ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާއިރު، ޖުލައި 10ވަނަ ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
ޖުލައި 10ވަނަ ދުވަހުގެ މެންދުރު 12:00ން ފެށިގެން އެދުވަހުގެ 22:30އާ ހަމައަށް އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަނޑުމަތީގެ ހާދިސާތަކުގެ ތެރޭގައި:
- ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުން:
އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. - ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުން:
އެ މީހާ ވަނީ ފަތާފައި އެ އަތޮޅު ދުވާފަރަށް އަރާފައެވެ. - އަރިއަތޮޅު ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުން:
މި އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފުޖަހައިގެން މާލެއަށް ގެނެސްފައެވެ. - ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވުން:
22 ފަތުރުވެރިންނާއި 15 ފަޅުވެރިންނާއެކު ދަތުރުކުރި މި ސަފާރީ ވަނީ، ފުލުހުންގެ އެހީތެރިކަމާއެކު، ޖުލައި 10ވަނަ ދުވަހުގެ 22:23ގައި ސަލާމަތްތެރިކަމާއެކު ބ. ދަރަވަންދުއަށް ވަދެފައެވެ. - ކ. ގިރިފިނޮޅު ކައިރިން ދަތުރުކުރި ލޯންޗެއް ފަރަށް އެރުން:
މި ލޯންޗުގައި ތިބި 4 މީހުން ވަނީ ޖުލައި 11ވަނަ ދުވަހުގެ 00:05ގައި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ. - މ އަތޮޅުން 7 މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލުން:
މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާއިރު، އަދި މިހާތަނަށް މި ދޯނި ފެނިފައެއްނުވެއެވެ. - މާލޭން ލ. ހިތަދުއަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށްދިއުން:
8 ދިވެހީންނާއި 4 ބިދޭސީންނާއެކު މާލޭން ލ. ހިތަދުއަށް ދަތުރުކުރި ”އޯޝަން އެކްސްޕްރެސް“ ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާއިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ، އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު، ޖުލައި 10ވަނަ ދުވަހުގެ 22:52ގައި މާލެ ގެނެސްފައެވެ.