(ބުޅަލަށް ކުރާ އަނިޔާގެ ތަފްސީލް ތައް ހިމެނޭ)
ކުދި ބުޅަލާ އަދި ބޮޑެތި ބުޅާތަކަށް އަނިޔާ ކުރާ ވީޑިއޯތައް ނެގުމަށްފަހު އޮންލައިންކޮށް ވިއްކާ ބަޔަކު ހިމެނޭ ނެޓްވާކެއް ހާމަވެއްޖެއެވެ.
ބީބީސީގެ ރިޕޯޓެއް ބުނާގޮތުން މި ނެޓްވާކުގައި އިގިރޭސި ބައެއް ރައްޔިތުން ހިމެނޭގޮތުން އެތައް ގައުމަކަށް ނިސްބަތްވާ އެތައްހާސް ބަޔަކު ހިމެނެއެވެ. ބީބީސީގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ގްރޫޕް ގައި ހިމެނޭ މީހުން ބުޅާ ކަރަންޓުގައި ޖެއްސުމާއި،ބަޑަށް ބޭތިއްބުމާއި ގުނަން ބުރިކުރުމާ އައި ގެނބިގެން މަރުވާން ދޫކޮށްލުންފަދަ އަނިޔާތައް ކުރަމުން ވީޑިއޯ ކުރެއެވެ.އަދި ގަންނަން ބޭނުންވާ ފަރާތްތަކަށް މިވީޑިއޯތައް އޮންލައިން ކޮށް ވިއްކައެވެ.
ބީބީސީ އިން މިކަން ބަލަން ފަށާފައިވަނީ ކުޑަ ދެބުޅަލަށް އަނިޔާކޮށް މަރާލިކަމަށް އިގިރޭސި ވިލާތުގެ ދެޒުވާނުން މިދިޔަ މޭމަހު އިއުތިރާފްވި ހަމައިން ކަމަށް ވެއެވެ.
16 އަހަރުގެ އަންހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖަކު އަނިޔާކޮށް މަރާލި ދެބުޅަލުގެ ބަނޑުފަލާލުމަށްފަހު އެލުވާފަ ބޭތިއްބި ކަމަށް ވެއެވެ. މިކަން ހާމަ ވުމާއި އެކު ބުޅަލަށް އަނިޔާ ކުރަމުންދާ ނެޓްވާކާ ބެހޭ ތަހުގީގުތައް އިގިރޭސި ފުލުހުންވެސް މިހާރުވަނީ ފަށާފައެވެ.
ބުޅަލަށް އަނިޔާ ކުރުމުގެ ހަރަކާތް ފެށިގެން އައީ ޗައިނާއިން ކަމަށް ވެއެވެ. ބަލަންވެސް އުނދަގޫވާދަ ”ހޮރިފިކް“ ވީޑިއޯ ތައް ޗައިނާގައި އާންމުވެފައިވަނީ 2023 ވަނަ އަހަރުއެވެ.އަދި އޭގެފަހުން މިހާރުވަނީ އެތައްގަމުމަކުން މިކަމުގައި ބައިވެރި ވެފައެވެ.
ޖަނާވަރުގެ ހައްގު ހިމާޔަތް ކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ގްރޫޕް ތަކުން ބެލި ބެލުމުން ހާމަވެފައިވާ ގޮތުގައި 2023 ގެ މޭމަހުން 2024 ގެ މޭމަހަށް ކޮންމެ 14 ގަޑިއިރަކުން އެފަދަ ވީޑިއޯ އެއް އަޕްލޯޑް ކުރެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ބުޅަލަށް އަނިޔާ ކުރާތަން ވީޑިއޯ ކުރުމުގައި ހަރަކާތްތެރިވާ 24 ގްރޫޕެއް މިއަހަރުވެސް ވަނީ ފާހަގަ ކުރެވިފައެވެ.މިތަނުން އެންމެ ބޮޑު ގްރޫޕްގައި އެއްހާހަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ކަމަށް ވެއެވެ.އެންމެ ގިނަ ވީޑިއޯ ތައް ލާފައިވާ ފަރާތުން 200އަށް ވުރެގިނަ ބުޅަލަށް އަނިޔާކޮށް މަރާތަން ދައްކާ ވީޑިއޯ ތައް ޕޯސްޓް ކޮށްފައިވާ ކަމަށް ވެއެވެ.
