ކޮންމެވެސް ރަށެއްގެ ކުޑަ އަވަށެއްގައި ދައްތައަކާއި ފިރިހެން ކޮއްކޮއެއް އެކުއެކުގައި ބޮޑުވަމުންއައެވެ. ކުދިންގެ އުމުރުން ދިހަވަރަކަށް އަހަރުގައި ބައްޕަވަނީ ކުއްލިއަކަށް މަރުވެފައެވެ. އެހެން ކަމުން ދެ ކުދިންގެ ކިޔެވުމާއި އެހެނިހެން ޚަރަދުތައް ބެލެހެއްޓުމަށް މަންމަ އައީ ދެ ވަޒީފާ އަދާކުރަމުންނެވެ.
ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ބޭނުންވަނީ މޮޅު އިންޖިނޭރަކަށް ވުމަށެވެ. ނަމަވެސް އޭނާއަކީ އެހާ ކިޔެވުމަށް މޮޅު ކުއްޖެއް ނޫނެވެ. އަންހެން ކުއްޖާ ކިޔެވުމަށް ވަރަށް މޮޅެވެ. އޭނާ ބޭނުންވަނީ މޮޅު ޓީޗަރަކަށް ވާށެވެ.
ހަޔަރ ސެކަންޑަރީ ނިމުމުން އަންހެން ކުއްޖާއަށް ވަރަށް މަތީ ޔުނިވަސިޓީއަކަށް ވަދެވުނެވެ. ނަމަވެސް މިވާހަކަ އެއްވެސް މީހަކު ކައިރީގައި އޭނާ ނުބުނެއެވެ.
އަންހެން ކުއްޖާ އޭނާގެ ކޮއްކޮ ކައިރީ ބުނީ ޔުނިވަރސިޓީން އެއްއަހަރުގެ ބްރޭކެއް ނަގާފަ އިހަށް މަންމަޔަށް އެހީތެރިވެލުމަށް މަސައްކަތް ކުރަން ގަސްތުކުރާކަމުގަ އެވެ. ކޮއްކޮ ވަރަށް އުފަލުން އެއްބަސް ވިއެވެ. އެހެން ކަމުން އޭނަވެސް ވަގުތީ ގޮތުން ކޮންމެވެސް ވަޒީފާއެއް ހޯދިއެވެ.
އެއްވެސް މީހަކު ކައިރީ ނުބުނެ ދައްތައައީ ކޮއްކޮ ޔުނިވަސިޓީ އަކަށް ވަދެވޭ ވަރަށް ފައިސާއެއްކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެއްއަހަރު ދެއަހަރަށް ދެމިގެން ދިޔައިރުވެސް ކެފޭތަކާ ލޯންޑްރީ ތަކުގައި ދެ ޝިފްޓަށް އޭނަ މަސައްކަތް ކުރަމުންގެންދިޔައެވެ. ހުރިހާލާރިއެއް ސޭވް ކުރަމުންނެވެ. ކޮއްކޮގެ ފޮތްތަކަށާ ޓިއުޝަން ފީއަށް ފުދޭވަރަށް ފައިސާ އެއްކުރުމަށެވެ.
އެއްދަހަކު ކުއްލިއަކަށް ކޮއްކޮއަށް މަތީ ޔުނިވަރސިޓީ އަކަށް ވަދެވުނުކަން އަންގާ ސިޓީއެއް ލިބުނެވެ. ސިޓީ ބުނާ ގޮތުން ކިވެވުމުގެ ހުރިހާ ފީއެއްވަނީ ދައްކާފައެވެ. ކޮއްކޮއަށް މިވީ ގޮތެއް ނޭގިގެން ގޮސް މަންމަ ކައިރީ އެހިއެވެ.މިއީ ކިހިނެއް ވީ ކަމެއްހެއްޔެވެ. އަހަރުމެން މި ޔުނިވަސިޓީ އަށް ފޯމް ހުށަވެސް ނާޅަމު ނޫންހެއްޔެވެ.
