ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިވެރިން ހޮވުން މިއަދު މާލެ ސިޓީގައި ބާއްވައިފިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީގޮތުންނާއި އަދި ނަފްސާނީގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚުލާޤު ރަނގަޅު، ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
މިއަދު މާލެ ސިޓީގައި މިބައި ކުރިއަށްގެންގޮސްފައިވާއިރު، މި މަރުޙަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ޖުލައި 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.
މިނިސްޓްރީ އޮފް ޑިފެންސުން މަޢުލޫމާތުދޭގޮތުގައި، މި މަރުޙަލާގައި، ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓު އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުމަށް ހަމަޖެހިފައިވަނީ 350 ބައިވެރިންނެވެ.
މި ކަމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ ހުށަހަޅާފައިވާ ތަރުތީބުން ލިސްޓް ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެން ކަމަށާއި، ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރު ފެށޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.