ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ޖެހޭކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

Loading

August 1, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީޙު މޫސާއެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ފޯނުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސީޙު މޫސާ ކުރި މި ޕޯސްޓަކީ، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް މުޢިއްޒު އެންގެވުމާ ގުޅިގެން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޝެއަރކުރުމަށްފަހު ލިޔެފައިވާ ކެޕްޝަނެއްގައި، އެންމެ ފުރަތަމަ އަވަހާރަކޮށްލަން ޖެހެނީ ރައީސް މުޢިއްޒުކަމަށް ބުނެ ލިޔެފައިވާ ޕޯސްޓެކެވެ.

މި ޕޯސްޓުގެ ސްކްރީންޝޮޓް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި (މަރުގެ އަދަބު ހިމެނޭހެން) ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ހެދުމަށް، ކަމާބެހޭ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާކަން އިޢުލާން ކުރެއްވީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެހެންކަމާއެކު، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ”މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު“ގައި، އެފަދަ ކުށްތައް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައި ވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް