ފަލަސްތީނުގެ މިނިވަންދައުލަތަކަށްޓަކައި އެންމެ ބޮޑަށް ޖިހާދު ކުރަމުން ގެންދަނީ ހަމާސް އިން ކަމާދޭތެރޭ އެއްވެސް މީހަކު ޝައްކު ނުކުރާނެއެވެ. އެކަމަކު މިއަދު ބައިނަލް އަގްވާމީ ދުނިޔެއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު ހަމާސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މެދުވެރިވެފާ އޮތް ހަމައެކަނި ހުރަސް ކަމަށްވެސް މިއޮތީ ވެފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކޮށް ދެކެވޭ ވާހަކަތަކުގައި އެންމެ ބާރުގަދަ ޝަރުތަކަށް ވެފައި މިއޮތީ ހަމާސް އިން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ކުރަމުން ގެންދާ ޖިހާދުގެ ހަތިޔާރު ބަހައްޓާފައި އައްބާސްގެ ސަރުކާރަށް ތާއީދު ކުރުމެވެ.
މިއޮއްހާ ދުވަހު ދުރުގައި ކުޅިބަލަން ތިބި ގައުމުތަކުން ދޭން ބޭނުންވާ މެސެޖަކީ ތަޅާފޮޅުމަކުން އެއްވެސް ކަމެއްގެ ހައްލު ނުހޯދޭނެ ކަމާއި ރަނގަޅުގޮތަކީ މަޝްވަރާ ކުރުންކަމެވެ. މަޝްވަރާތަކުގެ މޭޒަށް އަންނަން މަޖުބޫރުކުރުވީ ހަމާސްއިން ކުރަމުންގެންދިޔަ ޖިހާދު ތަކުގެ ނަތީޖާއިން ކަން ދުލުކޮޅަށްވެސް ގެންނާކަށް ބޭނުމެއް ނުވެއެވެ. މާދަމާ ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާން ކުރެވި ދުނިޔޭގެ ބޮޑު މަޖިލީހުން ސިއްކަ ޖެހުމުގެ ނަސީބު ލިބިއްޖެނަމަ ގަމީހުގެ ގިރުވާނު ކޮޅަށް ޖަހާލާނެ ކިތަންމެ ލީޑަރުންނެއް ތިބޭނެއެވެ. އެ ފުރުސަތު ދިނުމަށްޓަކައި ހަމާސްއިން އަދިވެސް އިތުރު ގުރުބާނީތަކެއް ވާންޖެހޭނެއެވެ. މި ނޫން އެހެން ގޮތެއް އޮތްކަމަކަށް ނުބެލެވެއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ސައޫދީ އެރޭބިއާއާއި ގަތަރާއި މިސްރުންވެސް އެހެން ބުނަމުން ގެންދާތީއެވެ.
އިސްރާއީލާއި ފަލަސްތީނުގެ މިނިވަން 2 ދައުލަތް އުފަންކުރުވުމާބެހޭ ގޮތުން އެކުލަވާލާފައިވާ ހަތް ސަފުހާގެ ދެލިކޮޕީއަށް އަރަބް ލީގުގައި ހިމެނޭ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެހެން 17 ގައުމަކުން ވަނީ ޔުނައިޓެޑް ނޭޝަންސްގައި ރުހުން ދީފައެވެ. މި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ހަމާސްއިން އަމާންދީ އެ ޖަމާއަތުގެ ހަތިޔާރުތައް ޔުނައިޓެޑް ނޭޝަނުން މިހާރު ގަބޫލުކުރާ މަހްމޫދު އައްބާސްގެ ސަރުކާރަށް ހަވާލު ކުރަން ޖެހޭނެއެވެ. ހަމަ އެއާއެކު ޕަލަސްތީނުގެ މިނިވަން ދައުލަތަށް ބައިނަލް އަގްވާމީ އެއްބައިވަންތަކަން ލިބި ދެވޭނެއެވެ. އަލަށް އުފަންކުރެވޭ ފަލަސްތީނުގެ ދައުލަތުގައި ހަމާސްއަކަށް އެއްވެސް ހިއްސާއެއް ނޯންނާނެއެވެ.
