ޞިއްޙީ ދާއިރާއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑޮކްޓަރ އިބްރާހީމް މުޞްޠަފާ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. މުޞްޠަފާއަކީ ޞިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ހެއްދެވުމުގައި ރާއްޖެއާއި ރާއްޖޭންބޭރުގެ ބައެއް ޤައުމުތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.
ޑރ. މުޞްޠަފާ ވަނީ، ތަޢުލީމީގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވާފައިކަންވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.