އެއްދުވަހަކު ތިން މީހުންގެ ކުޑަކުޑަ އާއިލާއެއް އެކުގައި ހެނދުނުގެ ނާސްތާ ކުރަން ތިއްބެވެ. އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅާ މަންމަ އާއި ބައްޕައެވެ. ހުރިހާ ކަމެއް ދަނީ ބަރާބަރަށްހެން އިރުކޮޅަކަށް ހީވިއެވެ. ނަމަވެސް މިހެންތިއްބާ ކުއްލިއަކަށް ބައްޕަ ދަރިފުޅާ ދިމާލަށް ވަރަށް ބާރަށް ބުންޏެވެ. ހަމަ މިހާރު މިގޭން ނިކުމެގެން ދާށެވެ. މިގެޔަކު ދެން ކަލެޔަކަށް ނުހުރެވޭނެއެވެ. ހަމަ މިހާރު އެއްޗެހިކޮޅު ހިފައިގެން ނިކުމެގެން ދާށެވެ.
މިހެން ބުނުމުން ކުއްޖާވެސް ކުއްޖާގެ މަންމަވެސް ވަރަށް ހައިރާން ވިއެވެ. އަދި މަންމަ ބުންޏެވެ. އެހެން ނުހަދާށެވެ. އެއީ ކަލޭގެ އަމިއްލަ ދަރިފުޅުނޫން ހެއްޔެވެ. ތިޔަހެން ގެއިން ނެރެލީމަ އޭނަދާނީ ވަކި ކޮން ތަނަކަށް ހެއްޔެވެ. ނަމަވެސް ބައްޕަ މި އަޑެއް ނުއެހިއެވެ. ބުނީ ކުއްޖާވަގުތުން ގެއިން ދިއުމަށެވެ.
މި ހަބަރު އެހި ބައެއް އަވަށްޓެރިންވެސް ތިބީ ހައިރާން ވެފައެވެ. އެ ފިރިހެން މީހާއަކީ އެހާ ހިތްހަރު، ހަރުކަށިމީހެއް ނޫންކަމަށް އެމީހުން ބުނަމުންގެންދިޔައެވެ.
ދަރިފުޅު ގެންގުޅޭ އަންނައުނުކޮޅު ކުޑަ ސޫޓްކޭސްއަކަށް އަޅައިގެން ގެއިން ނިކުތްތަނާ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި ބައްދަލް ވިއެވެ. އަދި ދަނީ ކޮންތަކަށްތޯ އެހިއެވެ. އެވަގުތު އޭނާއަށް މިދިމާވި ކަންތަކުގެ ވާހަކަ ކިޔާދިނުމުން ރައްޓެހި ކުއްޖާބުންޏެވެ. އަހަރެންނަށް ތިޔަ ކަމުގަ ވެދެވޭނެ އެހީއެއް ނެތެވެ. އަހަރުންގެ ގޭގަ މީހަކު ބަހައްޓާނެ ތަނެއް ނެތެވެ.
ދާނެ އެހެން ތަނެއް ނެތިގެން އޭނާ ބައްޕަގެ އެއްބަނޑު މީހަކަށް ގުޅިއެވެ. އެ ގޭގަ ބަހައްޓަފާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް ބޮޑުބޭބެ ވެސް ބުނީ އޭނަގެ ގެ ވެސް ފުލް ކަމަށާއި އަދި ބައްޕަޔާޖެހުނު މައްސަލައެއް އަވަހަށް ހައްލުކުރުމަށް އެދުނެވެ. އަދި ބިޒީ ކަމަށް ބުނެފަ ފޯނު ބޭއްވިއެވެ.
ކުއްޖާ ވަންނާނެ ތަނެއް ނޭނގި މަގުތަކުމަތީ ހިނގަމުން ދަނިކޮށް އެދުވަހުގެ އިރުވެސް އޮއްސިއްޖެއެވެ. ބަނޑުހައިވެ ވަރުބަލިވެގެނެ ތަނެއްގައި ފޮށިބެހެއްޓުމަށްފަހު އަނެއްކާވެސް އިތުރު ބައެއް ރައްޓެހިންނާ ގުޅިއެވެ. ހަމަ އެކަކުގެ ފުށުންވެސް އެހީތެރި ކަމެއް ނުލިބުނެވެ. އަނެއްކާވެސް ތެދުވެ ހިނގަމުން ހިނގަމުން ދަނިކޮށް މަންމަގެ އެއްބަނޑު އަންހެނަކާވެސް ދިމާވިއެވެ. ކަންވީގޮތް އޭނަޔަށްވެސް ކިޔާދިނުމުން އޭނަވެސް ބުނީ ތިޔަކަމުގައި ކޮށްދެވޭނެ ކަމެއް ނެތް ކަމުގައެވެ. އޭނަދަންނަ ރައްޓެހި އަދި ތިމާގެ އެންމެންގެ ފުށުންވެސް ލިބުނީ ހަމަ އެއްޖަވާބެކެވެ. އޭނަ ބަހައްޓަން އެކަކުވެސް އެއްބަސް ނުވިތާ ކާއެތިކޮޅެއް ދޭންވެސް ނުބުންޏެވެ.
