މައިކަލް އޭނާގެ މުސްކުޅި މަންމަ ޓެކްސީއަކަށް ލައިގެން ގެންގޮސް މުސްކުޅިން ބަލަހައްޓާ ތަނަކަށް ލުމަށްފަހު އެއްގޮތަކަށްވެސް މަންމަ ދެކިލަންވެސް ނުދެއެވެ. މަންމަ އެތަނަށް ދޫކޮށްލާފަ ދަމުން އަދި އަންނާނަމޭ ބުނި ނަމަވެސް އެހަނދާނެއް ނެތެވެ.
ކޮންމެ ޗުއްޓީ ދުވަހަކު،ކޮންމެ އުފަންދުވަހަކު މައިކަލް އައިސްދާނެ ކަމުގެ އުންމީދުގައި މަންމަ ކުޑަދޮރުކައިރީ ބަލަން އިންތިޒާރުގައި އިނދެއެވެ.ނަމަވެސް މައިކަލް ނާދެއެވެ. ސެންޓަރުގެ މީހުން ލައްވާ ފޯނުންގުޅޭ ފަހަރަކުވެސް ބުނަނީ ބިޒީކަމުން ނުދެވެނީ ކަމުގައެވެ. މަންމަ އެހިތާމައިގައި ރޮއިރޮއި އިނދެއެވެ. މިހެންގޮސް އެއްރެޔަކު ނާސިންގހޯމްގެ މީހުންނަށް ފެނުނީ މަންމަ އެނދުގައި މަރުވެފައި އޮއްވައެވެ.
މަންމަ މަރުވިކަން މައިކަލް އަށް އެންގުމުން އެތަނަށް ދިޔައެވެ.ނަމަވެސް ކަރުނަ ތިއްކެއްވެސް ވައްޓާނުލައެވެ. ލިއުން ތަކުގައި ސޮއިކޮށް،ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު އޭނާ ހިގައްޖެއެވެ.
އޭގެ ތިރީސް އަހަރުފަހުން މައިކަލްގެ އަމިއްލަ ގެދޮރުހުރީ އަޅާނިމިފައެވެ.ކާމިޔާބު ކެރިއަރ އެއްއޮތެވެ. މަންމަގެ ހިއްވަރާ ބުރަމަސައްކަތުން ކިޔަވާ ދިންކަމުންނެވެ. ފިރިހެން ދަރިފުޅަކުހުއްޓެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތި އުޅެމުން ދަނިކޮށް ވަޒީފާއަދާކުރެވޭ އުމުރު ހަމަވެއްޖެއެވެ.އޭރު އޭނާގެ އަންހެނުންވެސް ވަނީ މަރުވެފައެވެ. އެހެންކަމުން އޭނާއަށް ކަންކަން ކޮށްދިނުމަކީ ދަރިފުޅުގެ ޒިންމާ އަކަށް ވެއްޖެއެވެ.
މައިކަލްގެ ކަންކަން ފުރިހަމަ ނުވެ ހުންނަން ފަށައިފިއެވެ. މައިކަލް ސުވާލު ކުރުމުން ދަރިފުޅު ބުނަނީ އޭނާ އޮފީހުގަ އާއި ގޭތެރޭގެ ކަންކަމުގައި މާ ބިޒީ ވަނީ ކަމުގައެވެ. ހެދޭނެ ގޮތެއް ނެތި މައިކަލް ހާސްކަމާ ހިތްދަތިކަމުގައި އުޅެމުން ދަނިކޮށް އެއްދުވަހަކު ހޭވެރިކަންވީ ހޮސްޕިޓަލެއް ކަހަލަ ތަނެއްގެ އެނދެއްގައި އޮއްވައެވެ. އެތަނުގައި ހުދު އެނދު ތަކެއް ބަރިއަކަށް ހުއްޓެވެ. މަތީގަ ހޮޅިބުރި ތަކެއް ދިއްލާފައިވެއެވެ.ކައިރީގައި ވީލްޗެއާއެއް ހުއްޓެވެ. ވަށާ ބަލާލިއިރު ޔުނީފޯމެއްގަ ތިބި ދެތިން ފިރިހެނުންނާ ނަރުސް ކުއްޖަކު އެތަނުގައި އުޅެއެވެ.
ހޭވެރިކަން ވުމާއި އެކު މައިކަލް ކައިރީގައި ހުރި ނަރުސް ކުއްޖާ ކުރެން ސުވާލު ކުރިއެވެ.އަހަރެން މިއޮތީ ކޮން ތަނެއްގައި ހެއްޔެވެ. މިހެން ބުނުމުން ނަރުސް ކުއްޖާ ޖަވާބުގައި ބުންޏެވެ. މިއީ މުސްކުޅިން ބަލަހައްޓާ ތަނެކެވެ. ބޭބެގެ ދަރިފުޅު އިއްޔެ މިތަނަށް ބޭބެ ގެނައީއެވެ. އުޅެންޖެހޭލެއް ބިޒީކަމުން ބައްޕަ ބެލެން ނެތީ ކަމަށް ބުންޏެވެ.
ނަރުސް ކުއްޖާ މިހެން ބުނުމުން މައިކަލް އަށް ބޭއިޚްތިޔާރުގައި ރޯން ފެށުނެވެ.އަދި އޭނާގެ މުސްކުޅިމަންމަ މަތިން އެވަގުތު ވަރަށް ހަނދާންވިއެވެ.ނަރސިންގ ހޯމް އަށް ނުގެންދިއުމަށް އެދި އާދޭސްކޮށްކޮށް އޮއްވާ މަންމަ އެތަނަށް ގެންގޮސް ދޫކޮށްލި ދުވަހުގެ މަތިން މިއަދު ވަރަށް ހަނދާންވިއެވެ. މައިކަލް ދެކިލާހިތުން، އޭނާޔާ ވާހަކަ ދައްކާލާހިތުން މަންމަ އިންނާނެ ގޮތް ހިތަށް މިހާރު ތަޞައްވުރު ކުރެވުނެވެ. އެކަމަކު އެހިތަށް ކުޑަވެސް ފިނިކަމެއް ދޭކަށް މައިކަލް އޭރު ބޭނުމެއް ނުވިއެވެ. ދައްޗާއި ތުރާލުގައި މަންމަ މައިކަލް އަށްޓަކާ ވީގުރުބާނީގެ މަތިން އޭރު ހަނދާނެއް ނުކުރެވުނެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ކަންތައްތަކުގެ ލިސްޓުގައި އިސްކަން ނުދެވުނީއެވެ.
އަދި އެއްފަހަރު ނަމަވެސް ނަރސިންގ ހޯމް އަށް ގޮސް މަންމަ ގައިގައި ބައްދާލެވޭނެ ނަމައޭ އޭނާގެ ހިތަށް އެވަގުތު އަރަމުން ދިޔައެވެ. ”ބިޒީ“ ހަޔާތުން އެއްދުވަހުގެ އެއްގަޑިއިރު ނަމަވެސް އެމުސްކުޅިމަންމަގެ އުމުރުގެ އެންމެ ފަހު ދުވަސްކޮޅު މަންމައަށްޓަކާ ހުސްކޮށްލަ ދެވުނުނަމައޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މިއަދު ދެން ކުރާނެ ކަމެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ.
މައިންބަފައިންނަށް ތިމާ ހިތާހިތުން ތިމާއަށް ކުރިމަތިވާނެ ކަން މިއީ ވަރަށް ގިނަ ފަހަރު ފެންނަ ހަގީގަތެކެވެ.