ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރަނީ

Loading

July 31, 2025
profile
Facebook
Twitter
WhatsApp
High court

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މުޙައްމަދު ޝަހީދާއި ޢަބްދުﷲ ޖަމީލު އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، އެ ދެ ބޭފުޅުން އައްޔަންކުރުމަށް ނިންމާފައިވަނީ، ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކަމަށެވެ.

މި ދެ ބޭފުޅުންގެ ތެރޭން މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުޙައްމަދު ޝަހީދު ހުންނެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރުގެ ނައިބުގެ މަޤާމުގައެވެ.

ޢަބްދުﷲ ޖަމީލަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުﷲ ޖަމީލު 15 އަހަރަށްވުރެ ގިނަދުވަހު ފަނޑިޔާރުކަން ކުރައްވާފައެވެ. ޖަމީލު އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އޭނާ ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ 2 މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރުމާ ގުޅިގެންނެވެ. ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް