މިލިޓްރީ ސަރވިސްގެ ދެބަސްވުމަކާ ގުޅިގެން އިސްރާއީލު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދީނީ ޕާރޓީއެއްގެ 6 މެމްބަރަކު ކޯލިޝަނުން ވަކިވެއްޖެއެވެ. ޔުނައިޓެޑް ޓޯރާހ ޖުޑައިޒަމް ޕާރޓިން ސަރުކާރުގެ ކޯލިޝަންގައި ބައިވެރިވުމުން ވަކިވުމުގެ ސިޓީ ޕާރލަމެންޓްރީ ކޮމިޓީ ތަކަށާއި އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް މިހާރު ވަނީ ރައްދު ކޮށްފައެވެ. އެ ޕާރޓީގެ މެމްބަރުން ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހުނު ސަބަބަކީ ޔަހޫދީންގެ އޮތޯޑޮކްސް މަޒުހަބަށް ނިސްބަތް ކުރެވޭ ކިޔަވާކުދިން މިލިޓްރީ ޚިދުމަތުން އިސްތިސްނާކުރަން ގާނޫނަށް ގެންނަން ބޭނުންވި އިސްލާހް ކާމިޔާބު ނުވުމާ ގުޅިގެންނެވެ.
ޔުނައިޓެޑް ޓޯރާހ ޖުޑައިޒަމް ޕާރޓިން ސަރުކާރުގެ ކޯލިޝަނުން ވަކިވުމުންވެސް ހިމަހިމަ ތިނޯހެއްގެ ފަނގަ ވަރުގެ ކުޑަ އަޣްލަބިއްޔަތެއް ސަރުކާރުގެ ކޯލިޝަން ދެމިއޮތުމަށްޓަކައި ލިބިފައި އެބަ އޮތެވެ. އެހެންނަމަވެސް މިހާރު އަޑުތައް ގަދަވެފައިވާ ޝާސް ޕާރޓީން ސަރުކާރުގެ ކޯލިޝަނުން ވަކިވެއްޖެނަމަ ނަތަންޔާހޫއަށް ސަރުކާރު ގެއްލޭނެއެވެ. ޝާސް ޕާރޓިއާއި ޔުނައިޓެޑް ތޯރާހް އަކީ އެއް ފިކުރެއްގެ 2 ސިޔާސީ ޕާރޓީއެވެ. ޝާސް ޕާރޓީން ސަރުކާރުގެ ކޯލިޝަނުންވަކިވިޔަސް ޖުލައި މަހު ފަހުކޮޅު ޕާރލަމެންޓް ޗުއްޓީއަށް ދިއުމަށް ރޭވިފައި ވުމުން ސަރުކާރު އަލުން ނެގެހެއްޓޭނެ މަގެއް ހޯދަން ނަތަންޔާހީއަށް 3 މަސްދުވަހުގެ މުހުލަތެއް ލިބޭނެއެވެ.
ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމަށް ގަތަރާއެކު ނަތަންޔާހޫ މަޝްވަރާ ކުރަމުން ގެންދިއުމުގެ ސަބަބުން އިސްރާއިލުގެ ފާރ-ރައިޓް ސިޔާސީ ޕާރޓީން ރަތްރޮނގު މައްޗަށް އަރާތިބެ ނަތަންޔާހޫއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުން އެބަގެންދެއެވެ.
ޔުނައިޓެޑް ޓޯރާހ ޖުޑައިޒަމް ޕާރޓިން ސަރުކާރުގެ ކޯލިޝަނުން ވަކިވުމުގެ ކުރިން އެ ޕާރޓިން ބޭނުންވެފައިވާ އޮތޯޑޮކްސް މަޒުހަބުގެ ކިޔަވާކުދިން މިލިޓްރީ ޚިދުމަތުން އިސްތިސްނާ ކުރުމަށް ގާނޫނަށް ގެންނަޏްޖެހޭ އިސްލާހްތައް ގެނެސް ނިންމުމަށް 48 ގަޑިއިރުގެ މުހުލަތެއް ވަނީ ދީފައެވެ. އެ ޕާރޓީން ބުނެފައިވާ ގޮތުގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ ވާހަކަ ދައްކާތާ މިހާރު މާގިނަދުވަސް ފާއިތު ވެގެން ހިގައްޖެއެވެ. ގަތަރު މެދުވެރިވެގެން މިހާރު މަޝްވަރާ ކުރެވެމުންދަނީ 60 ދުވަހަށް ހަނގުރާމަ ހުއްޓާލައި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީތަކަށް ހުޅުވާލެވިފައިވާ ގޮތެއްގައި މަގު ފަހި ކުރުމާއި އަދި ހަމާސް އިން މިހާރު ހިފާއްޓާފައިތިބި ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މިހުން އެ މުއްދަތުގެ ތެރޭގައި މިނިވަން ކުރުމަށެވެ. އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުވޭނެ ގޮތެއްވެސް އެމުއްދަތުގެ ތެރޭގައި އެކަށަ އެޅިގެންދާނެކަމަށް ބެލެވެއެވެ.
