މީގެ ހަފުތާއެއް ކުރިން ގެއްލިފައިވާ ގ. ގާނެޓް، ޙަސަން ޔާމީން ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 11ވަނަ ދުވަހުގެ ރޭ ގެއިން ނުކުތްފަހުން ޢާއިލާއަށް އޭނާގެ ޚަބަރެއްވެފައި ނުވާކަން ޢާއިލާގެ ފަރާތުން ފުލުހުންނަށް އަންގާފައިވަނީ މި މަހުގެ 14ވަނަ ދުވަހުގެ ރޭ ކަމަށެވެ.
ޔާމީން ގެއްލުނުތާ ހަފުތާއެއް ވެފައިވާއިރު، ފުލުހުން ބުނެފައިވަނީ، ގެއްލިގެން ހުށަހަޅާ މީހުންގެ މަޢުލޫމާތު ފޯމު ފުރައި، ފުލުހުންގެ ކަމާ ގުޅުންހުރި އިދާރާތަކަށާއި އެހެން މުއައްސަސާތަކަށް އެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށާއި، މި މައްސަލައިގެ ތަޙުޤީޤު ފަށައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާކަމަށެވެ.
ޢާއިލާގެ އެހީއާއެކު ޔާމީންގެ އެޕާޓުމަންޓު ބަލައިފާސްކޮށްފައިވާއިރު، ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ ޢަމަލެއް ހިންގާފައިވާކަމުގެ ނިޝާނެއް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ބުނީ ޔާމީން ރާއްޖޭން ބޭރަށް ގޮސްފައި ނުވާކަން، ކަމާ ގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްދީފައި ވާކަމަށެވެ.
ޔާމީނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