ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ ތެރޭން، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް، އަންނަ އޯގަސްޓު 1ވަނަ ދުވަހުން ފެށިގެން 2000 ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައި ވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ދާ މީހުންނަށް ބެންކު މެދުވެރިކޮށް މިހާރުވެސް 2000 ޑޮލަރު ލިބޭ ފަދައިން، އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް 2000 ޑޮލަރު ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވާނެކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް 1000 ޑޮލަރާ ހަމައަށް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް އަންގަވާފައި ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.