ސްކޭމްގެ ތަފާތު 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި މައްސަލާގައި ހިމެނޭ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 12ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އެކި ދުވަސް މަތިން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ނަގާފައިވާ މައްސަލާގައި ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި، މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ސާއިފް އަޙްމަދު ދީދީއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.