ސާދަ އަހަރު ތެރޭވެސް އައި އެންމެ ބާރުގަދަ ބިންހެލުން ރަޝިޔާ އަށް މިއަދު އައިސްފި

Loading

Facebook
Twitter
WhatsApp

ފާއިތުވި 14 އަހަރުތެރޭވެސް ދުނިޔެއަށް އައި އެންމެ ބާރުގަދަ ބިންހެލުން ރަޝިޔާގެ ފާ އީސްޓަށް މިއަދު އައުމާއި ގުޅިގެން ޕެސިފިކް ގެ އެތައް ގައުމަކުން ދަނީ ސުނާމީ އަށް ތައްޔާރު ވަމުންނެވެ. 8.8ގެ ބާރު މިނުގައި ބިންހެލުން އައުމާއި އެކު މިހާރުވެސް ރަޝިޔާ އަދި ޖަޕާނަށް ސުނާމީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށް ޚަބަރު ލިބެއެވެ.

ބިންހެލުމާއި ގުޅިގެން ހަވާއީ އަށް ވެސް ރާއްޖޭގަޑިން ހެނދުނުގެ ވަގުތެއްގައި ސުނާމީ އަރާނެކަމަށް ބަލާ ދަނީ ތައްޔާރުތައް ވަމުންނެވެ. ތިން މީޓަރު ނުވަތަ ދިހަ ފޫޓެއްހާ އުސް ރާޅުތައް އަރާނެ ކަމަށް ބަލާ ހުރިހާ އެންމެންވެސް އުސް ތަންތަނަށް ބަދަލު ވުމަށް ދަނީ އަންގަމުންނެވެ.

ސުނާމީގެ ބިރުއޮތް އެމެރިކާގެ ތަންތަނުގެ ތެރޭގައި ގުއާމް، ކެލިފޯނިޔާ، ވޮޝިންގޓަން އަދި އޮރިގަން ހިމެނެއެވެ.އެހެން ކަމުން މިތަންތަނުގައިވެސް ވަނީ ސުނާމީގެ އިންޒާރު ނެރެ، އާންމުން އެކަމަށް ތައްޔާރު ވުމަށް ގޮވާލަމުންނެވެ.

8.8ގެ ބާރު މިނުގައި ރަޝިޔާގެ އެންމެ އިރުމަތީގެ އައްސޭރިފަށަށް އައި ބިންހެލުމަކީ މުޅި ދުނިޔޭގައިވެސް މިހާތަނަށް އައި އަށް ވަނަޔަށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެތާގަޑިން ރޭ 7:24 މިނިޓްގައި އައި ބިންހެލުމާއި އެކު އެރި ސުނާމީ އާއި ގުޅިގެން ބައެއް ތިރި އިމާރާތްތައް އޮޔާ ދާތަން ބައެއް ވީޑިއޯ ތަކުން ފެނެއެވެ. ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާދޭން ޖެހިފައިވާއިރު މީގެތެރޭގައި ސަލާމަތް ވުމަށްތަކައި ކުޑަދޮރަކުން ފުންމާލި އަންހެނަކު ހިމެނެއެވެ.

ރަޝިޔާގެ އިތުރުން ޖަޕާނުގެ ހޮކައިޑޫ އަށްވެސް ވަނީ ސުނާމީ އަރާފައެވެ.

ރަޝިޔާއަށް އައި ބިންހެލުމާއި ގުޅިގެން ޕެސިފިކް ސަރަހައްދުގެ ގިނަ ގައުމުތަކަށްވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.  ސުނާމީގެ އިންޒާރު ނެރެފައިވާ އެހެން ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ، ނިއުޒީލަންޑް ، ޗައިނާ، އިކުއެޑޯ،ހަވާއީ، ހޮނުލުލޫ ހިމެނެއެވެ. ސުނާމީގެ ނުރައްކާ އެތައް ގަޑިއިރަކަށް އެބައޮތްކަމަށްވެސް އިދާރާތަކުން ބުނެފައި ވެއެވެ.

މިބާރުމިނުގައި މީގެ ކުރިން އައި ބިންހެލުންތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. މިގޮތުން 2010 ވަނަ އަހަރު 8.8ގެ ބާރު މިނުގައި ޗިލީއަށް އައި ބިންހެލުމެއްގައި 523 މީހުން މަރުވެ 370،000ގެދޮރު ހަލާކުވެފައި ވެއެވެ.

2011 ވަނަ އަހަރު 9.1ގެ ބާރު މިނުގައި ޖަޕާނަށް އައި ބިންހެލުމުގައިވެސް 19،747 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ.     

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް