ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 18ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، ޢާއިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ބުނީ، މީގެ ތެރޭން ޢާއިޝަތު ޝިޔާޒާއަކީ ފުލުހެއް ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސްގުޅައެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން ޢާއިޝަތު ޝިޔާޒާއަށް 5 ދުވަސް، އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި، މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.