މިގޮތަށް ހުޅު ތަކުގައި ރިއްސާ ރިއްސުން އަހަރުތަކަކަށްވެސް ދެމިގެން ހިނގައިދާނެ ކަމަށް ވެއެވެ. އަދި ފަރުވާ ނުދެވިއްޖެ ނަމަ ބަލީގައި މަރުވެސް ވާކަމަށް ވެއެވެ.
ޗައިނާގައި ބަލިފެތުރެމުންދާ މިންވަރަށް ބަލާއިރު ފޮޝާންގެ އިތުރުން ގުއަންގޑޮންގ ޕްރޮވިންސްގެ 12 ސިޓީ އެއްގައި ދަނީ ބަލި ފެތުރެމުންނެވެ.މިގޮތުން ނިމުނު ހަފްތާގައި އެކަނިވެސް މިސިޓީ ތަކުން ތިންހާހެއްހާ މީހުންނަށް ބަލިޖެހިގެން ރިޕޯޓް ކުރިކަމަށް ވެއެވެ.
ފޮޝާން ސިޓީ އަށް ޖުލައިމަހު ދަތުރު ކުރި ހޮންކޮންގ ގެ 12 އަހަރުގެ ކުއްޖަކުވެސް ހޯމަ ދުވަހު ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޗިކުންގުންޔާއަކީ އެކަކު ގައިން އަނެކަކުގަޔަށް އަރާ ބައްޔެއް ނޫން ކަމަށް ވެއެވެ.ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ގައިގައި ހެފުމަށްފަހު އެމަދިރިގޮސް އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.
ޗައިނާގެ ހެލްތު އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ރިޕޯޓް ކުރެވުނު ކޭސްތަކުގައި މާސީރިއަސް ކޭސްއެއް އަދި ނުފެނެއެވެ.އަދި 95 އިންސައްތަ ބަލިމީހުން ވަނީ ހަތް ދުވަހު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.
ޗައިނާގައި ބަލިފެތުރޭތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެހެން ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންނަށް ގޮވާލަމުންދާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ގުއަންގޑޮންގ ގެ އިދާރާތަކުން ދަނީ ބުނަމުންނެވެ. މިގޮތުން ފެންހެދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދީގެން އެތަންތަން ނައްތާލުމަށް އާންމުންނަށް ދަނީ އަންގަމުންނެވެ. އަދި މިކަމަށް ފަރުވާކުޑަކުރާފަރާތްތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރާނެ ކަން ވަނީ އަންގާފައެވެ.މީގެ އިތުރުން ޗިކުންގުންޔާ ޖައްސާ މަދިރިއަކީ ކުދި މަދިރި އަކަށްވާއިރު، މިފަދަ ކުދިމަދިރި ކާ ”އެލިފަންޓް މޮސްކިޓޯ“ ކިޔާ ވައްތަރެއްގެ ބޮޑު މަދިރި ތަކެއް ދަނީ އެސަރަހައްދު ތަކަށް ދޫކުރަމުންނެވެ. އަދި ފެންގަނޑުތަކަށްވެސް ދަނީ މަދިރިފަނި ކާ މަސް ދޫކުރަމުންނެވެ. އަދި ޑްރޯން ދުއްވައިގެން ފެންހެދިފައި ހުންނަ ތަންތަން ހޯދަމުން ދާކަމަށް ވެއެވެ. މީގެ އިތުރުން ބަލިފެތުރޭ ސަރަހައްދުތަކަށް އިސްކަން ދީގެން ސްޕްރޭވެސް ދަނީ ކުރަމުންނެވެ.