އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ހުކުރު ދުވަހު ހެނދުނު ފުރަމާނަ ދަތުރު ފުޅެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު، ދަތުރުފުޅު ފައްޓަވާފައިވަނީ އިގިރޭސިވިލާތަށް ކުރެއްވި ދަތުރު ފުޅަކަށްފަހު އެގައުމުންނެވެ. މިދަތުރު ފުޅުގައި މޯދީވަނީ ޗާލްސް ރަސްގެފާނުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. ރަސްގެފާނު، ނަރެންދުރަމޯދީއާ ބައްދަލް ކުރައްވާފައިވަނީ ނޯފޯކްގައި ހުންނަ ރަސްގެފާނުގެ ޕްރައިޓް އެސްޓޭޓްގައެވެ. މި ބައްދަލު ކުރެއްވުމުގައި މޯދީ ވަނީ ރަސްގެފާނަށް ޚާއްސަ ގަހެއްވެސް ހަދިޔާ ކުރައްވާފައެވެ.
އޭގެ ކުރިން މޯދީވަނީ ބޮޑުވަޒީރު ކީރު ސްޓާމާ އާ ބައްދަލް ކުރައްވާ ފްރީ ޓްރޭޑް އެއްބަސް ވުމެއްގައި ސޮއި ކުރައްވާފައެވެ. އެތައް ބިލިއަން ޕައުންޑްގެ އަގުހުރި އެއްބަސްވުމުގެ ދަށުން އިގިރޭސިވިލާތުގައި އުފައްދާ ކާރު އަދި ބަނގުރާ އަގުހެޔޮކޮށް އިންޑިޔާއަށް އެކްސްޕޯޓް ކުރެވޭނެއެވެ. އަދި އިންޑިޔާގައި އުފައްދާ ޓެކްސްޓައިލްސް އަދި ގަހަނާ އަގުހެޔޮކޮށް އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރެވޭނެއެވެ.
މިދަތުރުފުޅުގައި ދެގައުމުން ވަނީ ނުގަވާއިދުން އިގިރޭސިވިލާތަށް އެތެރެވެ، ވަޒީފާ އަދާކުރަމުންދާ އިންޑިޔާ މީހުންނަށް ލުއިގޮތްތަކެއް ހަދާދިނުމާބެހޭ އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ.
ރާއްޖެ އަކީވެސް އިންޑިޔާގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނުގަވާއިދުން އައިސް ވަޒީފާ އަދާކުރަމުންދާ ގައުމެކެވެ.
ނަރެންދުރަމޯދީ އެކިގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުތަކުގައި ގަސް ގިނަ ކުރުމަށް ދަނީ ވަރަށް ހިއްވަރު ދެއްވަމުންނެވެ.މިގޮތުން މިދިޔަ އަހަރު މޯދީ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ މަންމަ ގެ ހަނދާނުގައި ގަހެއް އިންދުމަށް ގޮވާލައްވާ،ޚާއްސަ ތިމާވެއްޓާބެހޭ އިނީޝިއޭޓިވް އެއް ފައްޓަވާދެއްވާފައެވެ.