މި މަހު ކުރީކޮޅު ހޫތީ މުޖާހިދުން ދިން ހަމަލާގައި ރެޑްސީތެރެއަށް ފައްތާލި ގުރީކުގެ އެމް. ވީ. އެޓަރނިޓީ ސީ އު=ިން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން ހޫތީ މުޖާހިދުން ސަލާމަތްކުރި 10 ފަޅުވެރިންގެ ވީޑިއޯ އެއް ހޫތީ މުޖާހިދުންގެ ފަރާތުން 28 ޖުލައިގާ މީޑިއާއަށް ހާމަކޮށްފިއެވެ. ހޫތީ މުޖާހިދުން ދައްކަންބޭނުންވަނީ އިސްރާއީލުން ކިތަންމެ ބާރުގަދަ ހަމަލާތަކެއް ޔަމަނަށް ދިން ކަމުގައި ވިޔަސް އެ ޖަމާއަތުގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމެވެ.
އެ ވީޑިއޯ އާ ބެހޭގޮތުން ސޭފްޓީ4ސީގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ އެޓަރނިޓި ސީ އިން ގެއްލިފައިވާ 12 ފަޅުވެރިންގެ ތެރެއިން 10 މީހުންކަން ކަށަވަރު ކުރެވޭކަމަށެވެ. އިސްރާއީލަށް ދަތުރުކުރާ ބޯޓުފަހަރުގައި ރެޑްސީގެތެރެއިން ދަތުރުކުރުމަކީ ހޫތީ މުޖާހިދުން މަނާކޮށްފައިވާ ކަމެއްކަން ނޭންގޭ ކަމަށް ހޫތީ މުޖާހިދުންގެ ތަހްގީގުގައި އެ ފަޅުވެރިން ބުނެފައި ވެއެވެ. ތަހްގީގުތައް ހިނގަމުން ދިޔަވަގުތު އެއް ފަޅުވެރިޔަކު ގެންދިޔައީ މޯބައިލް ފޯނަކުން ވާހަކަދައްކަމުންނެވެ.
ތަހްގީގުގައި އެޓަރނިޓީ ސީ ދަތުރުކުރަމުން ދިޔައީ އިސްރާއީލުގެ އީލާތަށް (އަރަބި ބަހުން ރަޝްރަޝް) ކަން އެނގޭކަމަށް ފަޅުވެރިންނަށް ހޫތީ މުޖާހިދުން ވަނީ އަންގާފައެވެ. އަދި އެ ބޯޓު ސޮމާލިއާގެ ބަރުބަރާއިން ފުރައިގެން ސައޫދީ އެރޭބިއާގެ ޖިއްދާއަށް ދާކަމަށް ދަތުރު މިސްރާބު ޖަހާފައިވަނީ އޮޅުވާލަންކަން ވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. ރެޑްސީތެރެއިން ދަތުރުކުރާ އުޅަނދުފަހަރުގައި އިސްރާއީލުގެ އެއްވެސް ބަނދަރަކަށް ދާން ރާވާފައިވާނަމަ އެ އުޅަނދެއްގައި ދަތުރު ނުކުރުމަށް ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް އާންމުކޮށް އިންޒާރު ދެމުން ގެންދާ ކަމަށް ހޫތީ މުޖާހިދުން ގެންދަނީ ތަކުރާރު ކުރަމުންނެވެ.

ތީ މުޖާހިދުންގެ ބެލުމުގެ ދަށުގައި ރަހީނުކުރެވިފައިތިބި އެމް. ވީ އެޓަރނިޓީ ސީ ގެ 10 ފަޅުވެރިން
މި ދިޔަ މާރޗް މަހުގެތެރޭގައި ހޫތީ މުޖާހިދުންގެ މަގާމުތަކަށް އެމެރިކާގެ ނޭވީން ވަރަށް ގިނަ ހަމަލާ ތަކެއްވަނީ ދީފައެވެ. އެހެންނަމަވެސް އޭޕްރިލް މަހުން ފެށިގެން އެމެރިކާގެ ހަމަލާތައް ވަނީ ހުއްޓާލާފައެވެ. ހޫތީ މުޖާހިދުން ބުނަމުން ގެންދަނީ އެ ޖަމާއަތުން ހަމަލާދެމުން ގެންދާނީ ހަމައެކަނި އިސްރާއީލާ ގުޅުން ހުރި އުޅަނދު ފަހަރަށް ކަމަށެވެ.
ހޫތީ މުޖާހިދުންގެ ހަމަލާތަކުގައި ހަލާކު ކޮށްލެވޭ ބޯޓުފަހަރުގެ ފަޅުވެރިން ހައްޔަރު ކުރުމަކީ އާންމު ގޮތެއްގައި އެ ޖަމާއަތުން ކުރާކަމެއް ނޫނެވެ. މީގެ ކުރިން 2023 ވަނައަހަރު ޔަމަނުގެ ސަރަހައްދުން ހޫތީން މުޖާހިދުން އަތުލައިގަނެގެން ގެންދިޔަ އެމް. ވީ ގެލެކްސީ ލީޑަރ ގެ ފަޅުވެރިން ރަހީނު ކޮށްގެން ގެންގުޅުނެވެ.
އެޓަރނިޓީ ސީ އަށް ހޫތީ މުޖާހިދުން ހަމަލާދިނުމުން ރެޑްސީގައި ހަރަކާތްތެރި ވަމުން ގެންދާ އެއްވެސް މިލިޓްރީއަކުން އެހީތެރިކަން ފޯރުކޮށްދީފައެއް ނުވެއެވެ. މިއިން ހާމަވެގެންދާ އެއް ހަގީގަތަކީ ރެޑް ސީ ތެރެއިން ދަތުރުކުރާ އުޅަނދުފަހަރަށް ހޫތީ މުޖާހިދުންގެ ބާރު ހިނގާކަމެވެ. އަދި ރެޑް ސީގެ ތެރެއިން ދަތރުކުރާ އުޅަނދުފަހަރަށް ހޫތީ މުޖާހިދުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސި ވިލާތުގެ ނޭވީން ހަރަކާތް ތެރި ވުމާއި ނުވުން ކަށަވަރު ނުކުރެވޭ ކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އެހެންނަމަވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހޫތީ މުޖާހިދުންނަށް ހަތިޔާރު ފޯރުކޮށްދޭން މަސައްކަތްކުރި އުޅަނދެއް ވަނީ ކަނޑުމަތިން ހުއްޓުވާފައެވެ. މި ކަމުން އެނގިގެންދަނި ހޫތީ މުޖާހިދުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތައްވެސް ހުރިކަމެވެ. ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި ޔަމަނުގެ ތިންބައިކުޅަ އެއްބައި ހިމެނޭއިރު މައިގަނޑު ގޮތެއްގައި އެއީ ފަރުބަދަ މަތީ ހިސާބުތަކެވެ.