ސީރިޔާގެ މިހާރު ރައީސް އަހްމަދު ޝަރާއު އަކީ އެމެރިކާއިން އެންމެ ބޮޑަށް ބޭނުން ވެގެން އުޅުނު އެމެރިކާއިން އެއްދުވަސްވަރެއްގައި މާނަކުރި އެންމެ ބޮޑު ޓެރަރިސްޓް އަދި އަލް ގާއިދާގެ މުޖާހިދު އަބޫ މުހަންމަދު އަލްޖަލާނީއެވެ. އެމަނިކުފާނު ޝަހީދު ކޮށްލި މީހަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއްވެސް އެމެރިކާއިން އޮތީ ހުށައަޅާފައެވެ.
ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލެއްވުމަށްފަހު ސީރިޔާގެ ރައީސްކަން ލިބި ވަޑައިގަތުމުން އަހްމަދު ޝަރާޢު އިޚްތިޔާރު ކުރެއްވީ ކުރިން ސީރިޔާއަށް ވާގިވެރިވެ ދިން އީރާނާއި އަދި ރަޝިޔާއާއި ފެޔަށް ޖެހި ވަޑައިގެން އެމެރިކާއާއި ގާތް ގުޅުމެއް އުފެއްދެވުމަށެވެ. ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއާއި ހުޅަނގުން އެގައުމަށް އަޅާފައިއޮތް ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ ގައުމު ވެއްޓިފައިއޮތް އިގްތިސާދީ އަނދަވަޅުން ސަލާމަތްވުމަށްޓަކައެވެ. ރައީސް އަހްމަދު ޝަރާޢު އަށް އެމެރިކާ ދަހެއް ނުވިއެވެ. ބައެއް މީޑިއާތަކުން ސިފަ ކޮށްފައިވާ ގޮތުގައި މުހަންމަދު ބިން ސަލްމާނު އަރިހުގައި ހުންނަވައިގެން ރައީސް ޓްރަމްޕްއާއި އަތާއަތް ޖޯޑުލޮށްލުމުގެ ފުރުސަތު ލިބި ވަޑައިގަތުމުން އެމެރިކާ އޮޅިވަޑައިގަތީއެވެ. އިސްރާއީލަށް ފައިދާ ނުކުރާނެގޮތަކަށް އެމެރިކާއިން އެންމެ ފިޔަވަޅެއްވެސް ނާޅާނެކަން ދަހެއް ނުވިއެވެ. އެންމެފަހުން އެކަނިވެރިވީއެވެ. ގްރޭޓަރ އިސްރާއީލު ޗާޓު އޮތްކަން ހަނދުމަފުޅު ނެތުމުގެ ހިތި ރަހައާއި ކުރިމަތި ލައްވަން ޖެހިވަޑައިތީ ވެރިކަމަށް އަހަރު ދުވަސްވެސް ނުވަނީހެވެ. ރައީސް ޓްރަމްޕް އާއި ސަލާން ކުރެއްވުމަށްޓަކައި މުޖާހިދު އަބޫ މުހަންމަދު ޖަލާނީގެ ނަންފުޅު ހަނދާން ނައްތާ ލެއްވި ކަހަލައެވެ. މިއަދު އެކަނިވެރިވެ ވަޑައިގެންނެވި ދުވަހު އެހީތެރިކަން ފޯރުކޮށްދޭކަށް ރަޝިޔާއެއް އީރާނެއް ނެތެވެ. ރައީސް އަހްމަދު އަލް ޝަރާއާއި ގުޅޭގޮތުން “ ހިތްދަމައިގަންނަކަހަލަ ޒުވާން އަދި ވަރުގަދަ ޝަޚްސިއްޔަތެކޭ “ ވިދާޅުވި ރައީސް ޓްރަމްޕް މިހާރު އެހުންނަވަނީ އިސްރާއީލުން ބޭނުންވި ފުރުސަތު ހޯދާދެވުނީތީ އުފަލުން ކަމަށް އަމިއްލަ ގިނަ މީޑިއާތަކަކުން ގެންދަނީ ސިފަކުރަމުންނެވެ.
