އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ މީހެއްކަން ކަނޑައަޅައި އޭނާ ހައްޔަރުކުރުމަށް ބައިނަލް އަގްވާމީ ޖިނާއީ އަދާލަތުގެ ކޯރޓުން ހުކުމް ކޮށްފައިވަނިކޮށް ރޯމް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރަންސޭސި ވިލާތާއި އިޓަލީއާއި އަދި ގްރީކުން އެކޯރޓުގެ އަމުރާ ޚިލާފަށް ނަތަންޔާހޫ ދަތުރުކުރި ފްލައިޓް އެ 3 ގައުމުގެ ވައިގެ ސަރަހައްދު ހުރަސްކުރުމަށް ހުއްދަދިނުން ކުއްވެރި ކުރައްވައި ޔުނައިޓެޑް ނޭޝަންސްގެ އިންސާނީ ހައްގުތަކާބެހޭ ޚާއްސަ ރަޕޯރޓެއަރ ފްރާންސިސްކާ އަލްބާނީސް މީޑިއާގައި ޕޯސްޓް ކޮށްފިއެވެ. ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރި ފްލައިޓް ފަރަންސޭސި ވިލާތާއި އިޓަލީ އަދި ގްރީކުގެ ވައިގެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ ދިނުމަކީ ބައިނަލް އަގްވާމީ ޖިނާއީ އަދުލުގެ ކޯރޓްގެ ނިޔާއަށް ގޮންޖެހުން ކަމަށް އެކަމަނާ ވިދާޅުވެފައި ވެއެވެ.
ދަ ހޭގުގައި ގާއިމްކޮށްފައި ހުންނަ ބައިނަލް އަގްވާމީ ޖިނާއީ އަދާލަތުގެ ކޯޓު 2002 ވަނައަހަރު އުފައްދާފައިވަނީ އެ 3 ގައުމުންވެސް ސޮއިކޮށްފައިވާ ރޯމް ޓްރީޓީންކަން ރަނަގަޅަށް އެނގޭއިރު އެކޯޓުގެ އަމުރު ތަންފީޒުކުރުން އެ ގައުމުތަކުގެ މައްޗަށް ލާޒިމް ކުރާނެއެވެ. ބައިނަލް އަގްވާމީ ގާނޫނުތަކަށް ގޮންޖެހުމުން މާދަމާ ފަރަންސޭސި ވިލާތާއި އިޓަލީއާއި އަދި ގްރީކުގެ ރައްޔިތުންނަށް ކުރިމަތިކާންޖެހޭނެ މައްސަލަތައް އެ ގައުމުގެ ރައްޔިތުންވެސް ދެނެގަންނަން ޖެހޭނެއެވެ. އެއީ ހަމައެކަނި ގައުމުތަކުގެ ވެރިން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމަށް ދެކިގެން ނުވާނެކަމަށްވެސް އެކަމަނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އަލްބާނީސްގެ ބަޔާން ބިނާކުރައްވާފައިވަނީ ރޯމް ޓްރީޓީގެ ދަށުން އެ 3 ގައުމުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުން ބޭރުވެ ގަތުމަކީ ގަތުލު އާންމު ހިންގަމުންދާ މުޖުރިމުންނަށް އެއްބާރުލުން ދިނުން ކަމަށް ސިފަ ކުރައްވައި އިންސާނީ ހައްގުތަކާބެހޭ ގާނޫނީ ވަކީލު ކްރެއިގް މޮޚިބަރ އޭގެ ކުރީ ދުވަހު ވިދާޅުވެފައިވާ ވިދާޅުވުމަށް ތާއީދު ކުރައްވާފައެވެ.
ބައިނަލް އަގްވާމީ ޖިނާއީ އަދާލަތުގެ ކޯރޓުން ނަތަންޔާހޫ ހައްޔަރު ކުރަން އަމުރު ކޮށްފައިވަނިކޮށް މިއަހަރު އޭޕްރިލް މަހު ހަންގޭރީގެ ލީޑަރ ވިކްޓަރ އޯރބަންގެ ދައުވަތަކަށް ނަތަންޔާހޫ ހަންގޭރިއަށް ދިޔައެވެ. އެ ދަތުރުގައި ހަންގޭރީން ނަތަންޔާހޫ ހައްޔަރު ނުކުރާންވެގެން އެގައުމުން ރޯމް ޓްރީޓީން އޭގެ އެއްދުވަސްކުރިން ވަނީ ވަކިވެފައެވެ. އެހެންނަމަވެސް ނަތަންޔާހޫ ހަންގޭރީގެ ބުޑަޕެސްޓުން ފުރައިގެން އެމެރިކާއަށް ދަތުރު ކުރުމުގައި އަޔަރލޭންޑާއި އައިސްލޭންޑާއި އަދި ނެދަރލޭންޑްގެ ވައިގެ ސަރަހައްދަށް ވަދެފިނަމަ ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އޮތުމުން ދަތުރުގެ ދިގުމިނަށް 400 ކިލޯމީޓަރ އިތުރުކޮށް އެހެން މަގެއް ވަނީ އިޚްތިޔާރު ކޮށްފައެވެ.
މިއަހަރު ޖެނުއަރީމަހު ރައީސް ޓްރަމްޕް އެމެރިކާގެ ރިޔާސަތާ ހަވާލު ވުމަށްފަހު އެމެރިކާއަށް އެންމެފުރަތަމަ ދަތުރުކުރި އެހެންގައުމެއްގެ ލީޑަރަކީވެސް ނަތަންޔާހޫ އެވެ. އެމެރިކާއަކީ ރޯމް ޓްރީޓިގެ މެމްބަރެއް ނޫނެވެ. އެ ދަތުރުގައިވެސް ނަތަންޔާހޫ ދަތުރުކުރުމަށް ބޭނުންކުރީ ހައްޔަރުކޮށްފާނެކަމުގެ ބިރަށް މާދުރު މަގެއްކަމަށް ޓައިމްސް އޮފް އިސްރާއީލުގައި އޭރު ބުނެފައި ވެއެވެ.
ބައިނަލް އަގްވާމީ ގާނޫނުތައްވެސް ފަރުމާކޮށްފައި މި ހުންނަނީ ނިކަމެތިން ބަނދެގެން ގެންގުޅެން ބޭނުންކުރާ ވާގަނޑެއްގެ މިސާލުގައި ބާވައޭވެސް ބައެއްފަހަރު ހިތަށް އަރައެވެ.