މިއީ ރަޝިޔާގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.
އަހަރެންގެ މަންމަ އަހަރެން ދޫކޮށްލީ ވިހޭތާ ދިހަވަރަކަށް ދުވަސްވެސް ނުވަނީހެވެ.އަގުހެޔޮ ރަޖާ ކޮޅަކަށްލާއޮޅާލައި ކުޑަ ބާސްކެޓަކަށް ލާފަ އަހަރެން ގެންގޮސްބާއްވާފަ އޮތީ ނުވެސް ދަންނަ ބައެއްގެ ގޭގެ ދޮރުމަތީގައެވެ. އަހަރެންގެ ފުރަތަމަ ރުއިމުގެ އަޑު އިވި އެމަންމަގެ ހިތުގައި ރަހުމެއް ނުއުފެދުނެވެ.ކުނި އުކާލާގޮތަށް ވަށިގަނޑަކަށް ލާފަ ގެންގޮސް އެއްލާލީއެވެ.
އެގޭ ދެދެމަފިރިން ހެނދުނު ދޮރުހުޅުވާލިއިރު އަހަރެން ފެނި ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދި އެކަންކުރި މީހާ ފެނޭތޯ ބެލިކަމަށް އެމީހުން ފަހުން އެތައް ފަހަރަކު ކިޔާދެއެވެ.
އަހަރެން ”ހޮވީ“ ދަރިން ނުލިބޭ ދެމަފިރިންނެވެ. އެމީހުން އަހަރެން ވައްދާ އަހަރެންނަށް ބޯހިވަހި ކަމެއް ދިނެވެ. އެހެން ނަމަވެސް އެމީހުންގެ އަމިއްލަ ދަރިއެއް ގޮތަށް ބަލައެއް ނުގަތެވެ. ދަރިއަކަށް ހަދާ ހަގީގީ ލޯބި ދިނުމަށް އެމީހުންވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އޯފަނޭޖް އަކަށް ވެސް ނުފޮނުވައެވެ. އެކަމަށްތަކައި އަހަރެން ޝުކުރުވެރި ވަމެވެ.
އަހަރެން ފެނުނު ދުވަހުގެ އިތުރު ހަނދާނަކަށް އެމީހުން ބުނެފައިވަނީ އަހަރެންލާފައި އޮތް ރަޖާގަނޑުގައި ހަރުކޮށްފައިވާ ދެ ލަފްޒުގެ ނޯޓެކެވެ.އޭގައި ”އަހަރެންނަށް މައާފްކުރާތި“ މިހެން ލިޔެފައިވާ ނޯޓެއް ކަމަށް އެދެމީހުން ބުންޏެވެ.
މައިންބަފައިން އެއީ ކޮންބައެއްކަން ނޭނގޭ ކުދިންގެ ކިބައިގައި ހުސްކަމެއް ހުންނާނެކަމަށް ބުނެއެވެ.އެތެރެ ހުސް ބަރަވެއްޔެއް ހެންނެވެ. ނޫން ނަމަ މޫނެއް ގަހެއް ހެންނެވެ. އަހަރެންނަށް ކަންކަން އިނގޭވަރު ވުމުން އެދެމީހުން ބުނަމުން ގެންދެއެވެ.އަހަރުމެންނަކީ ކަލެޔަށް ދުރުހިލޭ މީހުންނެވެ. އަހަރުމެން މިއަދާކުރަނީ އިންސާނިއްޔަތަށްޓަކާ އަދާކުރާ ޑިއުޓީއެކެވެ. އަހަރެން ބަރަވެއްޔަކަށް ނުވަތަ މޫނެއް ގަހަކަށް ވާނެވަރު ނިކަން ވިސްނަވާށެވެ.
