ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކު ރާއްޖެ ދެކޭނީ އުފާވެރި ދުވަސްތަކެއް ކަމަށް، ނިމިދިޔަ ސަރުކާރުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.
”އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ އާ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި ދިރުން ލިބިގެން ދިއުން.“ އެމަނިކުފާނު ލިއުއްވާފައިވެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ މި ޓަރމިނަާއެކު، އިތުރު އާ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށައި، މިހާރުވެސް ދަތުރުކުރާ އެއަރލައިންތަކުގެ ދަތުރުތައް އިތުރުވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ހަމަ އެއާއެކު، މި މުހިންމު މަޝްރޫޢު ހިންގެވުމުގައި ޝާމިލުވާ ހުރިހާ ރައީސުންނަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
ވަކިން ޚާއްޞަކޮށް، މި މަސައްކަތުގެ ބޮޑު ބައެއް ނިންމައި މި ޕްރޮޖެކްޓަށް ޒަމާނީ ބޮޑު ބަދަލެއް ގެނެސްދެއްވީތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ މަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