ގައްޒާއަކީ ބައިނަލް އަގްވާމީ މުޖުތަމައުން ތަބަބަކަށް ލާފައި ޕެލަސްޓައިން އޮތޯރިޓީ އަށް ދިނުން އިޚްތިޔާރު ކުރުމާއެކު އެ ސަރަހައްދުވެސް ދެން ހިންގަމުން ގެންދާނީ މަހްމޫދު އައްބާސްގެ ޕެލަސްޓައިން އޮތޯރިޓީ އިން ކަށަވަރު ކުރުމަށްޓަކައި ހަމާސް އާއި އިސްރާއީލުން އެ ސަރަހައްދުން ފޭބުމަށް އ ދ ގައި ހުންނަވާ ޕެލަސްޓައިން އޮތޯރިޓީގެ މަންދޫބު ވަނީ މިދިޔަ ހޯމަ ދުވަހު ގޮވާލައްވާފައެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތަކާބެހޭ އ ދ ގެ ކޮންފަރެންސް ކޯ-ޗެއާރ ކުރަނީ ފަރަންސޭސި ވިލާތާއި ސައޫދީ އެރޭބިއާއިންނެވެ. މި ކޮންފަރެންސްގައި ހަމާސްއިން އޮކްޓޯބަރ 7 ގައި އިސްރާއީލަށް ދިން ހަމަލާ ކުށްވެރި ކުރުމަށާއި އަދި ފަލަސްތީނުގެ މިނިވަންދައުލަތުގައި ހަމާސް ނުހިމެނުމަށް އަރަބި ދައުލަތްތަކުން ފުރަތަމަފަހަރު ވަނީ އެއްބަސް ވެފައެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގައި ސިއްކަ ޖެހުމާއެކު އަރަބި ގައުމުތަކުން އިސްރާއީލުގެ ދައުލަތް ގަބޫލުކުރުމާބެހޭ ކަންތައްވެސް ކުރިއަށް ގެންދަން ފަށާނެއެވެ.
ގައްޒާގައި ހިނގަމުން ގެންދާ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތާއި އަދި ކެނެޑާއާއި ހުޅަނގުގެ އެހެން ގައުމު ތަކުން ސިފައިން އެ ސަރަހައްދަށް ވަގުތީ ގޮތުން ފޮނުވޭނެ ކަމަށްވެސް ބެލެވެއެވެ. މި ކޮންފަރެންސްގައި އެމެރިކާއާއި އިސްރާއީލުން ބައިވެރިއެއް ނުވެއެވެ.
މިއަންނަ ސެޕްޓެމްބަރ މަހުގައި އޮންނަ އ ދ ގެ އާންމު ޖަލްސާގައި ފަރަންސޭސި ވިލާތުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލު ކުރާނެ ކަމަށް ފަރަންސޭސި ރައީސް މެކްރޯން ވަނީ އިއުލާން ކުރައްވާފައެވެ. އަދި އިސްރާއީލުން ގައްޒާއަށް ބޭނުންވާ އެހީތައް ފޯރުކުރުމުގެ މަގު ފަހިކޮށް ނުދީ އެ ގައުމުގެ ސިފައިން ގައްޒާއިން ނުފައިބާ ކުރިއަށް ގެންދާނަމަ އިނިރޭސި ވިލާތުންވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރާނެކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ ވަނީ ހާމަކުރައްވާފައެވެ.
ސެޕްޓެމްބަރމަހުގައި ބޭއްވޭ އ ދ ގެ 80 ވަނަ އާންމު ޖަލްސާގައި ކެނޭޑާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރާނެކަން އެ ގައުމުގެ ބޮޑުވަޒީރު މާރކް ކާނީ ވިދާޅުވުމާގުޅިގެން ކެނެޑާގައި ހުންނަ އިސްރާއީލުގެ އެމްބަސީން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ބޮޑުވަޒީރު ވިދާޅުވެފައިވަނީ ފަލަސްތީނުގެ މިނިވަންދައުލަތް ރަސްމީގޮތުން ގަބޫލުކުރުން ދެން ލަސް ނުކުރެވޭނެ ކަމަށެވެ.
މި ކަމާގުޅޭގޮތުން އިސްރާއީލުން ބުނެފައިވަނީ ކިތަންމެ ވަރަކަށް ފިއްތުން ކުރިމަތި ކުރުވި ނަމަވެސް އެ ގައުމުގެ ސިޔާސަތަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އަދި ހުޅަނގުގެ 15 ގައުމަކުން ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމް ކުރަން ކިތަންމެ ވަރަކަށް ބޭނުންވިއަސް ގައްޒާއަކީ އިސްރާއީލުގެ ބައެއްކަމުގައި ކަނޑައެޅުންވެސް ބަދަލު ނުކުރާނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފަނަރަ ވަރަކަށް ގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީ ގޮތުން ގަބޫލުކުރަން ނިންމާފައި ވުމާއެކު މިއީ އެ މަގުގައި މިހާތަނަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް އ ދ ގެ އާންމު ސެކްރެޓަރީ ވެސް ވަނީ ވިދާޅުވެފައެވެ.