އަހަރެން ނިދަން ބާއްވާފަ އޮންނަނީ ހޯލްގައި، ފަތްޖަހާ އެނދެއް ބަހައްޓާފަ އޭގައެވެ.އަހަރެން އެމީހުންނާއެކީ ކާން މޭޒުމައްޗަކަށް ނާރުވައެވެ. އެމީހުން ނިމުނީމަ އަހަރެންކާން ޖެހެނީ ބާކީ ހުންނަ،ފިނިވެފައިވާ ކާއެތި ކޮޅެކެވެ.އަހަރެންނަށް ހެދުން ގަންނާނީ މުޅިންބެސް ބޭނުންކޮށްފަ ހުނަ އެއްޗެތި ވިއްކާ ތަންތަނުންނެވެ.ފްލީ މާކެޓް ތަކުންނެވެ. އެވެސް ދެސައިޒް ބޮޑުކޮންނެވެ. ބަލާބޮޑުކުރި މަންމަ ބުނާނެއެވެ. ވަރަށް އަވަހަށް ހެޔޮވަރު ވެދާނެއެވެ. އެހެދުންތައް ހެޔޮވަރުވާއިރު ބާވެގެންގޮސް ލާން ކެރޭވަރެއްވެސް ނުވާނެއެވެ.
ނަސީބު ރަގަޅުކަމުން އެދެމީހުން އަހަރެން ސްކޫލް އަށްވެސް ފޮނުވިއެވެ.ނަމަވެސް ސްކޫލްގައި އަހަރެންނާ ވާހަކަ ދައްކާ ކުއްޖަކު ނޫޅެއެވެ. ”ސްޓްރޭ ކެޓް“ ކިޔަނީ މަގުމަތީގައުޅޭ ބުޅަލަށެވެ.އަހަރެންނަކީ ”ސްޓްރޭ“ ކުއްޖެއްކަމަށް ސިއްރު ސިއްރުން ކިޔާއަޑުއިވެއެވެ. މިއަޑުތައް އިވުނު ނަމަވެސް އަހަރެން ނުއެއްރޮމެވެ. ރޯންވީ ސަބަބެއް ނެތެވެ.އެކަމަކު އަހަރެން ގެންދިޔައީ އެހުރިހާކަމެއް ހިތުގައި ރައްކާ ކުރަމުންނެވެ. ކޮންމެ ކޮއްޕާލުމެއް، ކުރާކޮންމެ މަލާމާތެއް، ކޮންމެ ފިނި ބަލާލުމެއް އަހަރެން ހެދީ އަމިއްލަ ހިތުގެ ފިއުލް ކަމުގައެވެ.އަހަރެން މިހުރިހާކަމަކުން އަރައިގަތުމަށް ހިތުގައި ކަނޑައަޅާފައިވާ އަޒުމް ހިންގާލުމަށް ބޭނުންވާ ފިއުލް ނުވަތަ ހަކަތައެވެ.
އުމުރުން ތޭރަ އަހަރުގައި އަހަރެން މަސައްކަތް ކުރަން ފަށައިފީމެވެ. އެކިވިޔަފާރިތައް އިސްތިހާރު ކުރުމަށް ބޭނުންކުރާ ”ފްލަޔާސް“ ބަހަން ދަމެވެ.މީހުންގެ ބުޅާތަކާ ކުއްތާތައް ހިނގަން ގެންދަމެވެ.މިގޮތުން ލިބޭ ފައިސާ އަހަރެން ރައްކާކުރަނީ އެގޭގައި ތަޅުމަކަށް ބޭނުން ކޮށްފައިވާ ފިލާ ތަކުގެ ދޭތެރޭގައި ހުންނަ ބާބަލުގައެވެ.
އެއްދުވަހަކު ބިންމަތި ސާފުކުރަނިކޮން ގެންގުޅެބޮޑުކުރި މަންމަ އަށް އެފައިސާ ތައް ފެނުނެވެ.އަދި ކޮންފައިސާއެއްތޯ ސުވާލު ކުރިއެވެ.އަހަރެން މަސައްކަތް ކޮށްގެން ހޯދި ފައިސާ ކަމަށް ބުނުމުން އޭނަބުނީ އެހެންވިއްޔާ މީގެ ފަހުން ގެޔަށް ކާން ލާރި ދޭން ޖެހޭނެ ކަމަށެވެ.
