މިއީ ދާދި ފަހުން ދިމާވި ހާދިސާއެކެވެ. ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ބަލި މީހަކަށް އޯ ޕޮޒިޓިވް ލޭ ހޯދުމަށް އެދި ސޯޝަލްމީޑިއާގައި ޕޯސްޓެއް ޖެހިއެވެ.
ޕޯސްޓުގައި ބުނެފައިވާގޮތުގައި، ބަލިމީހާއަކީ ދެ ކިޑްނީ ފޭލުވެފައިވާ މީހެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ މި މީހާއަށް ޖުމުލަ 4 ޑޯނަރުން ބޭނުންވާ ކަމަށްވެސް ޕޯސްޓުގައި ވެއެވެ.
މި ޕޯސްޓު ޖެހުމާއެކު އެ މީހުންނަށް މީހަކު ކުރި މެސެޖުތަކެއް ކަމަށް ބުނާ ސްކްރީންޝޮޓުތަކެއް، ފަހުން ކުރި ޕޯސްޓެއްގައި ހިމަނާފައި ހުއްޓެވެ.
މެސެޖުކުރި މީހާ 1 ޕެކެޓު ލޭ ދިނުމަށް ތައްޔާރަށް ހުރިކަމަށް ބުނިނަމަވެސް، ޖެހިގެން އައި މެސެޖުގައި ބުނެފައި އޮތީ ބަލިމީހާގެ ފަރާތުން އެއަށް ހުށަހަޅަނީ ކޮން އަގެއްތޯއެވެ.
ބުނެފައި އޮތް ގޮތުން، ލޭ ބޭނުންވެފައި ހުރި މީހާއަށް ދޭހަނުވީ ކަމަށް ވެދާނެއެވެ. އޭނާ ޖަވާބުދީފައި އޮތީ، ކްރޮސްމެޗް ހެދުމަށްޓަކައި އަވަހަށް ހޮސްޕިޓަލަށް އައިސްދިނުމަށެވެ.
ނަމަވެސް އަނެއްކާވެސް ތަކުރާރުކޮށް އެ މީހާ އަހާފައި އޮތީ ލޭ ޕެކެޓަކަށް ދޭނީ ކިހާވަރެއްގެ އަގެއްތޯއެވެ. ލޭ ބޭނުންވާ ފަރާތުން އަހާފައި އޮތީ، ލޭ ވިއްކާނީ ކިހާވަރަކަށްތޯއެވެ. ލޭ ”ދޭން“ ބުނި މީހާ ޖަވާބުގައި ބުނެފައި އޮތީ 7000 ރުފިޔާ ކަމަށެވެ.
މާޔޫސްކަމާއެކު، ލޭ ބޭނުންވި ފަރާތުން ބުނެފައި އޮތެވެ. ތިމަންމެންގެ އަތުގައި ލޭ ގަންނާނެ ތަނަވަސްކަމެއް ނެތެވެ. ތިޔަހާ ފައިސާއެއް ނެތެވެ.
ޕޯސްޓު ފެނުނު ފުރަތަމަ ފަހަރު ހިތަށްއެރީ އެވާނީ އަވަށްޓެރި ޤައުމެއްގެ މީހަކު ކުރި މެސެޖުތަކެއް ކަމަށެވެ. އަހަރެމެން ދިވެހިންގެ ތެރޭގައި އެކަހަލަ ކަންކަމަށް އަގުކިޔާނެ މީހުންނެއް ނޫޅޭނެއެވެ. ދިވެހިންނަކީ އެއަށްވުރެ މާ އިންސާނިއްޔަތުކަން ހުރި، އިޙުސާންތެރި ބައެކެވެ.
އާދައިގެ މަތިން، ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ފޯނު ބަލައިލީމެވެ. އާ ޚަބަރެއް އެއްޗެއް އޮތްތޯއެވެ. ސޯޝަލްމީޑިއާ ބަލަމުން ދަނިކޮށް ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އެއްކަލަ މީހާގެ ޕޯސްޓެވެ.
ކަމަކުދާކަށް ނެތެވެ. އެ ބުނާ މެސްޖުތަކަކީ ދިވެއްސަކު ކޮށްފައިވާ މެސެޖުތަކެކޯލައެވެ. ދެ ލޯ ބޮޑުކޮށްގެން އެތައް އިތަކު ހައިރާންވެފައި އިނދެވުނެވެ.
ވަކި މީހަކާމެދު ގޮތް ނިންމަނީއެއް ނޫނެވެ. ލޭ ވިއްކަން ބޭނުންވާ މީހާ ހުރި ހާލަތެއްވެސް ނޭނގެއެވެ. ފަހަރެއްގައި ބޮޑު ދަރަނިވެރިއަކަށްވެސް ވުން އެކަށީގެންވެއެވެ. ފަހަރެއްގައި އޭނާގެ ހާޖަތެއް ނުފުދި، އެހާ ގިނަ ފައިސާއަށް ބޭނުންވެފައި ހުރި މީހަކަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް، ހިތަށްއެރީ މިހެންނެވެ. އަހަރެމެންގެ ލޮބުވެތި މި ޤައުމު ހާދަހާ ދަށު ދަރަޖައަކަށް ވެއްޓިއްޖެއެވެ. މީސްތަކުންގެ ހާލަތު ހާދަހާ ނިކަމެތިވެއްޖެއެވެ. ފައިސާވެރިއަކަށް ނޫނީ މި ބިމުގައި ހަމަނޭވާ ލެވެންވެސް ނެތްފަދައެވެ. މި ދާވަރުން ދާނަމަ، ފައިސާ ހޯދުމަށް ގައިގެ ގުނަވަންތައްވެސް ވިއްކަންޖެހޭ ހިސާބަށް ނުދާނެބާވައެވެ؟
![]()

One Response
Drag boa meehun abadhuves ekahala kankurey