އެންމެ އުމުރުވަސްވީ މެރަތަން ދުވުންތެރިޔާކަމަށް ބެލެވޭ، އުމުރުން 114 އަހަރުގެ ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ހިސާބުގަނޑުގައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. ފުލުހުން މިހާރު ދަނީ ފައުޖާ ސިންގް ގައިގައި ޖެއްސި ކާރު ހޯދަމުން ކަމަށް ޚަބަރު ލިބެއެވެ.
އިންޑިޔާ ގެ ޕަންޖާބަށް އުފަން ފައުޖާސިންގ ވަނީ މެރަތަން ދުވުމުގެ ދުނިޔޭގެ އެތައް ރިކޯޑެއް ހަދާފައެވެ. އުމުރުން 89 އަހަރުގައި ދުވަން ފެށި ފައުޖާ ސިންގް ވަނީ 2000 ވަނަ އަހަރާ 2013 ވަނައަހަރާ ދެމެދު 9 ފުލް މެރަތަން ދުވެފައެވެ. އޭނާ 2013 ވަނަ އަހަރު މެރަތަން ދުވުމުން ރިޓަޔާ ކޮށްފައި ވީނަމަވެސް ތައްޔާރު ވަމުން އައީ އީސްޓް ލަންޑަންގައި އުޅޭ ސީކް ދީނުގެ މީހުން ހިންގާ ޗެރިޓީ އަކުން ފައުޖާ ސިންގް ގެ ހަޔާތުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވަން އުޅުނު ހަރަކާތަކަށް ކަމަށް ޚަބަރުލިބެއެވެ.
ފައުޖާ ސިންގް ގެ މަރުގެ ޚަބަރާ ގުޅިގެން އެކިފަރާތްތަކުން ދަނީ ހަމްދަރުދީގެ މެސެޖްތައް ފޮނުވަމުންނެވެ.ނަރެންދުރަ މޯދީ އޭނާ ސިފަ ކުރައްވާފައިވަނީ ފައުޖާ ސިންގް އަކީ ހައިރާންވާފަދަ އަޒުމަކާއެކު މަސައްކަތް ކުރަމުން އައި އާދަޔާ ޚިލާފް އެތުލީޓެއް ގެ ގޮތުގައެވެ.
ފައުޖާ ސިންގް ވަނީ 2012 ވަނަ އަހަރު އޮތް ލަންޑަން އޮލިމްޕިކްސްގެ ތޯޗް ވެސް އުފުލާފައެވެ. އަދި 2011 ވަނަ އަހަރުވަނީ ފުލް މެރަތަން އެއް ފުރިހަމަ ކުރި 100 އަހަރުން މަތީގެ ފުރަތަމަ މީހާގެ ރިކޯޑްވެސް ހޯދާފައެވެ.
1992 ވަނަ އަހަރުން ފެށިގެން ފައުޖާ ސިންގް އުޅެމުން އައިސްފައިވަނީ އީސްޓް ލަންޑަންގެ އިލްފޯޑް ގައެވެ. ނަމަވެސް އެކްސީޑެންޓް ހިނގާފައިވަނީ އިންޑިޔާގެ އޭނާގެ އުފަން އަވަށަށް އައިސްހުރި ދަތުރެއްގައި އެރަށުގައެވެ.