ގާނޫނު އަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިއީ އެމަނިކުފާނަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށް، ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ހިފެހެއްޓޭގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިޞަލް ވިދާޅުވެފައިވަނީ، ޒަމާނުންސުރެ ދިވެހިރާއްޖޭގައި މަރުކަޒީކޮށް ވެރިކަންކުރަމުން ގެންދިޔަ ނިޒާމު ލާމަރުކަޒީ ކުރަން ނިންމީ، އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ތަރައްޤީގެ ކަންކަމުގައި އެ ތަނެއްގެ ބަޔަކު ގޮތް ނިންމައި، ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ފައިޞަލް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެއްވާފައި ވަނިކޮށް، އޭގެ ހެޔޮ ނަތީޖާ ނެރުމުގެ ފުރުސަތު ނުލިބޭގޮތަށް މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަވަން ނިންމަވާފައިވާ ބަދަލާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމާއެކު، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހުންނަ ތަންތަން ކުއްޔަށް ދިނުމާއި، އަދި ތަރައްޤީގެ މަޝްރޫޢުތަކަށް މާލޭގައި ހުންނަ އޮފީހަކުން ހުއްދަ ހޯދަން މަޖުބޫރުކުރުމަކީ މި ނިޒާމުގެ މަގުސަދާ މުޅިން ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތުމާއެކު، އެ ބައެއްގެ ސަރަހައްދުގެ ކަންކަމުގައި އެ ބައެއްގެ ބަސް ނުކިޔޭގޮތަށް ގެންނަ މި އިސްލާހު މިހާރުން މިހާރަށް އަނބުރައި ގެންދެވުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވައިލައްވާފައެވެ.
![]()
