އިންޑޮނީޝިޔާގައި ބޭރު ގައުމުތަކަށް ތުއްތުކުދިން ވިއްކަމުން ގެންދިޔަބަޔަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން 2023ން ފެށިގެން މަދުވެގެން 25 ބޭބީ ނުވަތަ އެންމެ ތުއްތު ފުރައިގެ ކުދިން ސިންގަޕޫރުގެ އެކިފަރާތްތަކަށް ވިއްކާފައިވާކަމަށް ވެއެވެ.
އިންޑޮނީޝިޔާގެ ދެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން ދިޔައިރު މިކަމުގައި ބައިވެރިވި 13 މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޭރަށް ފޮނުވުވުމަށް ތައްޔާރު ވަމުންދިޔަ ހަ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މިހުރިހާ ކުދިންނަކީވެސް އެއްއަހަރުން ދަށުގެ ކުދިން ކަމަށް ޚަބަރު ލިބެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިކަން ކުރަމުން ގެންދިޔަ މީހުން ފުރަތަމަ ހޯދަނީ އެކި ސަބަބުތަކާހެދި ވިހެއުމަށްފަހު އަމިއްލަ ދަރިން ބަލަން ބޭނުން ނޫން އަންހެނުންނެވެ. ފުރަތަމަ ފޭސްބުކް ފަދަ އާންމު ޗެނެލްތަކުން އެފަދަ މީހުންނާ ގުޅުމަށްފަހު، ފަހުން ޕްރައިވެޓްކޮށް ވާހަކަ ދެއްކުމަށް ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތަކަށް ބަދަލު ވެއެވެ.
މިފަދަ ބައެއް ކޭސްތަކުގައި އަންހެންމީގެ ބަނޑުގައި ދަރި އޮއްވާވެސް ދަރިފުޅު ރިޒާވް ކޮށްފައި އެބަހުރިކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.މިފަދަ ހާލަތްތަކުގައި އެމީހަކު ވިހެއުމުގެ ޚަރަދު ދެއެވެ.އަދި ހަދިޔާއެއްގެ ގޮތުގައި ވަކިވަރަކަށް ފައިސާ ދިނުމަށްފަހު ބޭބީ އަތުލައެވެ.
މިގްރޫޕްގެ ތެރޭގައި ބޭބީ ވިއްކަފާނެކަމަށް ބެލެވޭ މީހުން ހޯދާބަޔަކާ،ބޭރަށް ފޮނުވެންދެން ކުދިން ބަލަހައްޓާބަޔަކާ ފޭކް ޑޮކިއުމަންޓްތަކާ ޕާސްޕޯޓް އަދި ފެމިލީކާޑް ފަދަ އެއްޗެތި ހަދާދޭ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިގްރޫޕުން ކުދިން ވިއްކާފައިވަނީ 11މިލިއަނާ 16 މިލިއަން އިންޑޮނީޝިޔާ ރުޕިޔާ އާއި ދެމެދު ގެ އަގުތަކަށެވެ.
ހައްޔަރުކުރި ބައެއްފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިގްރޫޕުން 12 ފިރިހެން އަދި 13 އަންހެން ކުދިން އިންޑޮނީޝިޔާގެ ތަފާތު ޑިސްޓްރިކްޓްތަކުން ހޯދާ ގައުމުގެ އެތެރޭގަ އަދި ބޭރު ގައުމުތަކަށް ވިއްކާފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ފުރަތަމަ މަސައްކަތް ކުރާނީ ސިންގަޕޫރުން ކުދިން އެޑޮޕްޓް ކުރި ފަރާތްތައް ހޯދުމަށެވެ. ގިނަ ކުދިންގެ ނެޝަނަލިޓީ މިހާރު ބަދަލުކޮށްފައި ވީނަމަވެސް ހޯދޭނެ ގޮތްތައް ހުންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ބައެއްބެލެނިވެރިން ރުހުމުގަ ކުދިން ދޭން އެއްބަސްވެފަ،ނަމަވެސް އެމީހުން ދޭން ބުނާ ފައިސާ ނުދިނުމުގެ ސަބަބުން ދަރިފުޅު ކިޑްނެޕް ކުރީ ކަމަށް ރިޕޯޓްކޮށްފައިވެސް އެބަހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.