ފަނަރަ އަހަރު ވީއުރު ސްކޫލްގަ ނޫޅޭ ހުރިހާ ވަގުތެއްގައި އަހަރެން އެކި މަސައްކަތް ކުރީމެވެ. އަދި ފުދޭވަރެއްގެ ލާރި ކޮޅެއް އެއްކުރީމެވެ. ސްކޫލްގެ ނަތީޖާތައް ރަނގަޅު ކަމުން އަހަރެންނަށް ކޮންމެ ޔުނިވަސިޓީ އަކަށްވެސް އޮތީ ވަދެވޭ ގޮތަށެވެ. އަހަރެން ނިންމީ އެހެން ސިޓީ އަކުން ޔުނިވަސިޓީ އަށް ދާށެވެ. ބެކްޕެކް އަކާ އެންމެ ކަރުދާސް ފޮއްޓެއް ހިފައިގެން ދާން ފެށުމުން ގެންގުޅެބޮޑުކުރި މަންމަ ބުންޏެވެ. ކަލޭގެ މަންމަ ކަލޭދެކެ ލޯތްބެއް ނުވެއެވެ. ހަމައެފަދައިން އަހަރުންނަށްވެސް ކަލޭދެކެ ލޯތްބެއް ނުވެވުނެވެ. އެކަމަކު އަހަރުން ވާ މިކަން އޮތްގޮތް ތެދަށް އެބަބުނަން ތާއެވެ.
ކަރުދާސްފޮށީގައިވަނީ މާޒީއާ އަހަރެން ގުޅުވާދޭ ހަމަ އެކަނި އައިޓަމް ކަމަށްވާ އަހަރެން ވިހޭ ދުވަހު ހޮސްޕިޓަލުގައި ނަރުހަކު ނަގާފައިވާ ފޮޓޯ އެކެވެ. މަންމަ އަހަރެން ގޮވައިގެން ”އެއްލާލަން“ ދާން ނިކުތް ވަގުތުނަގާފައިވާ ފޮޓޯއެކެވެ.
ޔުނިވަސިޓީގެ ޑޯމްގައި އަހަރެން އުޅުނީ އެހެން ތިން ކުދިންނާއެކުގައެވެ.އަހަރެން ދިރި ހުރީ ހަމައެކަނި އިންސްޓަންޓް ނޫޑްލްސް ކައިގެންނެވެ. އަހަރެން ކުރިކަމަކީ ހަމަ ވަރުގަދަޔަށް ކިޔެވީއެވެ.އެންމެ މަތިން މާކްސްލިބެއެވެ.ސްކޮލަރޝިޕް ލިބޭ ވަރަށެވެ.
ރޭގަނޑު އަހަރެން 24 ގަޑިއިރު ހުޅުވާފަ ހުންނަ ސްޓޯރެއް ގައި މަސައްކަތް ކުރީމެވެ. އޭރުވެސް އަހަރެން ލާފަ ހުންނަ ބާހެދުން ފެނިފަ ބައެއް ކްލާސް ކުދިން މަލާމަތް ކުރެއެވެ.އެއިން އެއްވެސް އަޑެއް އަހަރެން ނާހަމަވެ. އަހަރެންގެ ސިކުނޑީގައި އޭރުވަނީ އެންމެ ޚިޔާލެކެވެ. އަހަރެން އޭނަ ހޯދާނަމެވެ. އޭނަ އެއްލާލި ދަރިއަކީ ކިހާވަރެއްގެ މީހެއްކަން ދައްކާލާނަމެވެ. މިހިޔާލެވެ.
(ނުނިމޭ)