ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވި، ޢަބްދުލްކަރީމް އާދަމް އަވަހާރަވެއްޖެއެވެ.
ޢަބްދުލްކަރީމް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ، 18 ޖޫން 1961ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޞިއްޙަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓު (ލޭ ނެގުމާ ބެހޭ) ވަޒީފާއެވެ.
އޭގެ ފަހުން، 16 ޖުލައި 2009ގައި އުމުރުފުޅުން 65 އަހަރު ފުރުމާ ގުޅިގެން ރިޓަޔަރ ކުރައްވަންދެން ޚިދުމަތްކުރައްވަމުން ގެންދެވީވެސް ޞިއްޙީ ދާއިރާގެ އެކި މަޤާމުތަކުގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމުގައެވެ.
އޭނާ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، ހެލްތު ވޯރކަރުން ތަމްރީނުކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތައް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އޭގެ ފަހުން، އިންޑިއާއާއި ތައިލެންޑުންވެސް އޭނާ ވަނީ މި ދާއިރާއިން ތަމްރީނުތައް ފުރިހަމަ ކުރައްވާފައެވެ.
ޢަބްދުލްކަރީމް ވަނީ، ޓީބީއާއި ފައިލޭރިއާއާއި، ލެޕްރަސީފަދަ ބޮޑެތި ބަލިތަކުގެ މީހުން އެކަހެރިކޮށްގެން ފަރުވާދިނުމުގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެކި އަތޮޅުތަކުގައި މަސައްކަތް ކުރައްވާފައެވެ.
އަދި މާލޭގެ ގޭގޭގެ ފެންވަޅުތަކަށް ކްލޮރިން އެޅުމުގެ މަސައްކަތާއި، ބޯފެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތްވެސް އޭނާ ވަނީ ކުރައްވާފައެވެ.
ޢަބްދުލްކަރީމުގެ ފާހަގަކޮށްލެވޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ ކަންނެލި، ޔޫރަޕުގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތް ހިމެނެއެވެ.
އަދި ޚާއްޞަ ގޮތެއްގައި، އަދި އުމުރުން ދުވަސްވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި، ކުދިން ޚިތާނުކުރުމުގެ މަސައްކަތްވެސް އޭނާ ވަނީ ކުރައްވާފައެވެ.
ސަރުކާރުން ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ޢަބްދުލްކަރީމަށް ދެއްވާފައެވެ.
ޢަބްދުލްކަރީމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (އިސްލާމީ މަރުކަޒު)ގައެވެ.