ޠައިބާ ޙައްޖު ޢުމްރާ ގުރޫޕުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ނިޔާވެފައިވަނީ ތ. ވަންދޫ، އިސްމާޢީލް އަޙުމަދު (70އ) ކަމަށް އެ ގުރޫޕުން މަޢުލޫމާތުދެއެވެ.
އެ ގުރޫޕުން ބުނީ، އިސްމާޢީލް އަޙުމަދުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްޙަރާމްގައި، ފަތިސް ނަމާދަށްފަހު ކަމަށެވެ.
ޠައިބާ ޙައްޖު ޢުމްރާ ގުރޫޕަކީ މަރުޙޫމް ޝައިޚް ފަރީދު އުފައްދަވާފައިވާ ގުރޫޕެކެވެ. ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން، އެ ގުރޫޕާއެކު ޢުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޢުމްރާގެ ކަންކަން މިހާރު ބަލަހައްޓަމުން ގެންދަނީ، ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުންނެވެ.
ޚިދުމަތް ޖަމްޢިއްޔާއަކީ ޝައިޚް ފަރީދު އުފައްދަވާފައިވާ ޗެރިޓީ ޖަމްޢިއްޔާއެކެވެ.