ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާރމިނަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިފައި ކޮންޓްރޯލް ނުވެގެން ގޮސް ޕިކަޕެއްގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އެކަކުގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބިފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި، ޕިކަޕުގެ ކުރިމަތިން، ބިންމަތީގައި ވަރަށް ގިނަ ލޭ ހުއްޓެވެ. އަދި ޕިކަޕުގެ ކުރީކޮޅަށް ގެއްލުން ލިބިފައިވާ މަންޒަރު ފެނެއެވެ.
އެހެން ވީޑިއޯއެއްގައި ފެންނަނީ ސައިކަލެއް ވެއްޓިފައިވާ ތަނާއި ބިންމަތީގައި ޒުވާން ފިރިހެނަކު ބާއްވާފައި އޮތް މަންޒަރެވެ. އޭނާގެ ގާތުގައި ބަޔަކު ތިބިއިރު، ފެންނަ ގޮތުގައި އެ ޒުވާނާގެ ހެޔެއް ނެތެވެ.