ސަހަރާ ކައިރިން ފެނުނު ޖިންނި

Loading

July 23, 2025
profile
Facebook
Twitter
WhatsApp

އެއީ 2018ވަނަ އަހަރެވެ. އޭރު އަދި ސިނަމާލެ ބުރިޖެއް ނުހުޅުވައެވެ. އެހެންވެ ހުޅުމާލެތެރެ ފެންނަނީ އަބަދުވެސް ވަރަށް ހަމަހިމޭންކޮށެވެ. ރޭގަނޑު އެގާރައިގެ ފަހުން މީހުން ވަރަށް ނުކުމެ އުޅޭތީ ނުފެންނާނެއެވެ. ޚާއްޞަކޮށް ސެންޓްރަލް ޕާކު ސަރަހައްދާއި ސަހަރާ ހުންނަ ހިސާބަށް މީހުން ވަރަށް ގޮސް ނޫޅޭނެއެވެ.

އަހަރެންނާއި އަހަރެންގެ އެކުވެރިޔާ ދިޔައީ ސައިކަލު ދުއްވަން ދަސްކުރާށެވެ. ދުއްވާ އެއްޗެއް އެންމެ ނޫޅޭނެހެން ހީވާ ސަރަހައްދުތަކުގައި އަހަރެމެން ދުއްވަމުންދިޔައިމެވެ. އެކި މަޖާ ވާހަކަތައް ދައްކަމުން ހެމުންނެވެ. އަހަރެންގެ ނުފަރިތަކަމަށް ދޭތެރެއަކުން އެކުވެރިޔާ ހަޖޫޖަހާލައެވެ.

ދުއްވަމުންގޮސް އަހަރެމެންނަށް ނުކުމެވުނީ ސަހަރާ މަގަށެވެ. ވަކި ހިސާބަކަށް ގޮސްފައި އަހަރެމެން ހުއްޓުންއެރީ ކުއްލިއަކަށް ޒުވާން އަންހެނަކު މަގުމަތިން ފެނުމުންނެވެ. ހުރީ ހުދުކުލައިގެ ދިގުކޮށްހުރި ހެދުމެއް ލައިގެންނެވެ. ނިއުޅާލާފައިވާ ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ފޫކޮޅަށްވުރެ ތިރިއަށް ފައިބައެވެ. އަތެއް ފައެއް ހަލުވާތަނެއް ނުފެނެއެވެ. އެކަމަކު މަޑުމަޑުން ހުރެގެން ކުރިއަށްދެއެވެ. ސަހަރާގެ ދޮރާ ވީކޮޅަށެވެ. ޔަގީނެވެ. މިއީ ފިލްމުތަކުން އެ ފެންނަ ކަހަލަ ޖިންނިއެކެވެ. އުޅޭ އެއްޗެއް ކަމަށް ގަބޫލު ނުކުރިއަސް މިފަހަރު މިހިރީ ހަމަ ލޮލަށް ފެންނާށެވެ. އަތުޖެހޭފަށުގައެވެ.

އަހަރެމެންނަށް ކުރިއަށް ދާކަށް ނުކެރުނެވެ. ބަލަހައްޓައިގެން ތިބީއެވެ. އައިކޮޅަށް އަނބުރާ ދާކަށްވެސް ނުކެރުނެވެ. ކަޅިޖަހާނުލައި އެހެން ތިއްބައި އެކުއްޖާ ކުއްލިއަކަށް ފަހަތަށް އެނބުރިއްޖެއެވެ. ބިރުން ހަލާކުނުވީ ކިރިޔާއެވެ. ލޯ އެކަންޏެއް ނޫނެވެ. މުޅި މޫނު ހުރީ ދިއްލިފައެވެ. ހުރީ އިސްޖަހައިގެންނެވެ.

އޭނާ އަހަރެމެންނާ ދިމާއަށް އަންނަން ފަށައިފިއެވެ. ބިރުން ގުޑިލަންވެސް ނުކެރިފައި އެކަކު އަނެކަކުގެ އަތުގައި ބާރަށް ހިފަހައްޓައިގެން ތިބީމެވެ. ވަރަށް ކައިރިއަށް އައިފަހުން ދިއްލިފައި ހުރި މޫނުގެ އަލިކަން ކެނޑިއްޖެއެވެ. ކޮންމެވެސް އެއްޗެކޭ ބުނި އަޑު އިވިއްޖެއެވެ. 

ތަލިން ކުޅުހިކި އަނގަ ހުޅުވިފައި ދެ މީހުން ތިއްބައި ކައިރީގައި އޮތް ގޯޅިން ނުކުތް މީހަކު ގޮސް އޭނާއާ އަރާހަމަކޮށްފިއެވެ. ދެ މީހުން އެކުގައި އަހަރެމެންނާވީކޮޅަށް ހިނގައިގެންފިއެވެ. މޫނު ރަނގަޅަށް ފެނުނީ ދެނެވެ. އެއީ ޗައިނާ އަންހެނެކެވެ. ގެސްޓުހައުސްއިން ނުކުމެ މަގު އޮޅުނީއެވެ. އަތެއް ނުހަލުވައި ދާހެން ހީވިކަމަކީ އޭނާގެ އަތުގައި އޮތް ފޯނުން މެޕް ބަލަމުން ހިނގާފައި ދިއުމުންނެވެ. ފައިގެ ހަރަކާތެއް ނޭނގޭނެތާއެވެ. ލައިގެން ހުރި ދިގު، ދޫ ހެދުމުގެ ސަބަބުން އޭނާގެ ފައެއް ނުވެސް ފެނޭވިއްޔާއެވެ. އެނބުރިލީ ވަގުތު މޫނު ދިއްލިފައި ހުރިހެން ހީވީ ފޯނުގެ އަލި މޫނަށް އެޅިފައި ހުރުމުންނެވެ.

އަހަރެމެން މިއީ ތިބި ބައެއްހެންވެސް ހީނުވެއެވެ. ”ޖިންނި ކުއްޖާ“ އޭނާގެ ބައިވެރިޔާއާއެކު ގޮސް ގެސްޓުހައުސްއަށް ވަދެ އޮބާލައިފިއެވެ. އަހަރެމެންގެ މޮޔަކަމާމެދު ވިސްނާލާފައި އައީ ލާނެތް ހިންޏެކެވެ. އެކުވެރިޔާ ބުންޏެވެ. ފެންނަހާ ކަމެއް އެއީ ޙަޤީޤަތެއް ކަމަށް ގަބޫލުކުރަންޏާ އަހަރެމެންގެ ދިރިއުޅުމުގައި ހާދަހާ ގިނަ ލަނޑެއް ލިބޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް