މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވުމާއެކު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 60ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި ހުކުރު، ހޮނިހިރު، އަދި އާދިއްތަ ދުވަހު މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމާއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން، އަމަން ބެލެހެއްޓުމަށް ފަސޭހަކުރުމަށްޓަކައި މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް އެ ވުޒާރާއިން ކަނޑައަޅާފައި ވާކަމަށެވެ.
*އެއްގަމު އުޅަނދު ދުއްވުން މަނާ ދުވަސްތަކާއި ވަގުތުތަކާއި އުޅަނދުގެ ބާވަތް:*
• ހުކުރު ދުވަހު 13.00ން 18:00ށް: ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު
• ހޮނިހިރު ދުވަހު 15.00ން 18.30ށް: ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު
• އާދިއްތަ ދުވަހުގެ 18.00ން 00.00ށް: ބަރު އުޅަނދުގެ ތެރޭން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު
އެ ވުޒާރާއިން ބުނީ، މަނާ ވަގުތުތަކުގައި އުޅަނދުތައް ދުއްވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލާންސާއި ބަސް ދުއްވުމުގެ ހުއްދަ އެ ވަގުތުތަކުގައިވެސް ދޭނެކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.