މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ސަމާލުގެ ވަގުތު ދަމަހައްޓާފައިވަނީ މިއަދު ހެނދުނު 7.30ން ފެށިގެން މެންދުރުފަހު 1.30ގެ ނިޔަލަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމާއެކު، އެ ވަގުތު ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، ސަލާމަތީ ކަންކަމަށް ސަމާލުކަން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން، މަސައްކަތްކުރާ ތަންތަނުގައި (ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި) ހުންނަ ފެންސުފަދަ ތަކެތި ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.