އެވަގުތު މަންމަ ގޮސް އަލަމާރިން ސިޓީ އުރައެއް ނަގައިގެން އައިސް ފިރިހެން ކުއްޖާ އަތަށް ދިނެވެ. އެއީ ދައްތަ ފޮރުވާފަ އޮތް ސިޓީއުރައެއް ކަމަށް ބުންޏެވެ. މަންމަޔަށް ފެނުމުންވެސް ނޭގޭކަމަށް ހަދައިގެން ހުރީ ކަމަށް ބުންޏެވެ. އޭގައިވަނީ ޔުނިވަރސިޓީ އަށް އެޕްލައި ކުރި ފޯމުގެ ކޮޕީއެކެވެ. ސޮއިކޮށް ފައިސާދައްކާ ހުރިހާކަމެއް ނިމިފައިވާކަން އެފޯމުން ފެނެއެވެ. ފައިސާ ދައްކާފައިވަނީ ދައްތައެވެ. ދައްތަ އެކަމަށް ފައިސާ އެއްކުރާކަން މަންމަޔަށް އެނގޭކަމަށާ އެހެންކަމުން ދައްތައަތުން ގެޔަށް ފައިސާ ނުއަތުލާކަމަށް މަންމަ ބުންޏެވެ.
ކޮއްކޮ އެވަގުތު އުފަލުން ދުވެފަ ދައްތަ މަސައްކަތް ކުރާ ލޯންޑްރީ އަށް ދިޔައެވެ. އޭރުވެސް ދައްތަ ހުރީ މީހުންގެ އަންނައުނުތައް ފަތްޖަހާ ތަރުތީބުކުރާށެވެ.
ދައްތަ ކައިރިޔަށް ދެވުމަށްފަހު ކޮއްކޮ ސުވާލު ކުރިއެވެ. ދައްތަގެ ކިޔެވުން ދޫކޮށްލާފަ މުސްތަގްބަލު ވެއްޔާ މޮޑެލީ އަހަރެންނަށް މިކަންތައް ކޮށްދޭން ހެއްޔެވެ. މިހެން ބުނުމުން ދައްތަ ބުންޏެވެ. ނޫނެކެވެ. ކޮއްކޮއަށް ޔުނިވަސިޓީއަށް ވަދެވޭވަރުވަންދެން ދައްތަގެ ކިޔެވުން އިހަށް މަޑުޖައްސާލީއެވެ. އެއްކޮން ދޫކޮށްލީކީ ނޫނެވެ.
މަންމައާއި ދައްތަ ވަރަށް ފުރިހަމަޔަށް ދަތުރު ހަދާދިނުމަށްފަހު ފިރިހެން ކުއްޖާ ކިޔަވަން ފޮނުވިއެވެ. އަދި ދައްތަވެސް ޔުނިވަސިޓީ އަށް ވަދެ މޮޅު ޓީޗަރަކަށް ވުމަށް ކިޔެވުން ފެށިއެވެ.
އޭގެ އަހަރުތަކެއް ފަހުން ކިޔަވާނިމި ކާމިޔާބު އިންޖިނޭރަކަށް ވެގެން އެނބުރި ގައުމަށް އައިސް ކޮއްކޮ ފުރަތަމަ ވެސް ދައްތައަތަށް ތަޅުދަނޑިއެއް ދިއްކޮށްލިއެވެ. ކޮއްކޮވަނީ ދައްތަގެ ނަމުގައި ސްކޫލެއް ބިނާކޮށް އަދި އެތަނަށް މުވައްޒަފުންލާ ހަމަ ކޮށްފައެވެ. ތަޅުދަނޑިއަކީ އެސްކޫލްގެ ތަޅުދަނޑިއެވެ.
ދައްތަ އުފަލުން ގޮސް ކޮއްކޮ ގައިގައި ބައްދާލިއެވެ. އަދި މިއީ ދުވަހަކުވެސް ހާސިލް ވެދާނެ ކަމަށް އުންމީދު ވެސް ކުރިކަމެއް ނޫން ކަމަށް ބުނެ ކޮއްކޮއަށް ޝުކުރު އަދާކުރިއެވެ. ކޮއްކޮ ބުނީ މިއީ ދައްތަކޮށްދިން ކަންތަކާ ގާތްކުރާވަރުގެވެސް ކަމެއް ނޫންކަމަށާ އަދިވެސް ހަދިޔާތައް އެބަހުރި ކަމަށެވެ.
އެއަށްފަހު ދެކުދިންނާއި މަންމަ ވަރަށް އުފަލުގަ ހަޔާތުގެ ދުވަސްތައް ވެއަތު ކުރަމުން ގެންދިޔައެވެ.