އެއަށްފަހު އަނެއްކާވެސް އެކަނި އިސްޖަހާލައިގެން މަގުމަތިން ހިނގަމުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް ކައިރިޔަށް ކާރެއް މަޑުކޮށްލިއެވެ. އޭނަބަލާލިއިރު އޭގައި އިނީ ބައްޕަ އެވެ. ބައްޕަ ކާރުން ފައިބައިގެން އައިސް ބުންޏެވެ. ދަރިފުޅާއެވެ .ބައްޕަޔަށް މައާފް ކުރާށެވެ. މިހެން ބުންޏަސް ދަރިފުޅަށް ގަބޫލު ނުކުރެވޭނެ ކަންވެސް އެގެއެވެ. ބައްޕަޔާއެކުގައި ގެޔަށް ހިނގާށެވެ. އޭރުން ހުރިހާއެއްޗެއް ކިޔާދޭނަމެވެ.
ކުއްޖާހުރީ އޭރު ވަރަށް ރުޅިވެސް އައިސްފައެވެ. އަދި ބާރަށް ބުންޏެވެ. އަހަރެން ގެއިން ނެރެ ބޭރަށް އެއްލާލީ ނޫންހެއްޔެވެ. އަހަރެން ގެޔަކަށް ނުދާނަމެވެ. ބައްޕަ ވަރަށް އާދޭސް ކޮށްގެން ކުއްޖާ ގެޔަށް ދާން އެއްބަސްވެ ކާރަށް އެރިއެވެ.
ގެޔަށް ދެވުމާއި އެކު މަންމަވެސް ދުވެފަ ނިކުމެ ދަރިފުޅު ގައިގައި ބާރަށް ބައްދާލިއެވެ. އަދި އަނބުރާ ގެޔަށް އައީތީ ވަރަށް އުފާވެއްޖެ ކަމަށް ބުންޏެވެ.
ބައްޕަ އެހާހަމައިން މަންމައާއި ދަރިފުޅު ކައިރީގައި ބައިތިއްބާފައި ދަރިފުޅާ ދިމާލަށް ބުންޏެވެ. ދަރިފުޅާއެވެ. ބައްޕަ ދުވަހަކުވެސް ދަރިފުޅު ގެއިން ނެރެ އެއްލައެއް ނުލާނަމެވެ.ބައްޕަ މިގޮތަށް ކަންތައް މިކުރީ ހަމަ ދަރިފުޅަށް ވިސްނާދިނުމަށެވެ. ދަރިފުޅު ރައްޓެހިންނާއެކު މާބޮޑަށް ބޭރުގައި އުޅެ އެމީހުން ދަރިފުޅުގެ އަތުން ނާޖާއިޒު ފައިދާތަކެއް ނަގަމުން ދާތަން ބައްޕައަށް އެބަފެނެއެވެ.ހަމައެފަދައިން ތިމާގެ މީހުންގެ މައްޗަށްވެސް ދަރިފުޅު ބުރަވާތަން އެބަފެނެއެވެ.އެކަމަކު މިއަދު ހަގީގަތުގައި އެމީހުންގެ ބޭނުން ދަރިފުޅަށް ޖެހުނު ވަގުތު އެއިން އެކަކުވެސް ދަރިފުޅަށް އެހީތެރިއެއްނުވި ނޫން ހެއްޔެވެ.ދަރިފުޅަށް ބައްޕަ ދަސްކޮށްދޭން ބޭނުން ފިލާވަޅަކީ ހަޔާތުގައި ތިމާޔަށް އެހީވާން ތިބޭނީ ހަމައެކަނި ތިމާގެ މަންމައާއި ބައްޕަ އަދި އަމިއްލަ އާއިލާގެ މީހުންނެވެ. މަންމައާއި ބައްޕަގެ ބަސް އަޑުއަހަން ޖެހޭނެ ކަމެވެ. ނުދާށޭ ބުނާ ތަންތަނަށް ގޮސްގެން ނުވާނެ ކަމެވެ. އެހެން މީހުން ދޭ ގޯސް ނަސޭހަތުން ނެއްޓެން ދަސްކުރަން ޖެހޭނެ ކަމެވެ.
ދަރިފުޅުގެ ދެލޯ އެވަގުތު ކަރުނުން ފުރުނެވެ.އަދި ބުންޏެވެ. ލައްބައެއެވެ. އަޅުގަނޑަށް ވިސްނިއްޖެ އެވެ. އަޅުގަނޑު ގެއިން ނިކުންނަންޖެހި މަގުމަތިވީހިނދު އެންމެންނަށްވެސް ގުޅީމެވެ.ނަމަވެސް އަޅުގަނޑު އަތުން ލާރި ނަގާފަ ތިބި މީހުންވެސް އެހީވާން އެއްބަހެއް ނުވިއެވެ. މަންމަވެސް އެވަގުތު ބުންޏެވެ. ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. ބައެއްކަހަލަ ފިލާވަޅު ދަސްކޮށް ދިނުމަށް ބައްޕަ ގެންގުޅޭ އުސޫލު ތަފާތީ އެވެ.
އެވަގުތު ބައްޕަ ހީލަމުން ބުންޏެވެ. އަބަދުވެސް ހަނދާން ކުރާށެވެ. ދަރިފުޅު ހޭ ނަމަ އެކުގައި ހޭނެ ބައިވަރު މީހުން ތިބޭނެއެވެ. ނަމަވެސް ރޯން ޖެހޭ ދުވަހު ރޯން ތިބޭނީ ހަމައެކަނި މަންމައާއި ބައްޕަ އަދި އަމިއްލަ ފެމިލީ މީހުންނެވެ.