ގައުމުން ބޭރު މީހުންނަށް ސައޫދީއަރަބިއްޔާގައި ”ރިޔަލްއެސްޓޭޓް އޯނަރޝިޕް“ ނުވަތަ ބިންވެރިކަން އަދި އެޔާގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަދިން ގާނޫނު އަދިއެޔާބެހޭ ގަވާއިދުތައް އެ ގައުމުން އިއުލާން ކޮށްފިއެވެ. މިގާނޫނު އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ.
ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލާފައިވާ، ބޭރު މީހުންނަށް ބިންގަނެ ވިއްކުމާބެހޭ ގާނޫނު އަދި އެއާބެހޭ ގަވާއިދުތައް ގެޒެޓް ކުރެވިފައި ވަނީ ހުކުރު ދުވަހުއެވެ. އަދި މިގާނޫނަށް އަމަލު ކުރަންފަށާނީ 6މަސްދުވަސް ފަހުންނެވެ.
ބޭރު މީހުންނަށް ބިންގަނެވޭނެ ޒޯންތައް އަދި ކެބިނެޓުން ނިންމަންޖެހެއެވެ. ނަމަވެސް މައްކާ އަދި މަދީނާ ސަރަހައްދުން ބިން ނުވިއްކާނެކަން މިހާރުވެސް ވަނީ ކަނޑައަޅާފައެވެ. އައު ގާނޫނުގެ ދަށުން ވަކިވަކި ފަރުދުންނަށާ،ކުންފުނިތަކަށާ ،ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް ބިންވެރިކަމުގެ ހައްގު ލިބިދެއެވެ. މިގޮތުން ގަންނަ ބިންތަކުގައި ކުރެވޭނެ ކަންކަމާ ނުކުރެވޭނެ ކަންކަން ކަނޑަ އަޅާ ގައިޑްލައިންތައް ހުރިއިރު އެފަދަ ތަންތަނުގައި ކުރަންޖެހޭނީ ހަމައެކަނި ފައިދާހުރި ކަމެއްކަމުގައި ބުނެފައިވެއެވެ.
ސައޫދީގައި ދިރިއުޅެމުންގެންދާ ބޭރު ގައުމުތަކުގެ މީހުންނަށް ދިރިއުޅުމަށްޓަކާ އެއް ޕްރޮޕަޓީ މައްކާ އަދި މަދީނާއިން ބޭރު ޒޯނަކުން ހޯދެއެވެ.
އައު ގާނޫނުގެ ދަށުން ކޯޕޮރޭޓް އޯނަޝިޕް އަށްވެސް ޚާއްސަ ލުއިތަކެއް ކަނޑައަޅާފައިވެއެވެ.މީގެ އިތުރުން ޑިޕްލޮމެޓިކް މިޝަން ތަކަށާ ބައިނަލްއަގްވާމީ ޖަމާއަތް ތަކަށްވެސް އޮފީސް އެޅުމަށާ އަދި މުވައްޒަފުން ބޭތިއްބުމަށް ތަންތަން ހެދުމަށް ބިން ލިބޭނެއެވެ.ނަމަވެސް މިކަމަށް ފޮރިން މިނިސްޓްރީގެ ޚާއްސަ ހުއްދަޔެއް ހޯދަން ޖެހެއެވެ.
ބިންގަންނަ ކޮންމެ ބަޔަކުވެސް ސީދާ އެބަޔަކާ ގުޅޭ އިދާރާގެ އިތުރުން ނެޝަނަލް ރިޔަލް އެސްޓޭޓް ދަފްތަރުގައި ރެޖިސްޓްރީވާން ޖެހެއެވެ.
އައު ގަވާއިދުގައި، އުސޫލުތަކާ ޚީލާފުވުން ދެވޭނެ އަދަބުވެސް ވަރަށް ސާފުކޮން ކަނޑައަޅާފައިވެއެވެ. މިގޮތުން ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެއްޖެނަމަ 10 މިލިއަން ރިޔާލަޔާއި ހަމައިން ޖޫރިމަނާ ކުރުމާއި އެކު މަޖްބޫރުން މުދާވިއްކާ ލިބޭފައިސާ ދައުލަތަށް ނެގުންވެސް އަދަބެއްގެ ގޮތުގައި ކަނދައަޅާފައިވެއެވެ.
ސައޫދީ އަރަބިއްޔާއިން ބޭރުމީހުންނަށް ބިން ވިއްކާނެ ޒޯންތައް ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ކެބިނެޓުން ކަނޑައަޅާ އެކަން އިއުލާން ކުރާނެއެވެ.