ރޭ 12 ޖަހާ އެހާކަންހާއިރު އިންޑިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިކަމާމެދު އާންމުންގެ މެދުގައި ޚިޔާލު ތަފާފުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.
6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ މާލެއާ 2215 ކިލޯމީޓަރު ދުރުން، އިންޑިއާގެ ނިކޮބާރ އައިލެންޑްސްއަށެވެ.
މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ބެލެވޭކަމަށް ބުނެ، މޫސުމާބެހޭ އިދާރާއިން ނެރެފައިވާ ބަޔާނަށް ގިނަ ބަޔަކު ކުރި ކޮމެންޓުތަކުގައި ބުނެފައިވަނީ ބިންހެލުމުގެ އަސަރު އެ މީހުން އުޅޭ އިމާރާތްތަކަށް ކުރިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނެވެ.
މީގެ އިތުރުން ”ދަ ޕްރެސް“ ނޫހުގައި ބުނެފައިވަނީ އެ ނޫހުގެ އޮފީސް ހުރި އިމާރާތަށް ބިންހެލުމުގެ އަސަރު ކުރިކަމަށާއި، 15 ސިކުންތެއްހާ އިރަށް ލޮޅުން ދެމިހުރި ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމްވީ ކްރައިސިސްއިން ނެގި ވޯޓުގައި %16 މީހުން ބުނެފައި ވަނީ ބިންހެލުމުގެ އަސަރު ކުރިކަމަށެވެ. އަސަރު ނުކުރާކަމަށް %32 މީހުން ބުނެފައިވާއިރު، %52 މީހުން ބުނެފައިވަނީ ބިންހެލުން އައިކަން ނޭނގޭކަމަށެވެ.
ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު (ޚާއްޞަކޮށް މާލޭ ސަރަހައްދުގައި އުޅޭ މީހުން) ބުނަމުންދަނީ ބިންހެލުމުގެ އަސަރު އިހުސާސްވިކަމަށެވެ.
އެހެން ނަމަވެސް، މޫސުމާބެހޭ ޤައުމީ އިދާރާއިން އިތުރު އަޕްޑޭޓެއް އަދި ދީފައި ނުވާތީ، އެ އިދާރާއިން މިކަމާ ގުޅިގެން ބުނަނީ ކީކޭ ކަމެއް އަދި ނޭނގެއެވެ.