މިފަދަ ފަރާތް ތަކުން ޗެޓްކުރާ ގްރޫޕް ތަކުން ބީބީސީ އަށް ހާމަވެފައިވާ ގޮތުގައި އަނިޔާ ކުރުމަށްޓަކާ ބުޅާހޯދާނެ ގޮތްތަކާ ބެހޭ ގޮތުން އެމީހުން ވާހަކަ ދައްކާފައި ވެއެވެ. މިގޮތުން އެނިމަލް ވެލްފެއާ ޗެރިޓީ ތަކަށް ގުޅައިގެން، ބުޅާ ބަލަހައްޓަން ހަވާލުވާކަމުގެ ބަހަނާ ދައްކައިގެން ބުޅާ ހޯދާނެ ގޮތް ކިޔާދީފައިވާކަމަށްއެވެ.
ބުޅަލުގެ ހިމާޔަތުގައި މަސައްކަތް ކުރާ ގްރޫޕް ”ފީލައިން ގާޑިއަންސް“ ގެ ފަރާތުން ވާހަކަ ދެއްކި ލާރާ ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކީވެސް ހިތްފަޅައިގެންދާފަދަ ހަބަރުތައް ލިބޭ ދުވަހެކެވެ. ކާކުކަން ނޭގޭގޮތަށް އެފަދަ ފޯރަމް ތަކަށް ވަދެ ލާރާ ހޯދި ހޯދުން ތަކުން އެނިގިފައިވާ ގޮތުގައި އަނިޔާވެރިވާން ބުޅަލަށް ނުކުރާނެ ހަމަ އެއްކަމެއްވެސް ނޯވެއެވެ. އަދި އެއީ ”އީވިލް“ ނުވަތަ ނުބައިނުލަފާކަމުގެ ހައްދުފަހަނައަޅާ ދިއުން ކަމަށް އޭނާ ސިފަ ކޮށްފައި ވެއެވެ.
ބީބީސީ އިން ބެލި ކަމަށް ބުނާ ވީޑިއޯ ތަކުގައިވެސް ބުޅާ ގަންބާ ހާސްކޮށްގެންމެރުމާއި، ކަރަންޓުގައި ޖެއްސުން ފަދަ ކަންތަކުގެ އިތުރުން ކާންނުދީ ކިހާދުވަހަކު ތިބޭތޯ ބެލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވެއެވެ.
ގްރޫޕް ތަކަށް އަލަށް ވަންނަ މެމްބަރުން، ފުޅާ ނެޓްވާކްތަކަށް ވެއްދުމުގެ ކުރިން ކުދި ބުޅަލުގެ އަތް ނުވަތަ ފައި ބުރިކުރާތަން ވީޑިއޯ ކޮށްފަ ލާން ޖެހޭ ކަމަށް ވެއެވެ. ބައެއް ހާލަތްތަކުގައި އުމުން 10 އަހަރު ވަރުގެ ކުޑަކުދިންވެސް ގްރޫޕަތަކަށް ވަންނަން ބޭނުން ކަމަށް ބުނާ ކަމަށް ވެއެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު، އަނިޔާކޮށް އެންމެ އަވަހަށް ސަތޭކަ ބުޅާ މަރާލެވޭ ފަރާތެއް ހޯދުމަށް މުބާރާތެއްވެސް ބޭއްވި ކަމަށް ވެއެވެ.
”ފީލައިން ގާޑިއަން“ގެ ލާރާ ބުނެފައިވާ ގޮތުގައި ސަރުކާރު ތަކުންނާއި ”ލޯ އެންފޯސްމަންޓް“ އިދާރާތަކުން މިކަން ހުއްޓުވަން މަސައްކަތް ނުކޮށްފިނަމަ މިކަން ހައްތަހާ ފުޅާވެގެން ދިއުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ.
ރާއްޖެ އަކީވެސް ބުޅާ، ޚާއްސަކޮށް ބަލަހައްޓާނެ މީހަކުނެތް ބުޅާ ގިނަ ގައުމަކަށް ވުމާއި އެކު މިފަދަ ”އީވިލް“ އަމަލުތައް ހިންގާ ނެޓްވާކްތަކުގައި ހިމެނޭ ބަޔަކު ރާއްޖޭގައިވެސް ނެތްބާއޭ،މިއީ ވަރަށް ހިތަށް އަރާ ސުވާލެކެވެ.
One Response
ހާދަ ބިރުވެރިއޭ. ކިޔަމުން ދިޔައިރު ހުއްޓުންއަރާފަ، ނުކިއިވެސް އިންނަންޖެހުނު. ހިތްދަތި. އަހަރެންގެ ބުޅާތައް ނޫނަސް ކޮންމެ ބުޅަލެއް، އަދި ދިރޭއެއްޗެއް ދެކެވެސް އަހަރެން ވަރަށް ލޯބިވޭ.