ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް، ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިހާރު ހުރި ސިނަމާ ކަމަށްވާ އޮލިމްޕަހުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު އުފައްދާ މީހުންނަށް ދަތިތަކާ ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މަރާމާތަށް އޮލިމްޕަސް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައިވެސް ވަރަށް ގިނަ ދުވަސްތަކަކަށް މަރާމާތަށް އޮލިމްޕަސް ބަންދުކުރިއެވެ. ހަމަ އެފަދައިން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައިވެސް އޮލިމްޕަސް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބަންދުކުރިއެވެ.
އޮލިމްޕަސް އެކި ފަހަރުމަތިން ބަންދުކޮށްފައި ބަހައްޓަންޖެހުމަކީ ފިލްމު އުފައްދާ މީހުންނަށް މާލީގޮތުން ގެއްލުމާ ކުރިމަތިލާންޖެހޭ ކަމަކަށްވާތީ، އޮލިމްޕަސް ހުރިގޮތަށް ބަހައްޓާފައި އިތުރު ސިނަމާއެއް ޒަމާނީ ފެންވަރަށް އެޅުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، އެ މަސައްކަތް ކުރުމަށް ބޭރުގެ އިންވެސްޓަރުން ތައްޔާރަށް ތިބިކަމަށާއި، މިއީ ތޯތޯއަށް ދައްކަވާ ވާހަކަފުޅެއް ނޫންކަމަށެވެ.
ޒަމާނީ ފެންވަރަށް ހުޅުމާލޭގައި ސިނަމާ އަޅާ ސިނަމާ އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭން ބިމެއް ހަމަޖައްސައިގެން ކަމަށާއި، އެ ތަނުގައި ސިނަމާ އަޅާނީ ގާތްގަނޑަކަށް ހަތަރު ތިއޭޓަރު ހިމެނޭ ގޮތަށް ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު ވިދާޅުވިއެވެ.