ސީ އޮފް އޮމާނުގެ ފެން މެދުތެރޭ އިސްފަހާނާ ހަމަޔަށް ގެނައުމަށްޓަކައި އަޅަމުންގެންދާ ޕައިޕްލައިންގެ މަސައްކަތުގެ ފުރަތަމަ ފޭސް ފުރިހަމަ ކުރެވިއްޖެކަމަށް އެ ސަރަހައްދުގެ ގަވަރނަރ ޖަމާލް ނެޖާދު ހާމަކުރައްވައިފިއެވެ. ސީއޮފް އޮމާނުގެ ލޮނު ފެނަށްހަދައިގެން އީރާނުގެ އިރުދެކުނު ސަރަހައްދުގެ އިސްފަހާންގެ އިންޑަސްޓްރިއަލް ކަސްޓަމަރުން ބޭނުންކުރުމަށްޓަކައި އަޅަންޖެހޭ 800 ކިލޯމީޓަރގެ ޕައިޕްލައިންގެ ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައިކަމަށް އެމަނިކުފާނު މިދިޔަ އަންގާރަ ދުވަހު އިއުލާންކުރެއްވިއެވެ. އަދި ޕަމްޕް ކުރާ ސްޓޭޝަންތަކާއި ސްޓޯރޭޖް ތާންގީ ތަކާއި އެހެނިހެން ވަސީލަތްތައްވެސް މިހާރު ވަނީ ފުރިހަމަކޮށް ނިންމާލެވިފައެވެ.
ޕްރެސްޓީވީގައި ވާހަކަފުޅު ދައްކަވަމުން މި ނިޒާމްގެ ދަށުން އަހަރަކު 70 މިލިއަން ކިއުބިކް މީޓަރުގެ ފެން އިސްފަހާން ސަރަހައްދަށް ފޯރުކޮށްދެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ މަޝްރޫއު އިފްތިތާހް ކުރާނެ ދުވަހެއް ވިދާޅު ނުވެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ މައިގަނޑުގޮތެއްގައި މި މަޝްރޫއުން ފެން ފޯރުކޮށްދެވޭނީ އިސްފަހާނުގެ ތެޔޮ ކާރުޚާނާތަކަށާއި އަދި އިސްފަހާނުގެ އުތުރު ސަރަހައްދުތަކުގެ ތަފާތު އިންޑަސްޓްރީތަކަށެވެ. އަދި އެއަށްފަހު އިސްފަހާނުގެ ހުޅަނގު ސަރަހައްދުގައިހުރި އީރާނުގެ އެންމެބޮޑު ދަގަނޑު އުފައްދާ ފެކްޓްރީ މުބާރަކާ އަށެވެ. މި މަޝްރޫޢަށް އެ 2 ކުންފުނިންވަނީ ސަޕޯރޓްކޮށްދީފައެވެ. މި މަޝްރޫއަށް ކަނޑައަޅާފައިވާ 2 އަހަރުދުވަހުގެ ކުރިން ނިންމާލެވިފައި މިވަނީވެސް އެ 2 ކުންފުނީގެ ސަޕޯރޓާއެކުގައެވެ.
އިސްފަހާނަކީ އީރާނުގައި އިންޑަސްޓްރީތަކާއި ދަނޑުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ސަރަހައްދެވެ. އެ ސަރަހައްދަށް ފުދޭވަރަށް ފެން ނުލިބުމުގެ ސަބަބުން ދަނޑުވެރިންގެ ކަންބޮޑުވުން ސަރުކާރަށް ހިއްސާ ކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް ވެއެވެ. އިސްފަހާނުގެ ދަނޑުބިންތަކަށް އެންމެ ގިނައިން ފެން ލިބޭ ޒަޔަންދަރޫދް ކޯރުން ފެން ބޭނުންކުރެވޭ މިންވަރު ގިނަކަމުން އެ ކޯރު އެއްކޮށް ހިކިދާނެކަމުގެ ބިރު ވަނީ ކުރިމަތި ވެފައެވެ.
ސީ އޮފް އޮމާނުން އިސްފަހާނަށް ލޮނު ފެނަށް ހަދައިގެން ސަޕްލައި ކުރުމުގެ 2 ވަނަ ފޭސް ނިމޭއިރު އެ ސަރަހައްދަށް އަހަރަކު 400 މިލިއަން ކިއުބިކއް މީޓަރގެ ފެން ފޯރުކޮށްދެވޭނެކަމަށް އެ ސަރަހައްދުގެ ގަވަރނަރ އަންދާޒާ ކުރައްވައެވެ.