އިސްރާއީލުން ހަމާސްއާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް އާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގުވިރް ތާއީދެއް ނުކުރެއެވެ. އެހެންނަމަވެސް ރަނގަޅު ހުށައެޅުމެއް މޭޒުމައްޗަށް އަތުވެއްޖެނަމަ ނަތަންޔާހޫ އެ ފުރުސަތުގެ ބޭނުން ކުރާނެކަމަށް ނަތަންޔާހޫ ވަރަށް އިތުބާރު ކުރާ ޓޮޕާޒް ލޫކް އަންގާރަ ދުވަހު އާރމީ ރޭޑިއޯގައި ބުނެފައި ވެއެވެ.
21 މަސްދުވަސް ވާންދެން ހަމާސްއާދެކޮޅަށް ހަނގުރާމަކުރަންޖެހުމުގެ ސަބަބުން އިސްރާއީލުގެ މިލިޓްރީވަނީ ވަރުބަލި ވެފައެވެ. އެ ހަނގުރާމައިގާ އިސްރާއީލުން ވަނީ ގައްޒާ އެއްކޮށް ވީރާނާ ކޮށްލައި އަދި 58000 ފަލަސްތީނީން ޝަހީދު ކޮށްލާފައެވެ. އިސްރާއީލުގެ ސިފައިންގެ ތެރެއިން 450 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން އިއުތިރާފު ވެފައި ވެއެވެ.
ގައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގްވާމީ ގޮތުން އިސްރާއީލަށް ކުރިމަތި ކުރަމުން ގެންދާ ފިއްތުންތަކަށް މިހާތަނަށް އިސްރާއީލުން ދީފައިވާ ޖަވާބާއި އަދި ބޯޑަރ ހުޅުވާ ދީފައިވާ މިންވަރު ނުފުދޭކަމަށް ފަރަންސޭސި ރައީސް މެކްރޯން ފާޑު ވިދާޅުވެއްޖެއެވެ. ރައީސް މެކްރޯންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށްވެސް ފަރަންސޭސި ވިލާތުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު ރަސްމީ ގޮތުން މިހާރު އޮންނާނީ ހުޅުވާ ދީފައި ކަމަށެވެ. އަދި ފަރަންސޭސި ވިލާތަށް ހިޖުރަ ކުރަން ބޭނުންވާ ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށް އެގައުމުގެ އެހެން ރައްޔިތުންނަށް ލިބިދޭ ހުރިހާ އިނާޔަތެއް ލިބިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އީރާނަށް އަލުން ހަމަލާދިނުމަށް ތައްޔާރު ވަމުންދާކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިއުލާންކުރުމާގުޅިގެން އީރާނަށް ހަމަލާދީފިނަމަ ފަރަންސޭސި ވިލާތުން އިސްރާއީލަށް ހަމަލާ ދޭނެކަމަށް ފަރަންސޭސި ރައީސް މެކްރޯން އިންޒާރު ދެއްވުމާ ގުޅިގެން މެދުއިރުމަތީގެ ހާލަތަށް ކުއްލި ބަދަލުތަކެއް އަތުވެދާނެކަމުގެ ކޮޅުމަތިވެސް ފެންނަން ފަށައިފިއެވެ. ފަރަންސޭސި ވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުމާއި އަދި ފަރަންސޭސި ވިލާތުން އިސްރާއީލުގެ ދިފާއީ އުފެއްދުންތަކާއެކު އޮންނަ ގުޅުން ކަނޑާލަން އަންގަވައިފިކަމަށްވެސް މީޑިއާތަކުގައި ބުނެފައިވެއެވެ.
ފަރަންސޭސި ވިލާތަކީ މިހާތަނަށް އިސްރާއީލާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ގައުމެކެވެ. އެހެންނަމަވެސް ފަރަންސޭސި ވިލާތުން ފަލަސްތީނުގެ މައްސަލައިގާ ދެކޭގޮތް މިހާރުވަނީ ބަދަލު ވެފައެވެ. ދާދިފަހުން އިނގިރޭސި ވިލާތުގެ ޕާރލަމެންޓުގައި ވާހަކަފުޅު ދައްވަކަވަމުން އެއްވެސް ޝަރުތެއްނެތި އިސްރާއީލުގެ ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށާއި އަދި އެކަމާދޭތެރޭ ކުރާނެ މަޝްވަރާއެއްވެސް ނެތްކަން މެކްރޯން ވަނީ އިއުލާން ކުރައްވާފައެވެ. އަދި ހަމައެއާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ލަސް ނުކުރެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފަރަންސޭސި ވިލާތުގެ ވިސްނުން ކުއްލިއަކަށް ބަދަލުވުމުން ގިނަ ގައުމުތަކަކަށް ވަނީ ހައިރާން ކަމެއްވެސް ލިބިފައެވެ.