އިސްރާއީލުން ސީރިޔާއަށް ދޭން ފެށި ހަމަލާތައް ރިޔާސީ ގަނޑުވަރާ ހަމަޔަށް އަތުވެއްޖެއެވެ. ކޮންމެ ހަމަލާއެއް ޖަސްޓިފައި ކުރަން އިސްރާއީލުން ބޭނުންކުރާ އިސްރާއީލުގެ ދުލުކޮޅުގައި އޮންނަ ޖުމުލަ “ ހަމަލާދިނީ އެ ގަނޑުވަރު ކައިރީގައި ޓެރަރިސްޓުންގެ ހާލި ތަކެއް ހުރީމައޭ “ ބުނެފައެވެ. އެއީ ތެދެއްކަމަށް އެމެރިކާއިން ވަގުތުން ސިއްކަ ޖަހައިފިއެވެ. އިސްރާއީލުގެ ހަނގުރާމައިގެ ޖެޓްތަކުން ބުދަ ދުވަހުވެސް ތިންފަހަރެއްގެ މަތިން ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވައިގެ ހަމަލާތައް ދީފައިވާކަމަށް ޑީ ޕީ އޭ އިން ބުނެފައި ވެއެވެ. އެ ހަމަލާތަކުގައި ސީރިޔާގެ ދިފާއީ ވުޒާރާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ދިފާއީ ވުޒާރާގެ ޖެނެރަލް ސްޓާފުންގެ އިމާރާތް ހަލާކުވެ ބުރައިގެންދިޔަ ބައިތަކުންޖެހި އުމައްޔަތު ސްކްވެއާރ ގައި ޕާރކު ކޮށްފައި ހުރި އެއްގަމު އުޅނދުތައް ވަނީ ހަލާކުވެފައެވެ. އިސްރާއީލުގެ މިލިޓްރީންވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
އިސްރާއީލު މިލިޓްރީން އިތުރަށް ބުނެފައިވަނީ ހަމަލާތައް ދެމުންގެންދަނީ ސީރިޔާގެ ބައިމަދު ޑުރޫޒް ނަސްލުގެ މީހުންނާ ދެކޮޅަށް ސަރުކާރުން އަނިޔާ ކުރަމުން ގެންދާތީވެ އެ ނަސްލުގެ މީހުންނަށް އަމާންކަން ހޯދާދިނުމަށެވެ. އިސްރާއީލު މިލިޓްރީގައި އަމިއްލައަށް ބައިވެރިވެގެން ހަނގުރާމަކުރަމުންގެން ދާ ޑުރޫޒް ނަސްލުގެ ގިނަ ހަނގުރާމަވެރިން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އިސްރާއީލުން ގެންދަނީ ސީރިޔާ ސަރުކާރުން ޑުރޫޒު ނަސްލުގެ މީހުންނާ ދޭތެރޭ ކަންތައްކުރާގޮތް ވަރަށް ގާތުން ބަލަމުންނެވެ.
ފަހަކަށް އައިސް ސީރިޔާގެ ދެކުނު ސަރަހައްދުގައި ޑްރޫޒުން ގިނައިން ދިރިއުޅޭ ސްވެއިދާގައި ސުންނީ މުސްލިމުންނާއި ޑްރޫޒުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ދަނީ ހިނގަމުންނެވެ. ސީރިޔާ ސަރުކާރުގެ މިލިޓްރީ ބާރުތަކުންވެސް ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާތަނަށް ސީރިޔާ ސަރުކާރުގެ ސިފައިން ވަނީ އެ ސަރަހައްދުން އެތައް އާންމު ރައްޔިތުން މަރާފައެވެ.
އިސްރާއީލުގެ ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ސީރިޔާގެ ދިފާއީ ވަޒީރަށް ކަމަށާއި އެހެންނޫނީ އެމަނިކުފާނަށް ރަނގަޅު މެސެޖެއް ދިނުމުގެ ބޭނުމުގައިކަމަށް ލަފާކުރެވެއެވެ. ސީރިޔާގެ އިންސާނީ ހައްގުތަކާ ބެހޭ އޮބްޒަރވޭޓްރީގެ ވެރިޔާ ރާމީ އަބްދުއް ރަޙްމާނު ޑީ ޕީ އޭ އަށް ކިޔާދިނެވެ. ރާމީ އަބްދުއްރަހްމާނު ކިޔާ ދީފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް އިސްރާއީލުން ވަނީ ސީރިޔާއަށް 70 ފަހަރު ހަމަލާދީފައެވެ. އެ ހަމަލާތަކުގައި ސަތޭކައަށްވުރެން ގިނަ ތަންތަން ވަނީ ހަލާކު ކޮށްލާފައެވެ.