ފަލަސްތީނަށް ތާއިދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސްބަޔަކު ހިނގާލުމެއް ބާއްވައިފިއެވެ. ސިޑްނީ ހާބަރ ބްރިޖް ހުރަސްކޮށް އާދީއްތަ ދުވަހު ހިނގާލުން ބާއްވާފައިވަނީ 2023ވަނަ އަހަރުން ފެށިގެން މިފަދަ އެއްވުންތަކަށް ބްރިޖް ބަންދު ކޮށްފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން ހިނގާލުން ބާއްވަން ހުއްދަ ދިންތާ އެއްދުވަސް ފަހުންނެވެ.
”މާޗް ފޯ ހިއުމެނިޓީ“ ގެ ނަމުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ހަނގުރާމަ އަވަހަށް ހުއްޓާލާ އަދި ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން ހިންގަމުން ގެންދާ ޖަރީމާތަކަކީ ބަޔަކު ލަދުވެސް ގަންނަވަރުގެ ދަށު ދަރަޖައިގެ އަމަލުތަކެއްކަމަށާ ހަމަ މިހާރު ހަނގުރާމަ ހުއްޓާލާ ހުރަހެއްނެތި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ އެހީ އެއްގަމު މަގުންނާއި ވައިގެ މަގުން ވީހާވެސް އަވަހަކަށް ފޯރުކޮށްދެމުން ގެންދިއުމަށް ގޮވާލާ އަޑު އުފުލާ ލިއުންތައް އުފުލާފައި ވެއެވެ.
މިހިނގާލުމުގައި ބައިވެރިވި ގިނަބަޔަކު ނިކުމެފައިވަނީ ކުޑަކުދިންވެސް ގޮވައިގެންނެވެ.
އޮސްޓްރޭލިޔާއަކީ ޣައްޒާއާ ވަރަށް ދުރުގައި އޮންނަ ގައުމެއް ނަމަވެސް ޣައްޒާގެ ތުއްތު ކުދިން އުފުލަމުންދާ ވޭން ލޮލަށް ފެންނަ ހިނދު ވަރަށް އަސަރުކުރާކަމަށާ ހީވަނީ އަމިއްލަ ދަރިންނަށް ކުރިމަތިވާ ކަމެއްހެން ކަމުގައި ބައެއް މީހުންބުނެފައި ވެއެވެ. އަދި ބަޔަކު އެންމެން ބަނޑަށް މަރުވާތަން ބަލަން ނުތިބެވޭނެ ކަމުގައި މުޒާހަރާގެ ބައިވެރިން ގޮވަމުން ގޮސްފައި ވެއެވެ.
އިޒްރޭލުސިފައިން ފަހަކަށް އައިސް ހަމަލާދެމުން ދަނީ ބަނޑުހައި ހޫނު ކަމުގެ ހާލުގައި ކާއެތި ކޮޅެއް ހޯދަން މީހުން ބައިބޯވާ ތަންތަނަށް އަމާޒު ކޮށެވެ. މިގޮތުން ދުވާލަކު މަދުވެގެން ފަންސާކަށް މީހުން އަންނަނީ ޝަހީދު ވަމުންނެވެ. ހަމަ މިޔާއެކުއެކީ ބަނޑަށް ޖެހިގެންވެސް ފަލަސްތީންގެ އެތައްބަޔަކު ދަނީ މަރުވަމުންނެވެ.