ތެލުގެ ވަގުވިޔަފާރީގެ ރިޕޯޓް ވަހީދު ފޮރޮވިކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp
maldives news

އެސްޓީއޯ އިން ހިންގިކަމަށް ދުހުމަތުކުރާ ވަގުވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ފޮރުވާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލަ އެއް ހުށަހަޅައިފި އެވެ.

މާފަންނު ހުނޅަގު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ އެސްޓީއޯ ޕަބްލިކް ލިމިޓެޑުގެ 100 ޕަސެންޓް މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997 ގައި ސިންގަޕޫރު ޕްރިއިވެޓް ލިމިޓެޑުން ރާއްޖޭން ބޭރުގައި ހިންގި ވަގު ވިޔަފާރިއާއި މަނީ ލޯންޑްރިންގްތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ބިނަ އަދަދެއްގެ ފައިސާ ގުޅޭ މައްސަލަ ބެލުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަކަމަށެވެ.

އެގޮތުން އަށެއް ޖޫން 2010 ގައި ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށް ރިޕޯޓެއް ތައްޔާރުކޮށް ބައިނަލް އަގްވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވެރިކަން ބަދަލުވެ ޑރ.ވަހީދު ވެރިކަމަށް ވަޑައިގެންނެވީކަމަށެވެ.

ފަލާހުގެ ހުށަލެޅުއްވި މައްސަލައިގައި ވިދާޅުވެފައުވަނީ ޑރ ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވިކަމަކީ އެތަށް މިލިއަން ޑޮލަރެއް ހޭދަކޮށްގެން ދައުލަތުގެ ފައިސާއިން އެ ރިޕޯޓް ބައްލަވައިގަތުންކަމަށެވެ. އަދި މިކަން ޑރ ވަހީދު ކުރެއްވެވީ ވަރަށް ސިއްރިޔާތުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޖުމްލަ 18 ކަމެއް ފާހަގަކޮށް މެންބަރު ހުޅަހެޅުއްވި މި މައްސަލައިގައި ވާގޮތުން އެ ރިޕޯޓް ބައްލަވަގަތުމުގެ މަސައްކަތް ނިމިފައިވަނީ 2012 މަހު މާޗް މަހުގައެވެ.  އަދި އެ ރިޕޯޓް ލިބުމާއެކު އެ ރިޕޯޓް ގެއްލިފައިވާ ކަމަށާއި އަދި މިހާތަަނަށް އައި އިރުވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ރިޕޯޓް ފެނިފައި ނުވާކަމަށްވެސް ފަލާހު ވިދާޅުވެއެވެ.

މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވާގޮތުން އެ ރިޕޯޓް ދައުލަތަށް ބައްލަވައިގަތުމުގައި ރިޕޯޓް ތައްޔާރުކުރި ކުންފުންޏާއި ކުރެއްވި ހުރިހާ މުއާމަލާތެއް ކުރެއްވީ އޭރުގެ ބަންޑާރަނައިބަކަށް ހުންނެވި އާޒިމާ ޝުކޫރުގެ ސީދާ ބައިވެރިވެ، އެކަމަނާގެ ބެއްލެވުމުގެ ދަށުންނެވެ. އެގޮތުން ރިޕޯޓް ބައްލަވައިގަތުމަށް ދައްކަންޖެހޭ އަގު ކަނޑައަޅާ އެއްބަސް ވެފައިވަނީ ވެސް އާޒިމާ ކަމަށް މި މައްސަލައިގައިވެއެވެ.

އަދި މީގެ އިތުުރުން މިކަންތައް ކުރީގެ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފައިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދަށް ވެސް އެގިވަޑައިގަންނަވާކަމަށާއި އެ ބޭފުޅުންނާއި ސުވާލުކޮށްގެން ރިޕޯޓް ހޯދައި މަޖިލީހަށް ހުށާހަޅަން ވެސް ު މެންބަރުވަނީ ސަރުކާރަށް ގޮވާލަށްވާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ކޮށްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމިން އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިކުރިކަމަށް ތުހުމަތުކޮށް އެކަން ތަހުގީގު ކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުށް އެ މައްސައިގެ ރިޕޯޓެއް އޭރުގައި އާންމު ކުރިއެވެ.

މި މައްސަލަ ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ރިޕޯޓް ނެރެން އޮތީ ހަތެއް ފެބްރުއަރީ 2012 ގައި ކަމަށެވެ. އެދުވަކީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހެވެ.

ޑރ. ވަހީދާއި ގުޅޭގޮތުން އެމްޑީޕީ މެންބަރެއް މަޖިލީހަށް  މައްސަލަ މި ހުށަހެޅުއްވީ އެމަނިކުފާނު އިނދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް އައްޔަން ކުރިތާ އެއްދުވަސް ފަހުންނެވެ.

Loading

One Response

  1. ސަހަރޯ ސަހަރޯ، ފަލާ ކައިރިން އަހާބަލަ އެބުނާހެން ރައީސް އޮފީހުގައި އޮތް އޭނާގެ ބޭބެ އަދި ފަހަރި މާރިޔާގެ ޙިއްސާވާ އިލްޔާސް އިބްރާހިމްގެ އެފްޕީއައިޑީ ރިޕޯޓަށް ކުރީގެ ރައީސް ނަޝީދު ހެއްދެވީ ކިހިނެއްތޯ. އެފަދަ ޚިޔާނާތްތެރިންނަށް ގުދޯގުދޯ ގޮވުންނޫން ކަމެއްނުވާނެ. މަޖިލިސް މެޖޯރިޓީ ލިބުނީމަ ކޮންކަމެއްތޯ ރައްޔަތުންނަށް ކޮށްދެވުނި؟ ސަރުކާރު ނުހިންގިގެންވެސް އުޅެނީ މިބައިގަނޑާ ހެދި. އެހެންމީހުންްގެ ބޮލުގައި އަޅުވައިގެން ކަމެއްނުކުރެވި 2 އަހަރު ވެރިކަމަށްވަނީ. ގާބިލުކަމެއްނެތް މީހުން މިފަދަ މަގާމުތަކަށް ރައްޔަތުން ހޮވާތީ ދެރައީ. ދެންވެސް ކޮންމެވެސް ދޮގު ސްޓޯރީ ޖައްސައިގެން ކައުންސިލް ވޯޓްހޯދަން ރާވާނީ. ވަރަށް ދެރަވަރު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް